ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ފަނޑިޔާރުން ހިމެނޭ ސިވިލް ކޯޓުން އަމިއްލަ އަށް ބަލަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒު ފަހުމީ، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅުއްވައިފި އެވެ.
އޭނާ މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލާގައި އޭނާއާ މެދު ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނިކޮށް، އޭނާއާ މެދު ފިޔަވަޅު ނޭޅުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީ އެވެ.
އެ ގަރާރުގައި ވިދާޅުވެފައި ވަނީ ޖޭއެސްސީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އެ ކޮމިޝަނުން އަދާކުރުމަށް، ވަކި ފަރާތަކުން ހުރަސް އަޅަމުން ގެންދާ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ހިމެނޭ، އެންމެހައި މީހުންނާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ކޮންމެ ފަރާތެއްގެ މައްޗަށް ޖޭއެސްސީގެ އިހުތިސާސް ހިނގާނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށް އެ ގަރާރުގައިވެ އެވެ.
"އަދި އެ އިހުތިސާސްގެ ތެރެއިން އެ ކޮމިޝަނަށް ލިބިގެންވާ އެއް ބާރެއްގެ ގޮތުގައި ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި އެ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތަކަށް އެފަދަ މީހުން މަގާމުން ވަކިކުރުމަށް ހުށަހެޅުމުގެ ގާނޫނީ ބާރު ގާނޫނު އަސާސީގެ 159 (ށ) އިން އެ ކޮމިޝަނަށް ލިބިދީފައިވީ ނަމަވެސް، ފަނޑިޔާރުން އަމިއްލަ އަށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ކޯޓުގައި ނުބެލޭނެ ގޮތަށް އޮންނަ ގާނޫނީ އުސޫލާ ހިލާފަށް، އަދި ސުޕީރިއާ ކޯޓެއްގެ ފަނޑިޔާރެއްގެ މައްސަލަ ހަމަ އެ ލެވެލްގެ ކޯޓެއްގައި ބެލުމަކީ ވެސް ގާނޫނީ އުސޫލާ ހިލާފު ކަމެއް ކަމަށް އެހާމެ ސާފުކޮށް އެނގެން އޮންނައިރު އެ އުސޫލާ ވެސް ހިލާފަށް، އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތުތަކާއި ބާރުތައް ނިގުޅައިގަނެ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބާރުވެރިކަން ގެއްލޭ ގޮތަށް، އަދި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ޖުޑީޝަލް ސާވިސް ކޮމިޝަނެއް އުފެއްދުމުގެ ބޭނުމާއި މަގުސަދު ވެސް ގެއްލޭ ގޮތަށް، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ފަނޑިޔާރުން ހިމެނޭ ކޯޓުން އަމިއްލަ އަށް ބަލައި ގޮތްތައް ނިންމަމުން ގެންދާތީ، މިކަމަކީ ދައުލަތުގެ އެއްބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ އުސޫލު ނެގެހެއްޓުމަށާއި ގާނޫނު އަސާސީ ނެގެހެއްޓުމަށްޓަކައި ދައުލަތުގެ އަނެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުން އިންތިހާ އަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށްވާތީ، އެގޮތުން ކަންބޮޑުވުން ފާޅުކޮށް މި ގަރާރު ހުށަހަޅަމެވެ،" ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ތާއީދު ކުރެއްި ގަރާރުގައިވެ އެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ކޯޓުން ބަލާތީ މަޖިލީހަށް ގަރާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ