މެސީގެ ކުރިމަގާއިމެދު އެއްޗެއް ބުނަން ސެޓިއެން ދެކޮޅު ހަދައިފި!

ބާސެލޯނާގެ ކެޕްޓަން ލަޔަނަލް މެސީ އަންނަ އަހަރު އެ ޓީމު ދޫކޮށްލަން ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކާއިމެދު އެއްޗެއް ބުނަން ކޯޗު ސެޓިއެން ދެކޮޅު ހަދައިފިއެވެ.
މުޅި ކެރިއަރު ބާސެލޯނާގައި ހޭދަކުރި ފޯވާޑް ބާސެލޯނާ ދޫކޮށްލަން އުޅޭކަމަށް ވާހަކަތައް ދެކެވެން ފެށީ މިދިޔަ ސީޒަނާއި ހިސާބުންނެވެ. ބާސެލޯނާއާއިއެކު އެންމެ ފަހުން 2017ގައި މެސީ ސޮއިކުރި ކޮންޓްރެކްޓްގައި ހިމެނޭ މާއްދާއާއިއެކު މެސީ ބާސެލޯނާ ދޫކޮށްލާ ދުވަސް ކައިރިވެއްޖެކަމަށް ބެލެވުނެވެ. އެ މާއްދާގައި ވާ ގޮތުން މެސީ ބޭނުންވެއްޖެ ނަމަ ކޮންމެ ސީޒަނަކަށްފަހު އެކުލަބު ދޫކޮށްލެވޭނެއެވެ.
އަންނަ ސީޒަންގައި ބާސެލޯނާގައި މަޑުކުރަން އެއްބަސްވިނަމަވެސް އޭނާ އިތުރު ކޮންޓެކްޓެއްގައި ސޮއިކުރަން ދެކޮޅު ހަދާފައިވާކަމަށް ސްޕެއިންގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ. މެސީ ބޭނުންވަނީ އަންނަ ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލާށެވެ.
މިކަމާއި ގުޅޭގޮތުން ބާސެލޯނާގެ ކޯޗާއި ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނީ މެސީއާއި ގުޅޭގޮތުން އެކަހަލަ ވާހަކަތަކެއް އަބަދުވެސް އިވޭކަމަށެވެ. ކިކޭ ސެޓިއެން ބުނީ ބާސެލޯނާ ދޫކޮށްލާ ވާހަކައެއް މެސީ ނުބުނާކަމަށާއި، މެސީ އެކުލަބުގައި ހުންނަން ބޭނުންވާކަން ތަމްރީންތަކުންވެސް ފެންނަކަމަށެވެ.
"މެސީ ބާސެލޯނާ ދޫކޮށްލަން އުޅޭހެން ހީ ނުވޭ. އެކަމެއް ނުފެނޭ އޭނާގެ ފަރާތުން. އަހަރެންނަށް މާ ބޮޑު އެއްޗެއް ނޭނގޭ މިކަމާއި ގުޅޭގޮތުން"
ސްޕެއިންގެ މީޑީޔާ ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ބާސެލޯނާ ދޫކޮށްލަން ބޭނުންވަނީ ކްލަބްގެ ނިންމުންތަކުގައި އޭނާގެ ނުފޫޒު އޮންނަ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަށް ހުއްޓުވަން ކްލަބްގެ ބޯޑުން މަސައްކަތް ނުކުރުމުންނެވެ. އަދި މިކަންކަމުގެ ތެރެއިން ކުލަބުގެ ބޯޑާއި އޭނާއާއި ދެމެދު އޮތް ގުޅުން ގޯސްވެފައިވާކަމަށްވެސް އަޑުތައްވަނީ ފެތުރިފައެވެ.
މެސީ ބާސެލޯނާ ދޫކޮށްލަން އުޅޭކަމަށް އެންމެ ބޮޑަށް ވާހަކަތައް ދެކެވުނީ 2017ވަނަ އަހަރުގައެވެ. މެސީ ޓެކުހަށް މަކަރު ހެދި މައްސަލައެއް ފެންމަތިވެ އޭނާ އެހެން ގައުމަކަށް ބަދަލުވާން ބޭނުންވި ނަމަވެސް ކުލަބަކުން ހުށަހެޅުމެއް ނުލިބުނީކަމަށް މެސީވަނީ ފަހުން ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ