ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން އެއް ބިލިއަން ރުފިޔާ ދައްކައިފި

އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމު ކުރެއްވި ސުވާލަކާއި ގުޅިގެން އަމީރު ވިދާޅުވީ އެކި ފަރާތްތަކަށް ބަދަލު ދޭން ޖެހުނީ ކުރީގެ ސަރުކާރުތަކުން ކޮންޓްރެކްޓު ހެދުމުގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށެވެ.
އާބިޓްރޭޝަން މައްސަލަތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާ ނިމިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
އެއީ ބޯޑަ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް 18.1 މިލިއަން ޑޮލަރު (280 މިލިއަަން ރުފިޔާ) އާއި ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު ރަށްތައް ނުދިން މައްސަލާގައި ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) އެވެ.
އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމުން 26.1 މިލިއަން ރުފިޔާ ވެސް ވަނީ ދައްކާފަ އެވެ. އަމީރު ވިދާޅުވީ އެ ފައިސާ ދޭން ޖެހުނީ ކުރީގެ ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުދައްކާ ހުރުމުންނެވެ.
އޭގެ އިތުރުން ކުއްޖަކަށް ނުބައި ބޭހެއް ދިނުމުން އިވުމުން މަހުރޫމުވި މައްސަލާގައި ބަދަލެއްގެ ގޮތުގައި 7.1 މިލިއަން ރުފިޔާ ދޭން ސުޕްރީމް ކޯޓުން އެންގުމުން އެ ފައިސާ ވެސް ވަނީ ދައްކާފަ އެވެ.
ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި އިރު، އެ ކުންފުންޏާއެކު ހެދި ސެޓްލްމެންޓް އެގްރިމެންޓަށް ވެސް ވަނީ ފައިސާ ދައްކާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ވިދާޅުވީ އެއްބަސްވުންތައް ބާތިލް ކުރުމުގެ ސަބަބުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބަދަލުގެ އަދަދު 6.8 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ