ޕީޕީއެމް އުފެއްދި މަގުސަދާއި ދުރަށް އެޕާޓީ ގެންދަން ބަޔަކު މަސައްކަތްކުރާތީ އެކަމާއި ހިތާމަ ކުރައްވާކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޕީޕީއެމްގެ 6 ވަނަ އަހަރީ ދުވަހާއި ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ޕީޕީއެމްގެ 6 ވަނަ އަހަރީ ދުވަހު، އެޕާޓީ އުފެއްދުމަށް ބައިވެރިވެވަޑައިގެން ދެއްވި ހުރިހާ ފަރާތްތަކަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ޝުކުރު ދަންނަވާކަމަށެވެ.
އަދި ޕީޕީއެމް އުފެއްދި މަގުސަދާއި ދުރަށް އެޕާޓީ ގެންދަން ބަޔަކު މަސައްކަތްކުރާތީ އެކަމާއި ހިތާމަ ކުރައްވާކަމަށެވެ.
މީގެ ހަ އަހަރުކުރިން 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އުފެދުނު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަކީ ރައީސް މައުމޫންގެ ލީޑާރޝިޕްގެ ދަށުގައި އުފެދުނު ޕާޓީއެކެވެ.
ރައީސް މައުމޫން އިސްކޮށް ހުންނަވާ އެންމެ ފުރަތަމަ އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީގެ ތެރޭގައި އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކާއި ގުޅިގެން އެޕާޓީ ދޫކޮށް ގިނަ މެންބަރުންތަކެއްދާން ފެށުމުން ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ނަމުގައި އައު ޕާޓީއެއް އުފައްދަވާފައެވެ. މައުމޫންގެ ލީޑާރޝިޕްގައި ޕީޕީއެމް އުފެދުނީއްސުރެ ދިޔައީ ކާމިޔާބު ހޯދަމުންނެވެ.
އޭރު ބާއްވަމުން ދިޔަ ގިނަ ބައި އިލެކްޝަންތައް ކާމިޔާބުކޮށް، މެންބަރުންގެ އަދަދު އިތުރުކޮށް ޕީޕީއެމްގެ ދުވެލި ވަނީ ހަލުވިކުރައްވާފައެވެ.
އަދި ޕީޕީއެމްއިން އެހެން ޕާޓީތަކުގެ އެހީތެރިކަމާއިއެކު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ވަނީ ކާމިޔާބު ކުރައްވާފައެވެ.
ނަމަވެސް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް ވެރިކަން ލިބި، ޕީޕީއެމްގެ ސަރުކާރެއް އުފެދި ހިނގަންފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީ ޕީޕީއެމްގެ ރައީސް މައުމޫނާއި، ސަރުކާރާއި އޮތް ގުޅުން ހީނަރުވެ، ގިނަ މައްސަލަތަކެއް ކުރިމަތިވާން ފެށިއެވެ.
ރައީސް މައުމޫންގެ މަޝްވަރާތަކަށް އެއްވެސް އިހްތިރާމެއް ނުކުރައްވާ، ޕީޕީއެމްއިން ރައްޔިތުންނަށް ހުށައެޅި މެނިފެސްޓޯއާއި ޚިލާފަށް އަދި ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަން ފެށިއެވެ. އެކަންކަން ހައްލުކުރުމަށް ރައީސް މައުމޫން ޕާޓީގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރައްވާ، ރައީސް ޔާމީނާއި ބައްދަލްކުރެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.
ނަމަވެސް އެ ދައުވަތަށް އަހަރުދުވަސް ހަމަވާން ކައިރިވިއިރުވެސް ރައީސް ޔާމީނާއި، ރައީސް މައުމޫނާއި ދެ ބޭފުޅުންގެ ބައްދަލްވުމެއް ބޭއްވޭގޮތެއްނުވިއެވެ. ފަހުން ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ތެރެ އިސްލާހު ކުރެއްވުމަށް ފިޔަވަހިތަކަކަށް ބައްސަވާލައްްވައިގެން އިސްލާހީ އެޖެންޑާއެއް އިިއުލާން ކުރައްވާފައެވެ.
އެއާއިއެކު ޕީޕީއެމްގައި އޮތް ރައީސް މައުމޫންގެ ބާރު ކުޑަކުރައްވާ، ޕީޕީއެމްއިން ރައީސް މައުމޫން ބޭރުކުރުމުގެ މަސައްކަތްތަކެއް ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ފެށިއެވެ.
ނަތީޖާއެއްގެ ގޮތުން ކޯޓަށް މައްސަލަ ހުށައެޅި، ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ޚިލާފަށް ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާއި ހަވާލްކުރެވުނެވެ. އެންމެ ފަހުން ރައީސް ޔާމީނަށް ވަފާތެރި ސުކޫލީ ކޮމެޓީއެއް އެކުލަވާލާ ރައީސް މައުމޫނަށް ވަފާތެރި ހުރިހާ ބޭފުޅުން ޕާޓީން ވަކިކުރަމުން ގޮސް ރައީސް މައުމޫންވެސް ޕީޕީއެމްއިން ވަކިކުރެއްވިއެވެ.
ރައީސް މައުމޫން ވަނީ މި ސަރުކާރަށް އެމަނިކުފާނު ކުރައްވަމުން އައި ތާއީދު އަނބުރާ ގެނެސް، ދުވަހަކުވެސް ރައީސް ޔާމީން ދެން ވެރިކަމަށް ގެނައުމަށް މަސައްކަތް ނުކުރައްވާނެކަމަށް އިއުލާން ކުރައްވާފައެވެ.
އަދި ގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަނާއި ފަސާދަ ނައްތާލާ، ޚުދުމުހުތާރު ވެރިކަމަކަށް ޖާގަ ނުދެއްވުމުގެ ގޮތުން ރައީސް މައުމޫން ވަނީ އިތުުރު ތިން ލީޑަރަކާއިއެކު މަސައްކަތް ފައްޓަވާފައެވެ.
ރައީސް ނަޝީދާއި، ޝައިޚް އިމްރާން އަބްދުﷲ އަދި ގާސިމް އިބްރާހިމާއެކު ރައީސް މައުމޫން އިސްލާހީ މަސައްކަތް ފައްޓަވާފައިވާއިރު، ޕީޕީއެމް އުފެއްދެވި މުއައްސިސް ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން މިއަދު ހުންނެވީ ގިނަ ތުހުމަތުކޮށް ޖަލުގައި ބަންދުކޮށްފައެވެ.
އަދި ޕީޕީއެމް މިއަދު ހިންގަމުންދަނީ ކޯޓުން ކުރި ހުކުމާއިއެކު، ރައީސް ޔާމީންގެ ސީދާ ބެލުމުގެ ދަށުންނެވެ.
ނަމަވެސް ޕީޕީއެމް ދެބައިވެ އުފެދުނު ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން ފަހުން ބޭއްވުނު އިންތިޚާބުތަކުގައި ޕީޕީއެމަށް ވަނީ ނާކާމިޔާބާއި ކުރިމަތިލާންޖެހިފައެވެ.
ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިދިޔަ އަހަރު ރައީސް މައުމޫން ބާއްވަވަން މަސައްކަތްކުރި ހަފްލާއަށް ފުލުހުން ބޭނުންކޮށްގެން ހުރަސްއަޅާފައިވާއިރު، މިއަހަރުވެސް މި ދުވަސް ފާހަގަކުރުމަށް ރައީސް މައުމޫން ވަނީ ނިންމަވާފައެވެ.
ޕީޕީއެމަށް 6 އަހަރު، އުފެއްދި މަގުސަދާއި ދަނީ ދުރަށް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ