ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ނަމަ ވާދަކުރާނަން: ޖާބިރު

ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ގޮނޑި އަށް ކުރިމަތިލައްވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގއ. މެމްބަރުކަން ކުރައްވާފައިވާ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.
ޖާބިރު ވިދާޅުވީ ކާށިދޫ ގޮނޑި އަށް ޝައުގުވެރިކަން ހުރީ، "ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އެދުން އޮތުމުން" ކަމަށެވެ. އަދި ކާށިދޫ ގޮނޑި އަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނަވާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކާށިދޫ ގޮނޑި އަށް ޝައުގުވެރިކަން އެބަހުރި. އެ ގޮނޑި ހުސްވެއްޖެ ނަމަ، އެމްޑީޕީގެ ޕްރައިމަރީގައި އަޅުގަނޑު ވާދަކުރާނަން. މި ވާހަކަ އަޅުގަނޑު އެމްޑީޕީގެ އިސްވެރިންނާ ވެސް ދައްކައިފިން. އަދި ކާށިދޫ ދާއިރާގެ މެމްބަރުން ވެސް ބޭނުންވޭ އަޅުގަނޑު އެ ގޮނޑި އަށް ކުރިމަތިލުމަށް،" ސާކް ސެކްރެޓަރީ ޖެނަރަލް އަދި ކުރީގެ ބަނޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދުގެ ފިރިކަލުން ވިދާޅުވި އެވެ.
ކާށިދޫ މެމްބަރު އިސްމާއީލް އަބްދުލް ހަމީދު، ދޮޅު އަހަރަށް އަރުވާލުމަށް ހުކުމްކޮށްފައިވާއިރު، އޭނާގެ ގޮނޑިއާމެދު ހިޔާލު ތަފާތުވުން ވަނީ އުފެދިފަ އެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ މެމްބަރަކަށް އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ޖިނާއީ ހުކުމެއް އިއްވައިފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. ނަމަވެސް އެކަމާ ދެކޮޅި ހައްދަވާ ބައެއް ބޭފުޅުން ވިދާޅުވީ ކާށިދޫ މެމްބަރު އިސްމާއީލަށް އިސްތިއުނާފު ކުރުމުގެ ހައްގު އޮންނާނެ ކަމަށާއި ގޮނޑި ހުސްވެއްޖެކަން ކަނޑައަޅާނީ ޝަރުއީ ހިރިހާ މަރުހަލާއެއް ނުމުމުން ކަމަށެވެ. ނުވަތަ ގޮނޑިއާމެދު ހިޔާލު ތަފާތުވެއްޖެ ނަމަ އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ.
ކާށިދޫ ގޮނޑި އަށް ކުރިމަތިލުމަށް ޝައުގުވެރިވާ ކަމަށް ޕީޕީއެމްގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް މައުމޫންގެ އަބްދުލް ގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން ފާޅުކުރައްވާފައިވާއިރު އެ ގޮނޑި ހުސްވެއްޖެ ނަމަ އަދާލަތު ޕާޓީން ވެސް ވާދަކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ