ދިއްގަރު ދާއިރާގެ ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން ދިއްގަރުގައި
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނުކުރުމަށް ބާއްވާ ހާއްސަ ޖަލްސާ ދިއްގަރުގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ޖޫން 2015 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އެންޑޯސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބާއްވާ ޚާއްސަ ޖަލްސާ ދިއްގަރުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނީ އެދުވަހުގެ އިންތިހާބުގެ ކަންކަން ބެއްލެވުމަށް ކޮމިޝަނުގެ ތިން މެންބަރުން ދިއްގަރު ދާއިރާގައި އިންތިޚާބުގެ ދުވަހު ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވާތީ ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ. " އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކަކީ ވީހާވެސް ދެފުއްފެންނަ، ޢާންމު ރައްޔިތުންނާއި ގާތުން ހިންގޭ މަސައްކަތްތަކެއް ކަމުގައިވުން މުހިންމު ކަމަށް މިކޮމިޝަނުން ދެކޭ،" އިލެކްޝަނުން މިއަދު އާންމު ކުރި ލިޔުމުގައި ބުނެފައިވެ އެވެ. މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބުތަކުގެ ވަގުތީ އަދި ދާއިމީ ނަތީޖާވެސް އިއުލާނުކޮށްފައި ވަނީ މާލޭގައި ބޭއްވޭ ހާއްސަ ޖަލްސާއެއްގައެވެ. މިއީ މާލެ ނޫން އެހެންތަނެއްގައި ވަގުތީ ނަތީޖާ އިއުލާނު ކުރާ ފުރަތަމަ ފަހަރެވެ. ދިއްގަރު ދާއިރާއަށް ހަތަރު ބޭފުޅަކު ވާދަކުރައްވާ އިރު އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ ކެނޑިޑޭޓް އަހްމަދު ފާރިސް މައުމޫނާއި އެމްޑީޕީގެ ކެނޑިޑޭޓް މ. މަޑުއްވަރީ ކާނިގޭ އަހްމަދު ރާޒީ އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމުގައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސް މޫސާ ނަސީރު އަހްމަދާއި މ. މަޑުއްވަރީ ފީރޯސް ޝަމީމް އަލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ