ސަން ޓްރެވަލްސްގެ އެކައުންޓް ފްރީޒްކުރަން ނެރުނު އަމުރު އިސްތިއުނާފަށް

ސަން ޓްރެވަލްސް ކުންފުުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން މި މަހު ކުރީކޮޅު އަމުރު ނެރުނީ އެ ކުންފުންޏާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލްއިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.
ހިލްޓަން ކުންފުނިން ސަން ޓްރެވަލްސްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން 2013 ގައި ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލަ އެވެ.
ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށާއި އެކައުންޓްތަކުގެ ތަފްސީލުތައް ކޯޓަށް ފޮނުވަން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން އެ ކުންފުނިން ހުށަހެޅިޔަސް، އެ މައްސަލަ ހައި ކޯޓުން ބަލައިގަތް ކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ.
ހިލްޓަނާ އެއްކޮޅަށް އާބިޓްރޭޝަނުން މައްސަލަ ނިންމާފައި ވަނިކޮށް 2017 ގައި ސިވިލް ކޯޓުންް ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ދާދި ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ