ސޮއި ހޯދީ އޮޅުވާލައިގެން: އަހުމަދު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ސޮއި ހޯދާފައިވަނީ އޮޅުވާލައިގެން ކަމަށާއި، ފަހުން އެކަން އިހުސާސް ކުރެވުމުން ސޮއި ނެންގެވުމަށް ދަންނަވާފައިވާނެ ކަމަށް އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މެމްބަރު ރަޝީދު ވަނީ، އިދިކޮޅު ފަރާތްތަކުން މަސީހުގެ މައްސަލަ އެމަނިކުފާނުގެ ސޮޔާއެކު ވެއްދުމުން، އެއީ ސައްޙަ ސޮޔެއް ނޫން ކަމަށް ހަމަ އެދުވަހުގައި ވިދާޅުވެފައި ވެއެވެ.
ވެރިކަންކުރާ ޕީޕީއެމް ކޯލިޝަނުން މިއަދު ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ރަޝީދު ވިދާޅުވީ، ސޮއި ކުރެއްވީ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅަކު އެކަން ކޮށް ދިނުމަށް އެދިވަޑައިގެންނެވުމުން ކަމަށެވެ. ނަމަވެސް އެއީ ކިހާ ބޮޑު ކަމެއް ކަން އިހުސާސް ކުރެވިގެން ސޮއި ނެގުމަށް ފަހުން ދަންނަވާފައިވާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުގެ މިޒާޖު ހުންނަ ގޮތުން ރަނގަޅު ކަމަކަށް އެދިއްޖެއްޔާ ވަރަށް ފަސޭހައިން އަޅުގަނޑަށް އާއެކޭ ބުނެވޭ. ނަމަވެސް ކަމުގެ ސީރިއަސްކަމައި މުހިއްމުކަން އަޅުގަނޑު ފަހުން ވިސްނާލި އިރުގައި އެއީ އަދި ބައްޕަ ނޫނީ މަންމައަކު ވިދާޅުވި ނަމަވެސް ކޮށްގެން ނުވާނެ ކަމަށް ވެދާނެ،" ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ އެ މައްސަލަ ހުށަހެޅި ދުވަހު ވެސް، ރަޝީދުގެ ސޮއި ނޯންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާކަމަށެވެ.
ރަޝިދު ވަނީ، ސޮއި ހޯއްދެވި ބޭފުޅަކަށް ކުރައްވާ އިހުތިރާމުގެ ސަބަބުން އެއީ ކޮން ބޭފުޅެއްކަން ހާމަކުރައްވަން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭނާ ވަނީ އެ މައްސަލަ މަޖިލީހުގެ ރައީސަށް ހުށަހަޅުއްވާފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރަޝީދު އިތުރަށް ވިދާޅުވީ، އޭނާ ސޮއި ކުރައްވާފައިވަނީ އެއްވެސް ފައިސާއެއް ނަންގަވައިގެން ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދިއިރު، ލިސްޓުގައި ސޮއި އޮތުމުން ރަޝީދު ވަނީ އެއީ އޮޅުވާލުމެއް ކަމަށް ކުރިންވެސް ވިދާޅުވެފައެވެ.
މި މައްސަލަ މަޖިލީހަށް ވެއްދުމަށް 45 މެމްބަރުން ސޮއި ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ޕީޕީއެމްގެ 10 މެމްބަރުން ހިމެނި ވަޑައިގަންނަވައެވެ. މީގެ ތެރެއިން ގިނަ މެމްބަރުންތަކެއް ވަނީ ޕާޓީންވެސް ވަކިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ