ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް މަސައްކަތް ކުރުމަށް މައުމޫން ޑީއާރުޕީ އަށް ގޮވާލައްވައިފި

އާ ގާނޫނު އަސާސީގެ ދަށުން އަންނަ އަހަރުގެ ފެބްރުއަރީ 15 ގެ ކުރިން ބާއްވައި ނިންމަން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެ މަޖިލީހުގެ އަޣުލަބިއްޔަތު ޑީއާރުޕީ އަށް ހޯދުމަށް ކުރެވުނުހާ މަސައްކަތެއް ކުރުމަށް އެ ޕާޓީގެ ޒައީމް އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ބުދަ ދުވަހުގެ ރޭ ގޮވާލައްވައިފި އެވެ.
އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު ޑީއާރުޕީގެ ސަޕޯޓަރުންނާ ފުރަތަމަ ފަހަރަށް ޣިޔާސުއްދީން ސްކޫލުގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރަން ޖެހޭ ކަމަށެވެ.
"އެހެން މި ދެންނެވީ ރާއްޖޭގެ ކުރިމަގު އިތުރަށް އުޖާލާވެގެންދާނީ، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ދާނީ އަޅުގަނޑުމެންގެ ޕާޓީ ޑީއާރުޕީގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮވެގެން. އެކަން އަޅުގަނޑުމެން ޔަގީންކުރަން އެބަ ޖެހޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން އަޅުގަނޑުމެން މަސައްކަތް ފަށާނަން،" މައުމޫން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މައުމޫނަށް ތާއީދުކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވުމަށްޓަކައި މައުމޫން ބޭއްވި މި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ޑީއާރުޕީ ދެން ވާނީ އިދިކޮޅު ޕާޓީ އަށް ކަމަށާއި އިދިކޮޅު ޕާޓީ އަކީ ވެސް ގައުމުގެ ސިޔާސީ މަސްރަހުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ފަރާތެއް ކަމަށެވެ. އެކަމަކު މައުމޫން ވިދާޅުވި ގޮތުގައި ޑީއާރުޕީ އަކީ އިދިކޮޅު ޕާޓީއެއް ނަމަވެސް ފަހަރެއްގައި ވެސް އެ ޕާޓީން މަގުމައްޗަށް ނުކުމެ ހަޅޭއްލަވަމުން ނުގެންދާނެ އެވެ.
"އަޅުގަނޑުމެންނަކީ ހަމަނުޖެހުން އުފައްދާ ބައެއް ނޫން. އަޅުގަނޑުމެންނަކީ ގާ އުކައި މީސްމީހުންނަށް ގެއްލުންދީ އަލިފާންބޯޅަ އުކައި މިހެން ހަދާ ބައެއް ނޫން. އަޅުގަނޑުމެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބި ނަމަވެސް ކަންތައްތައް ކުރާނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ގައުމުގެ މަސްލަހަތާ އެއްގޮތްވާ ގޮތުގެ މަތިން އަޅުގަނޑުމެން ގަބޫލުކުރާ މަތިވެރި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން،" ނޮވެމްބަރު ،11 1978 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ އަދި އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މައުމޫން ވިދާޅުވި އެވެ.
ޣިޔާސުއްދީން ސްކޫލަށް ހާޒިރުވި ގިނަ އަދަދެއްގެ ބަޔަކާ ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބު ތެރޭގައި ގިނަ ބަޔަކު ހިތްހަމަނުޖެހޭ ގޮތަށް ވަރަށް ގިނަ ކަންތައްތައް ދިޔަ ކަމަށާއި އޭގެ ސަބަބުން އިންތިހާބުގެ ނަތީޖާ އަށް ވެސް އަސަރު ކޮށްފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަމަކު މައުމޫން ވިދާޅުވީ އެއީ މައްސަލައަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށާއި އެއީ ގައުމުގެ މަސްލަހަތު ތަންދޭ ކަމެއް ވެސް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންނަކީ ފޯރައިގެން ތިބި ބައެއްކަން ދައްކަން. އަޅުގަނޑުމެންނަކީ މައްސަލަތައް ބަލައި، ތަހުގީގުކޮށް ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ބޭނުންވާ ގޮތަށް ކަންތައްތައް ނިންމަން ބޭނުންވާ ބައެއް ނޫންކަން އަޅުގަނޑުމެން ބޭނުންވޭ ސާބިތުކޮށްދޭން. އެއަށް ވުރެ މާ ބޮޑަށް އަޅުގަނޑުމެންގެ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަން އެބަހުރި. އަދި އެއަށް ވުރެ ބޮޑަށް އަޅުގަނޑުމެން ގައުމަށް ހެޔޮ އެދެން. އެހެންވީމަ މި އިންތިހާބުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުމެއް އުފެދި އެއްވެސް ބަޔަކަށް ގެއްލުމެއް ވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" މައުމޫން ވިދާޅުވި އެވެ. "ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް އަމަލުކުރިޔަސް އަޅުގަނޑުމެން ތިބޭނީ ހަމައިގައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ސާބިތުކޮށްދޭނީ އަޅުގަނޑުމެންނަކީ 24 ގަޑިއިރު ހަމައިގައި ތިބޭ ބައެއްކަން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ