800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއާ ބެހޭ ގޮތުން މައުމޫން ކޮމެޓީއަށް ހާޒިރު ކުރުމަށް ހުށަހަޅައިފި

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެސްޓީއޯގެ ޗެއާމަނަކަށް ހުންނެވިއިރު، ސިންގަޕޫރުގައި ތެލުގެ ވިޔަފާރި ކުރުމަށް އުފެއްދި މޯކަމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑު މެދުވެރިކޮށް ސިންގަޕޫރުގައި ވަގަށް ހިންގި ކަމަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގައުމީ ސަލާމަތު ކޮމެޓީއަށް ހާޒިރު ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ހުށަހަޅުއްވައިފި އެވެ.
މައުމޫން ކޮމެޓީ އަށް ހާޒިރުކޮށް ސުވާލު ކުރުމަށް މޫސަ ހުށަހެޅުއްވީ އަންނަ ހަތްފާގެ ބުރާސްފަތި ދުވަހަށެވެ. މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ 800 މިލިއަން ޑޮލަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތަކެއް ކޮމެޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާއިރު، މައުމޫން އެ މައްސަލައިން އިސްތިސްނާވެގެން ނުވާނެ ކަމަށެވެ.
ރީކޯ މޫސަ ވިދާޅުވީ ކޮމެޓީން ތަހުގީގު ކުރަމުން އަންނަ 800 މިލިއަން ޑޮލަރުގެ މައްސަލަ ބަލައި ކޮމެޓީން މިއަހަރު ނިންމަންވާނެ ކަމަށެވެ.
"ތެލުގެ ވަގު ވިޔަފާރި ހިންގި މީހުންގެ ނަންތަކުގެ ތެރޭގައި އިސްކޮށް މައުމޫންގެ ނަން އެބަހިމެނޭ. ހުރިހާ އެންމެ ކޮމެޓީއަށް ހާޒިރު ކުރާއިރު އޭނަ [މައުމޫން] އެކަމުން އިސްތިސްނާވެގެންނުވާނެ. އެހެންވީމަ އަޅުގަނޑު ހުށަހަޅަން މި މަހުގެ 22ވާ ބުރާސްފަތި ދުވަހު މައުމޫން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް. އަދި މިއަހަރު ވާނެ މިކަންތައް ބަލައި [ކޮމެޓީ] ތަހުގީގުކޮށް ނިންމަން،" މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ ހަތަރު މެންބަރުންނާއި ޑީއާރްޕީގެ އެންމެ މެންބަރަކު އިންނެވި ގައުމީ ސަލާމަތު ކޮމެޓީގެ ބައްދަލުވުމަށް މޫސަގެ ހުށަހެޅުއްވުން ބަލައިގެންނެވި ކަމަށް ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވި އެވެ. މޫސަގެ ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު މިއަދު ތާއިދު ކުރައްވާފައެއް ނުވެ އެވެ. އަލީ ވަހީދު ވިދާޅުވީ މޫސަގެ ހުށަހެޅުއްވުން ކުރިއަށް ގެންދަވާނީ ގިނަ މެންބަރުން ހިމެނޭ ކޮމެޓީއެއްގައި ކަމަށެވެ. އަދި މައްސަލައަށް ވޯޓަށް އަހާނީ ވެސް ގިނަ މެންބަރު ބައިވެރިވެގެން ބާއްވާ ކޮމެޓީގެ ބައްދަލުވުމުގައި ކަމަށެވެ.
މައުމޫން ކޮމެޓީ އަށް ހާޒިރު ކުރުމަށް މޫސަ ހުށަހެޅުއްވި މައްސަލާގައި ވާހަކަދައްކަވަމުން ކޮމެޓީގައި އެވަގުތު އިންނެވި ހަމައެކަނި އިނދިކޮޅު މެންބަރު ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު ވިދާޅުވީ މައުމޫން ކޮމެޓީއަށް ހާޒިރު ކުރުމުން ގައުމުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ 800 މިލިއަން ޑޮލަރުގެ މައްސަލާގައި ކޮމެޓީން ކުރި ތަހުގީގުތަކުން މައުމޫންގެ އެއްވެސް އަތެއް ވާކަން އެނގިފައި ނުވާ ކަމަށެވެ. އަދި ސަބަބަކަށް ނުވާ ކަމެއްގައި މައުމޫން ކޮމެޓީއަށް ހާޒިރު ކުރުމުން ގައުމީ ސަލާމަތަށް ނުރައްކާ ބޮޑުވެ، ގައުމުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ކަމަށް ޒުބައިރު ވިދާޅުވި އެވެ.
ޔާމިން އާއި މައުމޫން ހިންގެވި ކަމަށް ތުހުމަތު ކުރާ ތެލުގެ ވިޔަފާރި ގައުމީ ސަލާމަތުގެ ކޮމެޓީން ތަހުގީގު ކުރަމުންދަނީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލާގައި ޔާމިން ކޮމެޓީ އަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ އިރު، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަނިކާއި އެސްޓީއޯ ބޯޑުގެ ކުރީގެ ޗެއާމަން ހުސައިން ޝަރީފާއި، އެސްޓީއޯ ބޯޑުގެ ކުރީގެ މެމްބަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އިބްރާހިމް ޝިޔާމާއި ސިންގަޕޫރުގެ މޯކަމް ކުންފުނީގެ ދެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި އެސްޓީއޯގެ އެކައުންޓްސް އެގްޒެކެޓިވް ސަނާ މަންސޫރާއި އެޗް އާރު ހެޑް ފާތުމަތު އާޝާން ވެސް ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
ތެލުގެ ވިޔަފާރީގައި މައުމޫނާ ޝާމިލްވާކަމަށް އެވެސް ފަރާތަކުން ކޮމެޓީގައި ބުނެފައިއެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ