ރިސޯޓުތަކުގެ ސްޕާތައް ބަންދު ކުރުމަށް އަންގައި ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާ އަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރެއް މިރޭ ސިވިލް ކޯޓުން ނެރެފި އެވެ.
ސްޕާތައް ބަންދު ކުރުމަށް ނެރުނު ސާކިއުލާ އަށް އަމަލުކުރުން ފަސް ކުރުމަށް ކޯޓުން އަމުރު ނެރެފައި މި ވަނީ ސްޕާތައް ހިންގުމުގެ ހުއްދަ އަލުން ދިނުމަށް ސަރުކާރުން ނިންމާފައި ވަނިކޮށެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ދައުލަތާ ދެކޮޅަށް ދައުވާ ކުރި މައްސަލައިގައި ވަގުތީ އަމުރު ނެރުއްވަމުން ގާޒީ ހާތިފް ހިލްމީ ވިދާޅުވީ، ސާކިއުލާ ބާތިލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން މިހާތަނަށް ސާކިއުލާ ދެމިއޮތްކަން އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ މަޓީން ހުށަހަޅާފައިވާ މައްސަލަ އަށް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެ ސާކިއުލާ ތަންފީޒު ކުރުމަކީ ރިސޯޓުތަކާއި ރިސޯޓުތަކުގެ ސްޕާތައް ހިންގާ ފަރާތްތަކުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެންޖެހޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
"... ޝަރީއަތުން މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން އެ ސާކިއުލާ ތަންފީޒުވުމަކީ ދިވެހިރާއްޖޭގެ ޓޫރިސްޓް ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާތަކުގެ ސްޕާ ހިންގާ ފަރާތްތަކުގެ ހައްގަށް އުނިކަމެއް ލިބި އިއާދަ ނުކުރެވޭނެ ކަމަކަށް އެކަން ހިނގައިދާނެ ކަމެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ،" ހާތިފް ގާޒީ ވިދާޅުވި އެވެ. "ދެން ފަހެ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ އިން ނެރެފައިވާ ނަންބަރު [ސާކިއުލާ ނަންބަރު] ސާކިއުލާ އަށް އަމަލުކުރުން ފަސް ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާއަށާއި މިކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކޮށްފިން."
އެ މައްސަލައިގެ ދައުވާ ހުށަހަޅުއްވަމުން މަޓީގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ސްޕާތައް ބަންދު ކުރުމަށް ސަރުކާރުން އަންގާފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ.
ރާއްޖޭގެ ގުދުރަތީ އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް މަންފާ ހޯދުމަކީ ރިސޯޓުތައް ހިންގާ ފަރާތްތަކުގެ ހައްގެއް ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި މުދާ ހޯދުމާއި މުދަލުން މަންފާ ލިބިގަތުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ސްޕާތައް ހިންގުމަށް ސަރުކާރުން ވަކި ހުއްދައެއް ނަގަންނުޖެހޭ ކަމަށެވެ. އަދި ގާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާއިރު އެއްވެސް އަމުރެއް ކުރަންވާނީ ގާނޫނީ ގޮތުން ބާރު ލިބިގެން ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
ހަށިވިއްކާ ކަމުގެ ތުހުމަތުގައި ސްޕާތައް ބަންދު ކުރުމަށް ސަރުކާރުން އަންގާފައި ވަނީ އެއްވެސް ތަހުގީގެއް ކުރުމެއް ނެތި، އެއްވެސް ހެއްކެއް ގަރީނާއެއް ވެސް ނެތި ކަމަށް އާޒިމާ ވިދާޅުވި އެވެ. ސްޕާތައް ބަންދުކުރަން އެންގީ ރައްޔިތުންގެ ގިނަ ބަޔަކު އެކަމަށް އެދުމުން ކަމަށް ސަރުކާރުން ނެރުނު ސާކިއުލާގައި ބުނެފައި އޮތުމުން ވެސް އެއްވެސް ހެއްކެއް ގަރީނާއެއް ނެތްކަން ކަށަވަރުވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ރިސޯޓުތަކުގެ ސްޕާތަކުގައި ހަށިވިއްކާ ކަމުގެ ތުހުމަތުކޮށް ސަރުކާރުން އެ ތަންތަން ބަންދުކުރަން އެންގުމުން ރިސޯޓުތަކަށް ކޮންމެ ދުވަހަކު ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އަދި ސްޕާތައް ބަންދުކުރި ހަބަރު ދުނިޔޭގެ އެންމެ ބޮޑެތި ނޫސްތަކުގައި ވެސް ޝާއިއު ކޮށްފައިވާ ކަމަށް ވިދާޅުވެ ސީއެންއެން، ބީބީސީ އަދި ރޮއިޓާސްގެ ހަބަރުތަކެއް ހެކީގެ ގޮތުގައި އާޒިމާ ހުށަހެޅުއްވި އެވެ.
މިރޭގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުން ދައުވާއަކަށް ޖަވާބެއް ނުދެ އެވެ. ނަމަވެސް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި އޮތުމުން އެއަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވީ ސްޕާތައް ބަންދު ކުރުމަށް އަންގައި ނެރުނު ސާކިއުލާ އަށް މި ވަގުތަށް އަމަލު ނުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެ ސާކިއުލާ ބާތިލް ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ކުރަމުންދާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެން ޖެހޭނެ ތަނެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްޕާތައް ބަންދު ކުރަން އެންގި ސާކިއުލާއަށް އަމަލު ކުރުން ފަސް ކުރުމަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ