ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި މީހުން ހޯދަން ތަޙްޤީޤު އަވަސްކުރަން ޖެހޭ-މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި މީހުން ހޯދަން ތަޙްޤީޤު އަވަސްކުރަން ޖެހޭކަމަށް ކުރީގެ ޑީފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާޅޮސްމަޑުލު އުތުރުބުރި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ގޮވާލައިފި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް އިއްވާނެ ކަން ކަށަވަރު ކޮށްދިނުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން އެދިލައްވާފައިވާކަމަށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ހައިލަމް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނެރުއްވި ބަޔާނާއި ގުޅިގެންނެވެ.
"ފަނޑިޔާރު ޙައިލަމް ނެރުއްވި ބަޔާނާއި ގުޅިގެން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި މީހުން ހޯދަން ތަހުގީގު އަވަސްކުރަންޖެހޭ. މިފަދަ މައްސަލަތަކުގައި ޕީޖީ އާއި ޕޮލިސް އިސްވެ މަސައްކަތް ކުރަންޖެހޭ. މިހާރު މިދަނީ ޤާނޫޏު އަސާސީ ގެ 42 141 142 ގެ ބާރު ކެނޑެމުން." ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑާ ކުރިކަމަށް ބުނެ ދައުލަތުން ކުރި ދައުވާގެ ހުކުމް ކުރުމަށް މި މަހުގެ 5 ވަނަ ދުވަހުގެ 13:00 ގައި ކްރިމިނަލް ކޯޓުގައި ތަވާލުކޮށްފައި ވަނިކޮށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހާޒިރުކޮށް ހުކުމް ކުރުމުގެ 5 ގަޑިއިރު ކުރިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެއާ އެކު ހައިލަމް ވަނީ އޭނާއަށް ސަރުކާރުގެ އިސް ފަރާތްތަކެއް ނުފޫޒު ފޯރުވައި ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމަށް އެންގިކަން ހާމަކޮށް ބަޔާނެއް ނެރުއްވާފަ އެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް ހައިލަމްގެ ބަޔާނުގައި ހާމަކުރައްވަފާއެއް ނުވެއެވެ.
ހައިލަމްގެ ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ފެށުމާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ނުފޫޒު ފޯރުވަން ސަރުކާރުގެ އެކި ލެވެލްތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރައްވާފައިވާކަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ