ލޮނުފެން ބޭނުން ކުރުމުން ޖަނަރޭޓަރަށް މައްސަލަ ދިމާވެ ކުރެންދޫން ކަރަންޓު ކެނޑިފައި!

ޖަނަރޭޓަރު ފިނި ކުރަން ލޮނުފެން ބޭނުން ކުރަންޖެހުމުން ޅ. ކުރެންދުއަށް ކަރަންޓު ދޭ މައި ޖަނަރޭޓަރަށް މައްސަލަތައް ދިމާވެ ރަށުން ކަރަންޓު ކެނޑެމުންދާތާ ހަ މަސް ވެފައިވާ ކަމަށް ކުރެންދޫ ކައުންސިލުން ބުނެފި އެވެ.
ކުރެންދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް މިއަދު ވިދާޅުވީ ރަށަށް ކަރަންޓު ދޭން ބޭނުން ކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން 250 ކިލޯ ވޯޓްގެ ޖަނަރޭޓަރުގެ ފިނި ކުރާ ސިސްޓަމަށް ލޮނު ފެން ގުޅުމުން ޖަނަރޭޓަރަށް މައްސަލަޖެހިފައިވާ ކަމަށެވެ. އިންޖީނު ފިނި ކުރުމަށް ލޮނުފެން ބޭނުން ކުރަން ޖެހެނީ ރަށުގެ ފެން ލޮނުވެފައި ވާތީ މަޖުބޫރުވެގެން ކަމަށް ވެސް ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ އިންޖީނު ފިނި ކުރުމަށް ފެން ތާންގީތަކުގެ ލޮނުފެނުގެ ސިސްޓަމެއް ހަދަން ޖެހުނީ ރަށަށް ކަރަންޓުދޭ ބޮޑު ޖަނަރޭޓަރުގެ ރޭޑިއޭޓަރު ހަލާކުވުމުން ކަމަށެވެ. އަދި މިހާރު ބޭނުން ކުރާ ލޮނުފެނުގެ ސިސްޓަމުގެ ސަބަބުން ޖަނަރޭޓަރުގެ ދަބަރު ޖަހައި ސިސްޓަމް ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
"ރޭޑިއޭޓަރު ހަލާކުވުމުން ދެން ކޫލިން ސިސްޓަމް ބަދަލުކޮށްލީ ތާންގީ އަކަށް ވަގުތީ ގޮތުން. ފެނަކައިން ބުނަނީ ރޭޑިއޭޓަރެއް ގެންނާނަމޭ، ނަމަވެސް ގެނެވޭނެ ދުވަހެއް ނާދޭ. އިންޖީނު ސަލާމަތް ކުރެވޭނީ އާ ރޭޑިއޭޓަރެއް ލައްވައިގެން،" އަހުމަދު ވިދާޅުވި އެވެ.
ކުރެންދޫގެ 350 ގެއަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ދެ ޖަނަރޭޓަރުގެ ތެރެއިން 250 ކިލޯ ވޯލްޓްގެ ޖަނަރޭޓަރުގައި މައްސަލަ ޖެހުމުން، މަރާމާތުކޮށްގެން އެ ޖަނަރޭޓަރުން ރަށަށް ދޭތެރެ ތޭރެއިން ކަރަންޓު ދެއެވެ. އަދި 150 ކިލޯ ވޯލްޓްގެ ޖަނަރޭޓަރުން މިހާރު ވެސް ދަނީ ރަށަށް ކަރަންޓު ދެމުންނެވެ.
ނަމަވެސް އަހުމަދު ވިދާޅުވީ 1600 މީހުން ދިރިއުޅޭ ކުރެންދޫއަށް ކަރަންޓު ދިނުމަށް ދެ ޖަނަރޭޓަރު މަރަމާތު ކުރަންޖެހޭ ކަމަށެވެ.
"ޖަނަރޭޓަރުގައި އެބަހުރި ކެޕޭސިޓީ މުޅި ރަށަށް ކަރަންޓު ދެވޭ ވަރަށް އެކަމަކު ރޭޑިއޭޓަރު ހަލާކުވުމުން، މިހާރު ކޫލް ކުރަން ގެންގުޅޭ ސިސްޓަމުން އެލިބޭ ގެއްލުންތަކުން އެ މެއިންޓެއިންސް ކުރަން ވަގުތު ބޭނުންވާނެ. މުޅި ދުވާލަކު ރަށަށް ކަރަންޓެއް ނުދެވޭނެ،"
ކުރެންދޫ ގެތަކުން އިންޒާރަކާ ނުލައި ކަރަންޓު ކެނޑެމުން އެ ރަށުގެ ގެތަކުގައި ބޭނުން ކުރާ އިލެކްޓްރޯނިކްސް ސާމާނުތަކަށް ވަނީ ގެއްލުންތަކެއްވެފަ އެވެ. އެކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.
ކުރެންދޫއަށް ކަރަންޓުގެ މައްސަލަ ދިމާވުމުން ޅ. ނައިފަރުން ވަނީ 100 ކިލޯ ވޯލްޓްގެ ޖަނަރޭޓަރެއް އެރަށަށް ގެންގޮސްފަ އެވެ. ނަމަވެސް އެ އިންޖީނު އިންސްޓޯލް ކުރާ ސާމާނު ނެތިގެން ޖަނަރޭޓަރުން އަދި ވަނީ ކަރަންޓު ނުދެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ