ރިޔާސީ އިންތިހާބު 2008: އަންނި ތިނަދު އަށް ވަޑައިގަތުމުން ބަޔަކު ހަމަނުޖެހުން ހިންގައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު (އަންނި)ގެ ކެމްޕޭން ދަތުރުގައި ގދ. ތިނަދު އަށް ވަޑައިގަތުމުން، އަޑުގަދަކުރާ އިން ބަޔަކު ދެކޮޅުވެރިކަމުގެ ޝުއޫރު ފާޅުކޮށް، ހަމަނުޖެހުން ހިންގައިފި އެވެ.
ތިނަދޫ މީހަކު މިއަދު ބުނީ ރޭގެ ވަގުތެއްގައި އަންނި އެ ރަށަށް ވަޑައިގަތުމުން ބަޔަކު މީހުން ޕިކަޕެއްގައި ދުއްވައި، ހިތްހަމަނުޖެހުމުގެ ޝުއޫރު ފާޅުކޮށް އަންނި އިސްތިއުފާ އަށް ގޮވައި އެމްޑީޕީގެ ޖަލްސާ އަށް ވެސް ހުރަސްއަޅައިފައިވާ ކަމަށެވެ.
އަންނި ކެމްޕޭންގެ މީޑިއާ މެނޭޖަރު މުހަންމަދު ޒުހެއިރު ވެސް މިއަދު ވިދާޅުވީ އަންނިއާ ދެކޮޅަށް ތިނަދޫން ބަޔަކު މީހުން ނުރުހުމުގެ ޝުއޫރު ފާޅުކުރި ކަމަށެވެ.
"އަޅުގަނޑުމެން އެ ރަށަށް ފޭބިއިރު ތިބި އަށެއްކަ މީހުން ޕިކަޕެއްގައި ދެ ލައުޑް ސްޕީކަރު ހަރުކޮށްގެން. އެ މީހުން ދިޔައީ އިސްތިއުފާއޭ ގޮވަމުން. އަޅުގަނޑުމެންނަކަށް ނުވިސްނުނު ކޮން (މަގާމަކުން) އިސްތިއުފާ ދޭން ކަމެއް. އޭގެ އިތުރުން ގާބިލެއް ނޫނޭ ކިޔައި އެ މީހުންގެ ޝުއޫރު ފާޅުކުރި. އަޅުގަނޑުމެން އަޅައެއްނުލަން. އެ މީހުން އެކަމެއް ކުރި،" އަންނިއާ އެކު ތިނަދު އަށް ވަޑައިގެންނެވި ޒުހެއިރު ވިދާޅުވި އެވެ.
ޒުހެއިރު ވިދާޅުވީ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް އަންނިގެ ސަޕޯޓަރުންގެ އިތުރުން ގިނަ އަދަދެއްގެ މީހުން އަންނި ހިމާޔަތްކުރުމަށް އޭނާ ވަށައިގެން ތިބި ކަމަށެވެ. އަންނި ހިމާޔަތްކުރުމަށް ފުލުހުން ކޮށްދިން މަސައްކަތް އެމްޑީޕީން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންނި ތިނަދު އަށް ވަޑައިގަތުމުން އެ ރަށުގައި ބަޔަކު މީހުން ހިންގި ހަމަނުޖެހުން ކުށްވެރިކޮށް ޑީއާރުޕީން ވަނީ ނޫސް ބަޔާނެއް ނެރަފަ އެވެ.
އެ ނޫސް ބަޔާނުގައި ބުނީ "ތިނަދޫގައި އެމްޑީޕީގެ މެސެޖް މިނިވަންކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޔަކު ވަނީ ހުރަސްއަޅައިފައި" ކަމަށެވެ.
"މި ކަމުގައި އިސް ނަގައިގެން އުޅުނު ފަރާތްތަކުގެ ތެރޭގައި ޑީއާރުޕީގެ ޓީޝާޓް ލައިގެން އުޅުނު ބަޔަކު ފާހަގަކުރެވުނު ކަމަށް ވެ އެވެ. އަދި ހިނގަމުންދިޔަ ޖަލްސާ އަށް ހުރަސްއެޅުމުގެ ގޮތުން މި ކެމްޕެއިންގެ ލަވަތައް އަޑުގަދަކުރާ އިން ބާރަށް ޖަހަމުން ގެންދިޔަ ކަމަށް ވެ އެވެ،" މައުމޫން 2008 ކެމްޕޭން އޮފީހުން ނެރުނު ނޫސް ބަޔާނުގައި ވެ އެވެ.
އެ އަމަލަކީ އެ ޕާޓީން ތާއީދުކުރާ އަދި ކުރިއަރުވަން ބޭނުންވާ ޑިމޮކްރަސީގެ އަސާސްތަކާއި ކަނޑައެޅިގެން ދެކޮޅު އަމަލެއް ކަމަށާއި އެ އަމަލު ހިންގުމުގައި އެއްވެސް ސިފައެއްގައި އެ ޕާޓީން ބައިވެރިނުވާކަން ޔަގީންކޮށްދޭ ކަމަށް އެ ބާޔާނުގައި ވެ އެވެ.
"މިކަމެއް ކުރި ބައެއްގެ ތެރޭގައި މި ކެމްޕެއިނުގެ ކެންޑިޑޭޓް ތިނަދު އަށް ވަޑައިގަތުމުން އެމަނިކުފާނަށް ހުރަސްއެޅި ފަރާތްތައް، ރޭ ޑީއާރުޕީގެ ހެދުން ލައިގެން ހަރަކާތްތެރިވަމުން ގެންދިޔަ ކަމަށް މި ކެމްޕޭނަށް ވަނީ ޔަގީންކުރެވިފަ އެވެ.
އެމްޑީޕީން ބުނި ގޮތުގައި ތިނަދޫގައި ބަޔަކު ހިންގި ހަމަނުޖެހުމަކީ ޑީއާރުޕީން ކުރި ކަމަށް އެ ޕާޓީން ތުހުމަތެއް ނުކުރެ އެވެ.
"އެ ޕިކަޕުގައި އަޑުގަދަކުރި ދެތިން ކުދިން ފަހުން އައިސް އަޅުގަނޑުމެންނާ ސަލާމްކޮށް މައާފަށް ވެސް އެދިފައި ބުނީ މިވެނި ބަޔަކު ލާރިދީގެން ކުރުވި ކަމެކޭ. އެމްޑީޕީން އެއްވެސް ބަޔަކަށް ތުހުމަތެއް ނުކުރަން،" އަންނިގެ ކެމްޕޭން މެނޭޖަރު ޒުބެއިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ