ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ/ ގާނޫނުގެ ނުވަ ވަނަ މާއްދާ އަށް އަމަލުކުރުން ފަސްކުރުން: ރިޔާސީ އިންތިހާބަށް ކެމްޕޭންކުރުމުގެ ފުރުސަތު

ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ދުރާލައި ކެމްޕެއިންކުރުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ތަނަވަސް ކޮށްދިނުމަށްޓަކައި، މިހާރު އަމަލުކުރަމުންދާ ރިއާސީ އިންތިހާބުގެ ގާނޫނުގެ ނުވަ ވަނަ މާއްދާ އަށް އަމަލުނުކޮށް މަޑުޖައްސާލުމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ފާސްކުރުމާ ގުޅިގެން އިންތިޚާބަށް ކެމްޕޭންކުރުމުގެ ފުރުސަތު ހުޅުވިއްޖެ އެވެ.
މަޖިލީހުން މި ގޮތަށް ފާސްކުރީ، ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބިލާ މެދު ގޮތެއް ނިންމުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 33 މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ.
މި ބިލް ހުށަހެޅުއްވި މަގްސަދު މަޖިލީހުގެ މެންބަރުންނަށް ސާފުކޮށްދެއްވުމުގެ ގޮތުން ލީގަލް ރިފޯމް މިނިސްޓަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވީ، މި ބިލް ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ އިންތިޚާބާ ބެހޭ ގާނޫނުގެ އެ މާއްދާ އެހެން އޮތުމުން މިހާރު އަންނަމުންދާ ޑިމޮކްރެސީގެ ރޫހާ އެކަށޭނަ ގޮތަކަށް އިންތިޚާބަށް ކެމްޕޭންކުރުމުގެ ފުރުސަތު އޮތް ކަމާ މެދު އުފެދިފައިވާ ޝައްކުތައް ފިލުވައިލުން ކަމަށެވެ.
"ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައިވާ ބައެއް ބޭފުޅުން މިހާރު ވެސް އެބަ ސުވާލުކުރައްވާ މި ކަމާ ބެހޭ ގޮތުން. ރަށްރަށަށް އެ ބޭފުޅުން ވަޑައިގަތީމާ އެ ބޭފުޅުންނާ އެބަ ސުވާލުކުރައްވާ ގާނޫނު އޮތް ގޮތުން މިހާރު ކެމްޕޭންކުރެއްވޭނެތޯ ވެސް. ރަށްރަށުގައި މީހުންނާ ބައްދަލުކުރުމަށް ތަންތަން ހޯދުމަށް އެ ބޭފުޅުން އެދިވަޑައިގަތީމާ ވެސް އެބަ ސުވާލުކުރައްވާ ގާނޫނު އެކަމަށް ތަންދޭތޯ ވެސް. އެހެންވެ އަޅުގަނޑުމެންގެ މަގްސަދަކީ މިފަދަ ހުރިހާ ޝައްކުތަކެއް ފިލުވައިލުން،" ނަޝީދު ވިދާޅުވި އެވެ.
މާލޭ މެންބަރު އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވީ، މި މާއްދާ އުވާލުމަކުން ނުވަތަ އުވާނުލުމަކުން އަންނާނެ މާ ބޮޑު ބަދަލެއް ނެތް ކަމަށެވެ. އަދި މިހާރު ވެސް ބައެއް ފަރާތްތަކުން ތާއީދު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހުށަހެޅިފައިވާ މި އިސްލާހުގައި އޭނާގެ އަމިއްލަ މަސްލަހަތެއް ހިމެނޭ ކަމަށް ވިދާޅުވެ ވޯޓުގައި ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.
ތ. މެންބަރު މުހައްމަދު ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ނުވަ ވަނަ މާއްދާ އެކަނި އުވާލަން ނުފެންނަ ކަމަށާއި ގާނޫނުގައި އެހެން (ކެމްޕޭން ކުރުމުގެ ފުރުސަތު ހުޅުވައިލުމުގެ ކުރިން ކެމްޕޭން ނުކުރެވޭނެ ކަމަށް) އޮއްވައި ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ސަރުކާރުން ފިޔަވަޅު އަޅުއްވަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނުތައް ހިންގުމުގެ ގާބިލުކަން ސަރުކާރުގައި ނެތީތޯ؟ މިހާރު ކެމްޕޭންކުރަމުންދާ މީހުން ސަރުކާރުން ޝަރީއަތަށް ފޮނުއްވައިގެން އެ ބޭފުޅުންނާ މެދު ފިޔަވަޅު އަޅުއްވަންޖެހޭނެ،" ޝަރީފު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި މި ބިލާ މެދު މެންބަރުން ބަހުސްކުރެއްވުމަށް ފަހު މަޖިލީހުން ބިލު ބަލައިގަތީ، ހާޒިރުވެ ތިއްބެވި 39 މެންބަރުންގެ ތެރެއިން 34 ވޯޓުގެ އަޣުލަބިއްޔަތު ލިބިގެންނެވެ.
މި ބިލް މަޖިލީހުން ބަލައިގަތުމަށް ފަހު ކޮމިޓީއަކަށް ނުގެންގޮސް ބިލާ ފާސްކުރުމަށް ވޯޓު ނެންގެވީ ކޮމިޓީއަކަށް ގެންގޮސްގެން ކުރާނެ އެއްވެސް ކަމެއް މި ބިލްގައި ނެތުމުން ގިނަ މެންބަރުން އެ ގޮތަށް ތާއީދުކުރެއްވުމުންނެވެ. އިތުރަށް ބަހުސްކުރުމަށް ފުރުސަތު ދެއްވަންޖެހޭނެ ކަމަށް ވިދާޅުވީ، ފ. މެންބަރު އަހްމަދު ހަމްޒާ އެކަންޏެވެ. އަދި މި ބިލް ދާޚިލީ ކޮމިޓީއަށް ފޮނުވަންޖެހޭނެ ކަމަށް ވިދާޅުވީ ރ. މެންބަރު އަލީ ވަހީދު އެކަންޏެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނު (ގާނޫން ނަމްބަރު 98/ 1) ގެ ނުވަ ވަނަ މާއްދާ އަށް އަމަލުކުރުން ހުއްޓާލުމަށްޓަކައި ސަރުކާރުން މަޖިލީހަށް ހުށަހެޅީ އެ ގާނޫނު އުވާލުމަށްޓަކައި ވެސް މިދިޔަ މަހުގެ ތެރޭގައި މަސައްކަތްކުރުމަށް ފަހު އެވެ. ނަމަވެސް ރިއާސީ އިންތިހާބުގެ ގާނޫނު އުވާލުމުގެ ބިލް ސަރުކާރުން މިދިޔަ މަހުގެ ތިން ވަނަ ދުވަހު އަނބުރައި ގެންދެވީ އެކަމާ ދެކޮޅަށް ވަރަށް ގިނަ މެމްބަރުން ވަކާލާތުކުރެއްވުމުންނެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނުގެ ނުވަ ވަނަ މާއްދާ (ރިޔާސީ އިންތިހާބުގައި ތާއީދު ހޯދުމަށް މަސައްކަތްކުރުން) ކަމަށް ކަނޑައަޅާ މާއްދާ އަށް އަމަލުކުރުން ހުއްޓުވުމަށް ސަރުކާރުން ހުށަހެޅީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދުރާލައި ކެމްޕެއިންކުރުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ތަނަވަސްކޮށްދިނުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ