ހައި ކޯޓުގެ ފަނޑިޔާރުން ހުވާކުރުން ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި

ހައި ކޯޓްގެ ފަނޑިޔާރުކަމަށް ފަސް ބޭފުޅަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހޮވުމުގައި އުސޫލީ އަދި ގާނޫނީ މައްސަލަތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އެކަން ބާތިލްކޮށްދިނުމަށް އެދި ޖިނާއީ ކޯޓުގެ ގާޒީއަކު ސިވިލް ކޯޓުގައި މިއަދު ދައުވާކުރެއްވުމާ ގުޅިގެން، އެ ފަނޑިޔާރުން ހުވާ ކުރެއްވުން ފަސްކުރުމަށް މިރޭ ވަގުތީ ކޯޓު އަމުރެއް ނެރެފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލެއްވި ޖިނާއީ ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ޝަރީއަތުގައި ވިދާޅުވީ ޖޭއެސްސީން ހޮވާފައިވާ ފަނޑިޔާރުން ހުވާކުރައްވައިފިނަމަ އެތައް ބައެއްގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށެވެ.
ކޯޓު އަމުރުގައި ވަނީ މިއީ ގިނަ ބައެއްގެ ހައްގުތަކެއް އެކުލެވޭ ކަމަކަށް ވާތީ އާއި މައްސަލާގައި ބަލަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ކޯޓަށް ފެންނާތީ ފަނޑިޔާރުން ހުވާ ކުރުން ފަސްކުރުމަށެވެ.
މި އަމުރު މި އައީ ހައި ކޯޓުގެ ފަނޑިޔާރުން އަންނަ އާދީއްތަ ދުވަހު ހުވާކުރަން ޖޭއެސްސީން ހަމަޖައްސާފައި ވަނިކޮށެވެ.
"ޖުޑިޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާފައިވާ ހައި ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ އުސޫލުގައި ބުނެފައި އެބަ އޮތް އަންހެނަކާއި ފިރިހެނަކަށް އެއްވަރަކަށް ޕޮއިންޓް ލިބިއްޖެ ނަމަ އިސްކަން ދޭނީ އަންހެން ބޭފުޅާ އަށް ކަމަށް. އެއީ ގާނޫނު އަސާސީ އާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު ކަމެއް،" ބާރީ ވިދާޅުވި އެވެ.
ޖޭއެސްސީން މިހާރު ހޮވާފައިވާ ފަސް ފަނޑިޔާރުންގެ ތެރޭގައި ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ އަންހެން ބޭފުޅަކު ވެސް ހިމެނިވަޑައިގަނެ އެވެ. ޑރ. އަޒްމިރާލްދާ ޒާހިރަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހައި ކޯޓުގެ ބެންޗަށް ހޮވި އަންހެން ފަނޑިޔާރެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި 23 ބޭފުޅުންގެ ތެރެއިން ރާއްޖޭގެ ދެ ވަނަ އަށް އެންމެ މަތީ ކޯޓުގެ ބެންޗަށް ޖޭއެސްސީން ހޮވާފައިވަނީ ޑރ. އަޒްމިރާލްދާގެ އިތުރުން ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އަބްދުއްރައޫފު އިބްރާހީމް އާއި އައްބާސް ޝަރީފް އަދި އަލީ ސަމީރެވެ.
މީގެ ތެރެއިން ސަމީރަކީ ސިވިލް ކޯޓުގެ އިސް ގާޒީ އެވެ. އަދި ރައޫފަކީ އެ ކޯޓުގެ ރަޖިސްޓްރާ އެވެ. އައްބާސް ޝަރީފަކީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާ ބެހޭ ގިނަ މައްސަލަތަކެއްގައި އެމަނިކުފާނުގެ ވަކީލުކަން ކުރެއްވި ބޭފުޅެވެ. ޝުއައިބަކީ ކުޑަކުދިންގެ ކޯޓުގެ އިސް ގާޒީ އެވެ. އަދި ޑރ. އަޒްމިރާލްދާ އެންމެ ފަހުން މަސައްކަތްކުރެއްވީ ލޯ ކޮމިޝަންގަ އެވެ.
މި ބޭފުޅުންގެ ތެރެއިން ޑރ. އަޒްމިރާލްދާ ފިޔަވައި އަނެއް ހަތަރު ބޭފުޅުން ހައި ކޯޓުގެ ބެންޗަށް ހޮވާފައިވަނީ 10 މެމްބަރުން ތިއްބަވާ ކޮމިޝަންގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުން ކަމަށް ޖޭއެސްސީން ބުނެ އެވެ. އެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވަނީ، ގާނޫނު އަސާސީއާ ޚިލާފަށް ފަނޑިޔާރުން އައްޔަންކުރުމުގެ ކަންތައް ގެންދާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ މަމްބަރު އައިޝަތު ވެލެޒިނީ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރުން އައްޔަންކުރުމުގައި އަޚުލާގަށް ބަލަން ޖެހޭނެ އެވެ. ނަމަވެސް އެކަމަށް އެއްގޮތަކަށް ވެސް ބަލާފައި ނުވާ ކަމަށް ވެލެޒިނީ ވިދާޅުވި އެވެ.
ފަސް ފަނޑިޔާރުންގެ ތެރެއިން ޑރ. އަޒްމިރާލްދާ ހޮވިވަޑައިގެންނެވީ ނުވަ މެމްބަރުންގެ ތެރެއިން އަށް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭނާ އަށް ވޯޓް ނުދެއްވީ އައްޝައިހު ޝުއައިބް އަބްދުއްރަހުމާނެވެ.
ޑރ. އަޒްމިރާލްދާ އަށް ވޯޓު ނުދެއްވި ސަބަބެއް ކަމަށް ޝުއައިބު ވިދާޅުވީ އިސްލާމީ މަޒުހަބުތަކުގެ ތެރެއިން ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބުން ކުރެ އެއްވެސް މަޒުހަބަކުން އަންހެނަކު ހުރިހާ ބާވަތެއްގެ މައްސަލަތަކެއްގައި ގާޟީކަން ކުރުމަކީ ހުއްދަ ކަމެއް ކަމުގައި ނުދެކޭތީ ކަމަށް ޖޭއެސްސީގެ ނޫސްބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ