ނ.ހެނބަދޫ އިން ނަޝީދަށް ނޫނެކޭ ބުނެފި

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޙާބުގައި އެ ޕާޓީގެ ރައީސް ކަމަށް ވާދަ ކުރެއްވި މުހައްމަދު ނަޝީދު އަށް ނ.ހެނބަދޫ އިން ނޫނެކޭ ބުނެފިއެވެ.
އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރީ ނަޝީދު އެކަންޏެވެ. އެހެންކަމުން ނަޝީދު އެމްޑީޕީގެ ރައީސް ކަމުގައި ހުންނަން ފެނޭތޯ ބަލަން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.
ހެނބަދޫގެ ނަތީޖާ ދައްކާ ގޮތުން 86 މީހަކު ވަނީ ނަޝީދު އެމްޑީޕީގެ ރައީސް ކަމަށް ގެންނަން ނުފެންނަ ކަމަށް ވޯޓް ދީފައެވެ. ނަޝީދު އެމްޑީޕީގެ ރައީސް ކަމަށް ގެންނަން ފެންނަ ކަމަށް ވޯޓް ދިނީ 17 މީހުންނެވެ. ބާތިލް 01 ވޯޓް އެރަށުގެ ވޯޓް ފޮށީގައި އެބައޮތެވެ.
އެހެންކަމުން ހެނބަދޫ އެމްޑީޕީ މެންބަރުންގެ 82.7 އިންސައްތަ މީހުން ވަނީ ނަޝީދަށް ނޫނެކޭ ބުނެފައެވެ. ނަޝީދަށް އާނ ބަސް ބުނީ 16.3 އިންސައްތަ މީހުންނެވެ. ބާތިލް ވޯޓްގެ އިންސައްތަ އަކީ 0.96 އެވެ.
ހެނބަދޫ އެމްޑީޕީ މެންބަރުން ނަޝީދަށް ނޫނެކޭ ބުނި ނަމަވެސް ގިނަ ރަށްރަށުގެ އެމްޑީޕީ މެންބަރުން ގެންދަނީ ނަޝީދު އެމްޑީޕީގެ ރައީސް ކަމަށް ގެންނަން ބޮޑު އިންސައްތަ އަކުން އާނ ބަސް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ