މިދުވަސްވަރު މާލޭގެ އެކި ސަރަހައްދުތަކުން ދުވާލު ތަކުރާރުކޮށް ކަރަންޓް ކަނޑަން ޖެހެނީ އިންޖީނުތައް އޯވާލޯޑުވެގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، މިދުވަސްވަރު އާދަޔާ ހިލާފަށް ހޫނު ގަދަވުމުން މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު 38 މެގަވޮޓަށް އަރާ ކަމަށެވެ. ނަމަވެސް ސްޓެލްކޯގައި މި ވަގުތު ކެޕޭސިޓީ ހުރީ އެންމެ މަތިވެގެން 36 މެގަވޮޓް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިމާންޑްކުރާ މިންވަރަށް އަޅުގަނޑުމެންނަށް ދެވެން ނެތިގެން ޝެޑިއުލްކޮށްގެން ކަރަންޓް ކަނޑަނީ. ކަރަންޓް ކަނޑާއިރު ވެސް ބަލަނީ އާއްމުންނަށް ވީހާ ވެސް ދަތިނުވާނެ ގޮތަކަށް ބަލައިގެން،" އެ އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުގެ ކަރަންޓް ކުންފުނީގެ އޮފިޝަލް ވިދާޅުވީ މިހާރު ދިމާވެފައިވާ ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ ނެތުމުގެ މައްސަލަ ހައްލުވާނީ އެ ކުންފުނިން ފަށާފައިވާ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަޝްރޫއު ނިމުމުން ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ބަހައްޓާ އަށް މެގަވޮޓްގެ ދެ ޖަނަރޭޓަރު މި މަހުގެ 21 ވަނަ ދުވަހު ޓެސްޓްކުރަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާ ޝެޑިއުލްގައިވާ ގޮތުން އަންނަ މަހުގެ އަށެއްގައި އެ ޖަނަރޭޓަރު ބޭނުންކުރަން ފެށޭނެ. އޭގެ ކުރިން އަޅުގަނޑުމެން ޖެހޭނެ ޕީކް ގަޑީގައި ވީހާ ވެސް މަދުން ކަރަންޓް ބޭނުންކުރަން. އެހެން ނޫނީ ކަރަންޓް ކަނޑާލަން ޖެހޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.
މިދުވަސްވަރު ދުވާލުގެ ބައެއް ވަގުތުތަކުގައި ގަޑިއެއްހާއިރު އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދެ އެވެ.
ގާތްގަނޑަކަށް 130،000 މީހުން ދިރިއުޅޭ މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އަހަރަކު އެވްރެޖްކޮށް ތިން މެގަވޮޓް އިތުރުވާ ކަމަށްވެ އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މާލެ އަށް ކަރަންޓް ދޭން 13 ޖަނަރޭޓަރެއް ބަހައްޓާފައިވެ އެވެ. އޭގެ ތެރޭގައި 6500 ކިލޯވޮޓްގެ ދެ ޖަނަރޭޓަރާއި 5000 ކިލޯވޮޓްގެ އެއް ޖަނަރޭޓަރާއި 4000 ކިލޯވޮޓްގެ އެއް ޖަނަރޭޓަރާއި 2000 ކިލޯވޮޓް ތިން ޖަނަރޭޓަރު އަދި އެއް މެގަ ވޮޓްގެ ހަ ޖަނަރޭޓަރު ހިމެނެ އެވެ.
މާލެ އަށް އިމަޖެންސީ ކަރަންޓް ދިނުމަށް 2010 ވަނަ އަހަރު، 1.6 މެގަވޮޓްގެ ފަސް ޖަނަރޭޓަރު ގެނެސް އިންސްޓޯލްކޮށްފައިވެ އެވެ.
އެ ކުންފުނިން މިހާރު ހިންގާ ކަރަންޓް މަޝްރޫއުގެ ދަށުން ބަހައްޓާފައިވާ 8،000 ކިލޯ ވޮޓްގެ ދެ ޖަނަރޭޓަރު ބޭނުންކުރަން ކަރަންޓްގެ މައްސަލަ ވަރަށް ބޮޑަށް ހައްލުވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މާލޭގެ އެކި ސަރަހައްދުތަކުން ތަކުރާރުކޮށް ކަރަންޓް ކެނޑެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ