ރިޔާސީ އިންތިހާބު 2008: އައްޑޫ ކެމްޕޭން ޖަލްސާގައި ބަޔަކު އަންނިގެ އިސްތިއުފާ އަށް ގޮވައިފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އައްޑު އަތޮޅުގައި ކެމްޕޭން ކުރެއްވުމަށް ރޭ ސ. ހިތަދޫގައި ބޭއްވި ޖަލްސާގައި ބަޔަކު އޭނާގެ އިސްތިއުފާ އަށް ގޮވައިފި އެވެ.
ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި އަންނިގެ އިސްތިއުފާ އަށް ގޮވި މީހުން ވަނީ ޖަލްސާ ފެށުނުތަނާހެން ހޯލުގެ މައި ދޮރުގެ ކުރިމައްޗަށް އެއްވެ ޖަލްސާ ނިމެންދެން ވަރަށް އަޑުގަދަކޮށް އަންނިގެ އިސްތިއުފާ އަށް ގޮވައިފަ އެވެ. އަދި ޖަލްސާ ނިންމަވާލައްވައި އަންނި ކާރަށް އަރާވަޑައިގަންނަވަން ނިކުންނެވުމުން ވެސް ކާރު ކައިރި އަށް ވެސް ގޮސް، އިސްތިއުފާ އަށް ގޮވައިފަ އެވެ.
"އަޅުގަނޑުމެންގެ ޕާޓީ ހަލާކުކޮށްލީ އަންނި. އަންނި ޕާޓީގެ ލީޑަޝިޕް އެހެން ބޭފުޅަކާ ހަވާލުކޮށްފައި ވަޑައިގަންނަވާ. އަންނި އިސްތިއުފާ،" އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިފައި އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެ ޕާޓީގެ ރިސާޔީ ކެންޑިޑޭޓުގެ މަގާމަށް ކުރިމަތިލައްވައި އެކަން ކާމިޔާބުކުރެއްވި އަންނި އާ ދިމާލަށް، އިސްތިއުފާ އަށް ގޮވި މީހުން ރޭ ގޮވަމުންދިޔަ އެވެ.
އެހެން ނަމަވެސް އަންނި އެއްވެސް އެއްޗެއް ވިދާޅުނުވެ، ހިނިތުންވެހުންނަވައިގެން ކާރަށް އަރައިވަޑައިގެންނެވީ އެވެ.
އެމްޑީޕީ އަށް ތާއީދުކުރާ ގިނަ ބަޔަކު ހާޒިރުވި މި ޖަލްސާ ފެށުނުތަނާ ގާތްގަނޑަކަށް ދިހަ ވަރަކަށް މީހުން ހޯލުގެ މައި ދޮރުމައްޗަށް އެއްވެ އަޑުގަދަކޮށް އަންނިގެ އިސްތިއުފާ އަށް ތަކުރާރުކޮށް ގޮވަމުންދިޔަ އެވެ. ބައެއް މީހުން ބުނެފައި ވަނީ ރޭ އަޑުގަދަކޮށްފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި އަންނިއާ ވާދަކޮށް، ބަލިވި ޑރ. މުނައްވަރުގެ ސަޕޯޓަރުން ކަމަށާއި އެ މީހުންނަކީ މިހާރު ޑރ. މުނައްވަރު ހުންނެވި ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ބައެއް ކަމަށެވެ.
ބަޔަކު މީހުން އަންނިގެ އިސްތިއުފާ އަށް ގޮވަމުން ދިޔަ ނަމަވެސް އޭނާ ވަނީ ވަރަށް ކެރިވަޑައިގެން ޖަލްސާގައި ވާހަކަ ދައްކަވައިފަ އެވެ. ރޭގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި އޭނާ ވާހަކަ ދައްކަވައިފައި ވަނީ އެމްޑީޕީގެ ސަރުކާރެއްގައި ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކާ ބެހޭ ގޮތުންނެވެ.
ޖަލްސާ ކުރިއަށް ދިޔައިރު ފަހުން ފުލުހުން ވެސް ހަރަކާތްތެރިވަމުން ދިޔަ އެވެ. އެހެން ނަމަވެސް އަޑުގަދަކުރުމުގެ އިތުރަށް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ރޭ ހިނގައިފައެއްނުވެ އެވެ.
އިސްތިއުފާ އަށް ގޮވަމުންދިޔަ މީހުންނަށް ނިސްބަތްކޮށް އަންނި ސްޓޭޖަށް އަރައިވަޑައިގެން ވިދާޅުވީ "އެމްޑީޕީ އަށް އޮތް ތާއީދު މިހިރަ ފެންނަނީ" ކަމަށެވެ. އަދި އެ ގޮތަށް ބަޔަކު ހަޅޭލައްވައި މަޅިފަތިތައް އުކި ނަމަވެސް ކަންބޮޑުވާންނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ ދިމާލަށް ދުވަހުން ދުވަހަށް އެއްލަމުން މިދާ މަޅިއެއް ވަމުން މިދަނީ މާފައްޗަކަށް. އަޅުގަނޑުމެންގެ މި ދަތުރުގައި އަޅުގަނޑުމެންނާ ދިމާލަށް ހެދިފައިވާ ކޮންމެ މަޅިއެއް މިވަނީ މާފައްޗަކަށް،" އަންނި ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވެސް އަންނި ތަކުރާރުކޮށް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖޭގައި އުފެދިގެން ދާނީ އެމްޑީޕީގެ ސަރުކާރެއް ކަމަށެވެ.
އަންނި ކެމްޕޭން ކުރެއްވުމަށް އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ ވަނީ މިއަތޮޅު ހުޅުމީދު އަށް ވެސް ވަޑައިގެން އެ ދެ ރަށުގައި ތިބި އެމްޑީޕީ އަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ