ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމަކީ އޭނާ ރާއްޖެއިން ބޭރަށް ފޮނުވުން ލަސްކުރަންޖެހޭ ސަބަބެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަމީރު ވިދާޅުވީ އެ އަމުރު އިސްތިއުނާފްކުރީ ގާސިމްގެ އާއިލާއަށް ދެރައެއް ދިނުމުގެ ބޭނުމުގައި ކަމަށާއި މިގޮތަށް ގާސިމް އާއި ދޭތެރޭ ވެސް އަދި އެހެން ރައްޔިތަކާ ދޭތެރޭ ވެސް ސަރުކާރުން އަމަލުކޮށްގެން ނުވާނެ ކަމަށެވެ.
"މީހެއްގެ ފުރާނައާ ގުޅޭ ކަމެއްގައި މިގޮތަށް އަމަލުކުރެވިގެން ނުވާނެ" ސަމީރު ވިދާޅުވިއެވެ.
މީގެއިތުރުން ސަމީރު ވަނީ އެ އަމުރު އިސްތިއުނާފް ކުރި ނަމަވެސް އެއީ ގާސިމް ރާއްޖެއިން ބޭރަށް ފޮނުވުން ލަސްކުރަންޖެހޭ ސަބަބެއް ނޫންކަމަށާއި ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރި ނަމަވެސް ކޯޓުން މައްސަލަ ބަލައިގަތް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލު ހުކުމް ޣައިރު ހާޒިރުގައި ކޮށްފައިވާ އިރު އެ ހުކުމްގައި ބުނެފައި ވަނީ ގާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބުތަންފީޒުކުރުމަށާ، ގާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ގޮތަށް ރާއްޖެއިން ބޭރުން ހަދަންޖެހޭ ޓެސްޓްތައްހެދުމާއި، ލިބެން ޖެހޭ ފަރުވާ ގާސިމަށް ލިބުމަށް ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ.
ގާސިމް އަށް ދިމާވެފައިވާ ހިތުގެ އާލާސްކަންފުޅަކީ ރާއްޖެއިން ފަރުވާ ހޯދޭނެ އާލާސްކަންފުޅެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ގާސިމަށް އެ ފަރުވާ ވީހާވެސް އަވަހަކަށް ނުދެވިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތަށް ގާސިމް ފަރުވާ އަށް ފޮނުވުން ލަސްވަނީ މެޑިކަލް ބޯޑުގެ ހުއްދަ ނުލިބިގެން ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ މީގެކުރިން ބުނެފަ އެވެ.
"އަމުރު އިސްތިއުނާފު ކުރުމަކީ ގާސިމް ބޭރަށް ފޮނުވުން ލަސްކުރަން ޖެހޭ ސަަބަބެއް ނޫން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ