ކަރަންޓު ސަބްސިޑީ ފޯމް އަގު ނަގައިގެން ފުރަމުންދާ ކަމުގެ ޝަކުވާ އަންނަނީ ލިބެމުން: އެންސްޕާ

ކަރަންޓު ސަބްސިޑީގެ ރީރަޖިސްޓްރޭޝަން ފޯމް ބައެއް ފަރާތްތަކުން އަގު ނަގައިގެން ފުރަމުން ގެންދާ ކަމުގެ ޝަކުވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް ލިބެމުންދާ ކަމަށް އެ އެޖެންސީން ބުނެފި އެވެ.
އެންސްޕާ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކަރަންޓު ސަބްސިޑީގެ ރީ ރަޖިސްޓްރޭޝަން ފޯމު ފުރުމުގައި ދަތިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި ފޯމު ފުރުމުގެ އެހީތެރިކަން ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދާ، ދަރުބާރުގެއިން ލިބެން ހުންނާނެ ކަމަށެވެ.
އަދި ހަމައެއާއެކު އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ކުރިއަށް ގެންދިއުމަށް މިހާރު ރީ ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދާ މަރުކަޒު، ދަރުބާރުގޭގެ އިތުރުން މާލޭގެ އިތުރު ސަރަހައްދުތަކުގައި ކުރިއަށްދާނެ ކަމަށް އެންސްޕާއިން ބުންޏެވެ.
"އެގޮތުން ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި މޭޒުތައް ބަހައްޓައި ކަރަންޓު ސަބްސިޑީ ފޯމާއި ބެހޭ މައުލޫމާތު ދިނުމާއި އެ ފޯމު ފުރައިދިނުން ކުރިއަށް ގެންދިއުމަށް ގަސްދު ކުރެވިފައިވެއެވެ." އެންސްޕާގެ އިއުލާނުގައިވެ އެވެ.
އެންސްޕާއިން ބުނީ އެ މަސައްކަތް ކުރިއަށް ގެންދާނެ ސަރަހައްދުތަކާއި ތާރީހު އަދި ގަޑި އެންސްޕާއިން ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ