އެމްޓީޑީސީ 49- 51 މޮޑެލްގެ ކުންފުނީގެ ޑިރެކްޓަރުގެ ގޮތުގައި ބައިވެރިވުމަށް 56 ފަރާތަކުން ފައިސާ ދައްކައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އުފައްދާ 49- 51 މޮޑެލްގެ ޖޮއިންޓްވެންޗާ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ބައިވެރިވުމަށް 56 ފަރާތަކުން ފައިސާ ދައްކައިފި އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސޯލިހު ވިދާޅުވީ އެމްޓީޑީސީގެ 51 ޕަސެންޓް ހިއްސާވެގެން ބައެއް ރިސޯޓުތައް ތަރައްގީ ކުރުމަށް އުފައްދާ ކުންފުނީގެ ފުރަތަމަ ޑިރެކްޓަރުންގެ ގޮތުގައި ބައިވެރިވުމަށް ގިނަ ބަޔަކު ހުށަހެޅުމާ ގުޅިގެން އެކަން ކުރިއަށް ގެންދާނެ ގޮތެއް އަންނަ ހަފުތާގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޯޑު މީޓިންއެއް ބާއްވާފައި އެކަން ކުރިއަށް ގެންދާނެ ގޮތެއް އަންނަ ހަފުތާގެ ތެރޭގައި ނިންމޭވަރުވާނެ. އެ ފަރާތްތަކުގެ ތެރެއިން ޑިރެކްޓަރުން ހޮވާނެ ގޮތެއް ނިންމަވާނީ އެ ބޭފުޅުންނާ ބައްދަލުކޮށްފައި އެބޭފުޅުން އެއްބަސްވާ ގޮތަކަށް،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ އެ ކުންފުނި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް މިހާރު އެކުލަވާލައްވާފައިވާ ކަމަށެވެ.
"އެ ކުންފުނީގެ ބޯޑުގެ ޗެއާމަނަކަށް ހުންނަވާނީ މި ކުންފުނީގެ ފަރާތުން އެ ކުންފުނީގެ ބޯޑުގައި ތަމްސީލުކުރައްވާ ބޭފުޅެއް. އެކަމަކު މެނޭޖިން ޑިރެކްޓަރަކަށް ހުންނަވާނީ 49 ޕަސެންޓް ހިއްސާދާރުންގެ ފަރާތުން ބޯޑަށް ވަޑައިގަންނަވާ ބޭފުޅެއް،" އޭނާ ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ކުންފުނި ރަޖިސްޓްރީކޮށް، އެ ކުންފުނި އަމިއްލަ އަށް ހިނގައިގަނެވޭވަރަށް ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 10،000ރ. ގެ 10 ހިއްސާ ގަނެގެން އެ ކުންފުނީގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހުރިހާ ފަރާތްތަކަށް ކުންފުނީގެ ހިއްސާ ވިއްކުމުގެ އިންތިޒާމު ހަމަޖައްސައި އެކަން ކުރިއަށް ގެންދާނީ ވެސް ޖޮއިންޓް ވެންޗާ ކުންފުނިންނެވެ.
ސޯލިހު އިތުރަށް ވިދާޅުވި ގޮތުގައި 20- 80 މޮޑެލަށް އުފައްދާ ޖޮއިންޓް ވެންޗާ ކުންފުންޏަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު އެއްވެސް ގޮތެއް އަދި ނުނިންމަ އެވެ.
"އެ ހުށަހެޅުންތައް ލިބިފައި ހުރި ގޮތަށް ސިޓީއުރަތަކުގައި ސޭފްގައި ހުރީ ރައްކާކޮށްފައި. އެއީ ކިތައް ހުށަހެޅުން ކަމެއް އަދި ކޮންބައެއްގެ ހުށަހެޅުންތަކެއް ކަމެއް ވެސް އަޅުގަނޑުމެން ނުބަލަން. އެކަމަކު ދެން ބާއްވާ ބޯޑު މީޓިންއެއްގައި އެ ހުށަހަޅުންތަކައިގެން ކުރިއަށްދާނެ ގޮތެއް ވެސް ނިންމާނަން،" ސޯލިހު ވިދާޅުވި އެވެ.
އެމްޓީޑީސީގެ 20 ޕަސެންޓް އޮންނަ ގޮތަށް ބޭރުގެ މަޝްހޫރު ހޮޓެލް ޗޭނުތަކާއި މުއްސަނދި ފަރާތްތަކަށް 80 ޕަސެންޓް ހިއްސާ ދީގެން ފަސް ރިސޯޓުތަރައްގީ ކުރުމަށް އެމްޓީޑީސީން މިހާރު ވަނީ ރަށްތަކެއް ވެސް ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ