3 ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޓީއެފްޓީއަށް

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ދަ ފުޓްސަލް ޓައުން (ޓީއެފްޓީ) އިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ޓީއެފްޓީން ހޯދީ ފައިނަލުގައި އެޓޯލް ސްޕޯޓްސް ކުލަބުގެ މައްޗަށް 0-2 އިން ކުރިހޯދައިގެންނެވެ.
ވަރަށް ވާދަވެރި، ދާދި ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ.
އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ދެވަނަ ހާފު ފަށައިގެން ދެ ޓީމުންވެެސް އެޓޭކިން ވިސްނުމެއްގައި ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގައި ޓީއެފްޓީން ފުރަތަމަ ލަނޑުޖެހީ 54 ވަނަ މިނެޓުގައެވެ.
ޑީއޭރިއާ ތެރޭގައި ހުރެފައި އަބްދުﷲ މުއާޒް ފޮނުވާލި ބާރު ހަމަލާއެއް، އެޓޯލްސްގެ ކީޕަރު ނާޖިހުގެ އަތުގައި ޖެހިފައި އެނބުރި ކުޅުމުގެ ތެރެއަށް އައުމުން، ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އިސްމާއިލާ އަބުމޭރޭއެވެ.
ޓީއެފްޓީން މެޗުގައި ދެވަނަ ލަނޑުޖެހީ 75 ވަނަ މިނެޓުގައެވެ. މިއީ އެޓީމުގެ ވިންގަށް ކުޅޭ އަޙްމަދު ސުހެއިލްގެ ހުނަރުވެރިކަން ފެނިގެންދިޔަ މޮޅު ލަނޑެކެވެ. އޭރިއާ ބޭރުން ބޯޅަ ހިފައިގެން ގޮސް ސުހެއިލް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މި ދެ ލަނޑުން ޓީއެފްޓީ މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދިއިރު މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ހިންނަވަރު ރެކްރިއޭޝަން ކުލަބެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީއެފްޓީގެ ސުހެއިލެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީވެސް އޭނާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ