2.18 ކިލޯގެ މައްސަލައިގެ ޝަރީއަތް: މަގާމުގެ ނުފޫޒު ފޯރުވައިގެން ނާޖާއިޒު ފައިދާ ނަގައިދިންކަން ކަސްޓަމްސް އޮފިސަރުގެ މައްޗަށް ސާބިތެއް ނ

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވައިގެ މަގުން ރާއްޖެ އެތެރެކުރި 2.18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ސަރުކާރުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ މަގާމުގެ ނުފޫޒު ފޯރުވައިގެން ނާޖާއިޒު ފައިދާ ނަގައިދިން ކަމަށް ބުނެ ދައުލަތުން ދައުވާކުރި ކަސްޓަމްސް އޮފިސަރު، ހ. ޑޮނީގޯލް މުހައްމަދު ޝަފީގުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް އިއްވައި އޭނާގެ މައްސަލަ ނިންމަވައިފި އެވެ.
ޖިނާއީ ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ މުހައްމަދު މޫސާ ވިދާޅުވީ ޝަފީގުގެ މައްސަލަ ޝަރީއަތުން ބެއްލެވިއިރު ތަހުގީގަށް އޭނާ ދީފައިވާ ބަޔާނަށް ޝަރީއަތުގައި އޭނާ އިންކާރުކުރާ ކަމަށާއި ކޮރަޕްޝަން މަނާކުރާ ގާނޫނުގެ ދަށުން ޝަފީގުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނާ ފަދައިން ނުފޫޒެއް ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނަގައިދެވޭނެ ފަދަ މީހަކަށް ޝަފީގު ނުވާ ކަމަށެވެ. އަދި ހެކިތަކަށް ބަލާއިރު ޝަފީގުގެ މައްޗަށް ކުށް ސާބިތުވާނެ ތަނެއް ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ޝަފީގަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ، ހަމީދު ރާއްޖޭން ބޭރުން އަންނައިރު، ޗީފް ކަސްޓަމްސް އޮފިސަރުގެ މަގާމުގައި ޝަފީގު ހުރެ އެކި ދުވަސްމަތިން ހަމީދުގެ އެދުމުގެ މަތިން އޭނާ އަށް އަވަސްކޮށްދިނުމަށް ޑިއުޓީގައި ތިބޭ ކަސްޓަމްސް އޮފިސަރުން ގާތުގައި އެދޭ ކަމަށެވެ. އަދި އެގޮތަށް އަވަސްކޮށްދިނުމުގައި ހަމީދުގެ ފޮށިތައް ޗެކުނުކޮށް ފޮނުވައިދީފައިވާ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ޝަފީގަކީ ތިލަފުށީގައި މަސައްކަތްކުރާ މީހެއްކަން އެނގޭ ކަމަށާއި ދައުވާގައި ބުނާ އެއްވެސް ކަމެއް އޭނާ ކޮށްފައިވާކަން ސާބިތުވާވަރުގެ ހެއްކެއް ނެތް ކަމަށެވެ.
ޝަފީގު ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، ވަރަށް ކުރިއްސުރެ ހަމީދު ދަންނަ ކަމަށާއި ވިޔަފާރިކުރަންވެގެން ވެސް ހަމީދު އޭނާ އަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދިން ކަމަށެވެ. އަދި ހަމީދަކީ ބޭރު މީހަކާ ގުޅިގެން ބަކަރި ހަމުގެ ވިޔަފާރި ހިންގާ މީހެއް ކަމަށް އެނގިފައި އޮންނަ ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަން ނޭނގޭ ކަމަށް ވެސް ޝަފީގު ބުނެފައި ވެ އެވެ.
ޝަފީގަށް ދައުލަތުން ދައުވާކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ )ހ( ގެ ދަށުންނެވެ.
ދެ ކިލޯގެ މައްސަލައިގައި ޝަރީއަތް ހިންގާ މީހުންގެ ތެރެއިން، މަސްތުވާތަކެތި އަޅާފައި ހުރި ފޮށި ހިފައިގެން ރާއްޖެ އައި ޕާކިސްތާނުގެ އަޒުމަތު ހާނާއި އޭނާ އައުމުން ފޮއްޓާ ހަވާލުވާން ދިޔަ މީހާގެ މައްޗަށް މީގެ ކުރިން ވަނީ އުމުރަށް ޖަލަށްލުމަށް ހުކުމް އިއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ