ތެލުގެ އަގުހެޔޮވުމުން ކަރަންޓު ސަބްސިޑީން 24 މިލިއަން ރުފިޔާ ސަލާމަތްވި: އެންސްޕާ

ސަރުކާރުން މިދިޔަ ދެމަހެއްހާ ދުވަސްތެރޭ ތެލުގެ އަގަށް ގެނެސްފައިވާ ބަދަލާއެކު ކަރަންޓު ސަބްސިޑީން ގާތްގަނޑަކަށް 25 އިންސައްތަ ސަލާމަތްކުރެވިފައިވާ ކަމަށް އެންސްޕާ އިން ބުނެފި އެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވީ ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ތެލުގެ އަގަށް ސަރުކާރުން ގެނެސްފައިވާ ހެޔޮބަދަލާއެކު ކަރަންޓުގެ ސަބްސިޑީން ގާތްގަނޑަކަށް 25 ޕަސެންޓް ހެޔޮކުރެވިފައިވާ ކަމަށެވެ.
"އެ ބަދަލާއެކު ކަރަންޓުގެ ސަބްސިޑީން 25 ގާތްގަނޑަކަށް ހެޔޮކުރެވިފައި އެހުރީ، އެހެންވީމަ އިރާދަކުރެއްވިއްޔާ ސަރުކާރަށް ހަމަ މޭޖާ ޕޯޝަންއެއް ސޭވްކުރެވިގެންދާނެ،" މުޖުތަބާ ވިދާޅުވި އެވެ.
މުޖުތަބާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ކަރަންޓު ސަބްސިޑީއަށް މަހަކު 81 ރުފިޔާ ޚަރަދުވެ އެވެ. އެއީ މުޅި އަހަރަށް ބަލާއިރު 977 ރުފިޔާ އެވެ. އެހެންކަމުން ތެލުގެ އަގަށް ގެނައި ބަދަލާއެކު 25 ޕަސެންޓް ހެޔޮކުރެވިފައިވާ ނަމަ އެއީ ގާތްގަނޑަކަށް 24 މިލިއަން ރުފިޔާ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލާއެކު ކުރިން 16 ރުފިޔާ އަށް ވިއްކަމުން އައި ޕެޓްރޯލް އަދި ޑީސަލް ލީޓަރެއް މިހާރު ލިބެނީ 10 ރުފިޔާ އަށެވެ.
އެންސްޕާއިން މިއަދު ވަނީ ތެލުގެ ސަބްސިޑީއަށް، އަންނަ ފެބްރުއަރީ މަހުގެ 10 ހިސާބުގައި ރަޖިސްޓާ ކުރަން ހުޅުވާލާނެކަމަށް އިއުލާންކޮށްފަ އެވެ. ހުޅުވާލާތާ ދެމަސްދުވަހުގެ ތެރޭގައި ރަޖިސްޓާ ނުކުރާ ފަރާތްތަކަކަށް ކަރަންޓް ސަބްސިޑީ އެއް ނުލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ