ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ ބަދަލުވުމުގެ މަރުހަލާ މި އަހަރު ފެށޭއިރު، އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައި ވަނީ ރާއްޖެ އާއި ރައްޔިތުންނަށް ފައިދާހުރި އެކި އެކި ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ހިންގުމަށް ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ ބޮޑަށް ހުޅުވާލުން ކަމަށާއި އެހެންވެ އެކަން ހާސިލުކުރުމަށް ރައްޔިތުންގެ މަޖިލީހާއި ދިވެހި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވުމަށް ފަހު ސަރުކާރުގެ ސިޔާސަތުތައް ހާމަކުރާ ބަޔާން އިއްވަވައިދެއްވަމުން ރައީސް ބުރާސްފަތި ދުވަހު ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ ބަދަލުވުމުން، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ލިބެމުން އައިސްފައިވާ އެކިއެކި އިނާޔަތްތަކުން ރާއްޖެ މަހުރޫމްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ވީހާ ވެސް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
"މިގޮތުން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައި ވަނީ، ރާއްޖެ އަށާއި ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހުރި އެކިއެކި ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ހިންގުމަށް ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ ބޮޑަށް ހުޅުވާލުމަށް. އެހެންކަމުން މިކަން ފުރިހަމައަށް ހާސިލުކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގައި ރައްޔިތުންގެ މަޖިލީހުންނާއި ދިވެހި ރައްޔިތުން ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް އަޅުގަނޑު ގޮވާލަން،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ ބަޔާންގައި ރައީސް އިތުރަށް ވިދާޅުވީ ލަފާފުރުމުގެ ދަތިކަން އިހުސާސްކުރަންޖެހޭ ރަށްރަށުގެ ތެރެއިން، މިހާރު މަސައްކަތް ނުފެށިވާ ހުރިހާ ރަށެއްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ހުރިހާ ބަނދަރުތަކެއްގެ މަސައްކަތް އަންނަ އަހަރު މުޅިން ނިމޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
ސަރުކާރުން މި އަހަރުގެ ތެރޭގައި ހިންގުމަށް ރާވައިފައިވާ އެކި މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް ބޭންކެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މުޅި ރާއްޖެއަށް މޯބައިލް ފޯނުގެ ޒަރީއާ އިން ބޭންކުގެ ހިދުމަތް ދިނުމުގެ މަޝްރޫއެއްގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމި، ހިދުމަތް ދޭން ފަށާނެ ކަމަށެވެ.
ރާއްޖޭގެ މީޑިއާގެ ދާއިރާ ތަރައްގީވަމުން އަންނަ ގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މީޑިއާ ކަމަށްވާ ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގެ ހިންގުން ޒަމާނީކޮށް، ހިދުމަތް ވެސް މިހާރާ ގުޅޭ ގޮތަށް ބައްޓަންކުރުމަށްޓަކައި ބޭނުންވާ ގާނޫނުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
ރައީސް ވަނީ، މިދިޔަ އަހަރު ކުރައްވާނެ ކަމަށް މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވާ ކަންތައްތަކުގެ ތެރެއިން ފުރިހަމަ ނުކުރެވި ވާ ދެ ކަމެއްގެ ވާހަކަ ވެސް ދައްކަވައިފަ އެވެ. އެއީ ކީރިތި ޤުރުއާނުގެ އާ ދިވެހި ތަރުޖަމާގެ މަސައްކަތްތަކާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން، ޔުނިވަސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތެވެ. ރައީސް ވިދާޅުވީ އެ ދެ ކަންތައްތަކުގެ ތެރެއިން ޔުނިވަސިޓީ ހިންގުމަށް ބޭނުންވާ ގަވާއިދުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ރާއްޖޭގައި ޔުނިވާސިޓީއެއް ހިންގުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން ނެރޭ ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ ޗާޕްކުރުމަށް ހަވާލު ކުރެއްވި ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް އިން، އެ ތަރުޖަމާގެ ފުރަތަމަ 10 ކޮޕީ މިހާރު އެމަނިކުފާނާ ހަވާލު ކުރައްވާފައިވާ ކަމަށާއި ތަރުޖަމާގެ ހުރިހާ ކޮޕީތައް، ވީ އެންމެ އަވަހަކަށް ޗާޕްކޮށް ނިންމުމަށް އެ ފަރާތުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ރިޔާސީ ބަޔާން 2008: ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ ހުޅުވާލުވުމުގައި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް ރައީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ