އާސެނަލުން 14 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފި

ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން 14 ވަނަ ފަހަރަށް އާސެނަލް ހޯދައިފިއެވެ.
މި ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން އާސެނަލް ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ފަހަތުން އަރައި 2-1 ން ޗެލްސީ ބަލިކޮށްގެންނެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކުރީކޮޅު ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑް އެހީއާއެކު މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗެވެ. މިއީ އެމެރިކާގެ ކުޅުންތެރިއަކު އެފްއޭ ކަޕްގައި ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ޗެލްސީން މެޗުގެ ކުރީކޮޅު ލީޑު ނެގި ނަމަވެސް، އާސެނަލުން ފަހުން ވަނީ ކުޅުން ރަނގަޅުކޮށް މެޗު ޑޮމިނޭޓު ކޮށްފައެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ތެރެއިން އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންއަށް ޗެލްސީގެ ކެޕްޓަން ސެޒާ އެޒްޕަލިކުއެޓާ ކުރި ފައުލަކާ ގުޅިގެން ރެފްރީ އާސެނަލަށް ޕެނަލްޓީއެއް ދިންއިރު، މި ޕެނަލްޓީ އާސެނަލަށް ކާމިޔާބުކޮށްދިނީ އޮބާމަޔަންއެވެ.
މި މެޗުގައި އާސެނަލުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ނިކޮލަސް ޕެޕޭ ދިން ޕާހަކުން މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އޮބާމަޔަންއެވެ.
މި މެޗުގައި ޗެލްސީގެ ޕުލިސިޗް އާއި، އެޒްޕަލިކުއެޓާގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޕެޑްރޯ ރޮޑްރިގޭޒްއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، މެޗުގެ 73 ވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗަށް ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.
ޗެލްސީ ބަލިކޮށް އާސެނަލުން 14 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކުރިއިރު، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އާސެނަލެވެ. އަދި އާސެނަލުން ވަނީ އެފްއޭ ކަޕް ކާމިޔާބުކޮށް އަންނަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުން ޖާގައެއް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ