ލޮލުގެ ކަޅި ނޫ ވުމުން ބަލައި ނުގެން ތިން މައިން

ލޮލުގެ ކަޅި ހުންނަ ކުލަޔަކީ ދުނިޔޭގެ ވަރަށް ގިނަ ބަޔަކު އަޅައިގަންނަ ސިފަ އެކެވެ. އެކި ކުލަ ކުލައިގެ ކޮންޓެކްޓް ލެންސް ލައްވައިގެން ވެސް ލޮލުގެ ކަޅީގައި މީހުން ކުލަ ކުލަ ޖައްސަ އެވެ. ލޮލަށް އިތުރު ރީތިކަމަކާއި ފުރިހަމަކަމެއް ގެނައުމަށެވެ. ނަމަވެސް ބައެއް މީހުން އުފަންވާއިރު ވެސް ލޮލުގެ ކުލަ ތަފާތުކޮށް ހުރެ އެވެ. މިއީ އުފަންވާއިރު ހުންނަ އައިބެއްގެ ގޮތުގައި އެއްބަޔަކު ސިފަ ކުރެ އެވެ. އަނެއްބަޔަކު ބުނަނީ އެ މީހެއްގެ ރީތިކަމަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމަކަށް ލޮލުގެ ކުލަ ތަފާތުވުން ވާ ކަމަށެވެ.
އާންމުކޮށް ލޮލުގެ ކަޅި ނޫކުލައިގެ ހުންނަނީ ދޮން ނަސްލުގެ މީހުންގެ ނަމަވެސް އެފްރިކާގެ ނަސްލުތަކުގެ މީހުންގެ ވެސް މަދުން ނަމަވެސް ނޫ ކަޅި ހުރެ އެވެ. ރިސީކަޓް އަކީ މިފަދައިން ލޮލުގެ ކަޅި ނޫކުލައިގެ ހުންނަ އެފްރިކާ ނަސްލުގެ މީހެކެވެ.
ގިނަ މީހުންނަށް ރިސީކަޓް ފެނުމުން އޭނާގެ ލޯ ރީތި ކަމުން ހައިރާން ވިޔަސް އޭނާ ދިރިއުޅޭ މުޖުތަމައުގައި އޭނާއަށް ވަރަށް ދަތި އުނދަގޫތައް ލޮލުގެ ކަޅީގެ ސަބަބުން ދަނީ ދިމާވަމުންނެވެ.
ނައިޖީރިޔާގެ މި އަންހެންމީހާ އެ ގައުމުގެ ޕަންޗް ނޫހަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާ އުފަންވީއިރު ވެސް ލޮލުގެ ކަޅި ހުރީ ނޫކުލައިގައި ކަމަށާއި އޭނާގެ ދެ އަންހެންދަރިންނަށް ވެސް މިކަން ވާރުތަ ވެފައިވާ ކަމަށެވެ.
ނަމަވެސް އާއިލާގެ އެއްވެސް މީހެއްގެ ކަޅި އޭނާ ގޮތަށް ނޫކުލައިގެ ނުހުންނަ ކަމަށް ވެސް ރިސީކަޓް ބުންޏެވެ.
ކަޅި ނޫކުލައިގައި ހުއްޓަސް ލޮލުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި އެއްވެސް އުނދަގުލެއް ލޮލަށް ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި މިހާތަނަށް ލޮލަށް މައްސަލައެއްޖެހިގެން ޑޮކްޓަރަށް ނުދައްކާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާގެ ދެ ބެންގެ ލޮލުގެ ސިއްހަތު ވެސް މުޅިން ރަނގަޅު ކަމަށް ރިސީކަޓް ބުންޏެވެ.
ކަޅި ނޫކުލައިގައި އިނުމުން ކުޑައިރު މައިންބަފައިން ވަރަށް ހާސްވެގެން އެކި ހޮސްޕިޓަލުތަކަށް އޭނާ ގޮވައިގެން ގޮސް ލޯ ޗެކް ކުރުވާ ކަމަށާއި ލޮލުގެ ފެނުމަށް ގެއްލުމެއް ވެފައި ހުރެދާނެތީ ބިރުން އުޅުނު ކަމަށް ވެސް މި އަންހެންމީހާ ބުންޏެވެ. އަދި އޭނާ ކިޔެވި ސްކޫލުގެ އިސް ވެރިން އޭނާގެ މައިންބަފައިން ކައިރީގައި ތަކުރާރުކޮށް އެއީ ހަމަ އެމީހުންގެ ދަރިއެއްތޯ ސުވާލުކުރާ ކަމަށް ވެސް ރިސީކަޓް ބުންޏެވެ.
ކައިވެންޏަށްފަހު ފިރިމީހާގެ ފަރާތުން ވެސް ރިސީކަޓް އަށް މައްސަލަތައް ދިމާވާން ފެށި އެވެ. އޭނާގެ ލޮލުގެ ކުލަ ތަފާތު ވީމަ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފިރިމީހާ ހިތްހަމަ ނުޖެހިފަ ހުއްޓާ އެމީހުންނަށް ލިބުނު ދެ ދަރިންގެ ކަޅި ނޫކުލައިގައި ހުރުމަކީ ފިރިމީހާއަށް ބަލައިގަންނަން އެހާ ފަސޭހަ ކަމަކަށް ނުވި އެވެ. އެ ތިން މައިން ދޫކޮށްލާފައި ދިއުމަށް ރިސީކަޓްގެ ފިރިމީހާ ދެއްކީ މި ބަހަނާ އެވެ.
ރިސީކަޓް ބުނި ގޮތުގައި ފުރަތަމަ ދަރިފުޅު ލިބުމުން ފިރިމީހާގެ ހިތްހަމަނުޖެހުން ވަރަށް ބޮޑަށް ފާޅުވާން ފެށި އެވެ. އަދި އޭނާއާ ވާހަކަ ދައްކާ ހެދުމަކީ ވެސް އުނދަގޫ ކަމަކަށް ވިއެވެ.
ދެ ދަރިން ލިބުނުއިރު ފިރިމީހާގެ އެހީތެރިކަމާއި އެއްބާރުލުން ލިބުން މުޅިން ހުއްޓުމުން މައިންބަފައިންގެ ގެޔަށް ދިޔައީ ކަމަށް ރިސީކަޓް ބުންޏެވެ. އެއީ ދަރިންގެ ތައުލީމާއި އުފާވެރި ދިރިއުޅުމަކަށް ރިސީކަޓް އަށް ނިންމަން ޖެހުނު ވަރަށް އުނދަގޫ ނިންމުމެކެވެ.
ރިސީކަޓް އާއި އޭނާގެ ދެ ދަރިންގެ ވާހަކަ ދުނިޔެއަށް ހާމަވީ ޔުނިވަސިޓީގައި ކިޔަވާ ދަރިވަރަކު ސޯޝަލް މީޑިއާގައި މި ތިން މައިންގެ ވާހަކަ ޕޯސްޓް ކުރުމުންނެވެ. އެފްރިކާ ބައްރުގެ ގައުމުތަކުގައި މި ފަދަ މީހުންނަށް ކުރިމަތިވާ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުވުމުގެ މަގްސަދުގަ އެވެ.
ކޯޕަންހޭގަން ޔުނިވަސިޓީގެ ދިރާސާއެއް ބުނާ ގޮތުން "ނޫ ލޮލުގެ" މި ގޮތްނޭގޭ މައްސަލައަކީ ޖެނެޓިކް ކަމެކެވެ. މިކަމުގެ އަސްލު ގުޅިފައިވަނީ ނޯތުއީސްޓް ކޯސްޓާ ގުޅިފައިވާ ބްލެކް ސީގެ ސަރަހައްދާ ކަމަށް ވެއެވެ.
ބައެއް ސައިންސްވެރިން ބުނަނީ މިއީ "ބްލޫ އައި ސިންޑްރޯމް" ކިޔާ ޖެނެޓިކް މައްސަލައެއް ކަމަށެވެ. އެފްރިކާ ހިސާބުގައި މި މައްސަލަ ފާހަގަ ކުރެވިފައިވަނީ އަންހެނުންގެ ހުންނަ ކަމެއްގެ ގޮތުގަ އެވެ. އަދި މިފަދަ އަންހެނުން އެ މުޖުތަމައުތަކުން ބަލައިނުގަތުމާއި އެފަދަ މީހުންނަށް މީހުންގެ މެދުގައި އޮންނަ ހިތްހަމަ ނުޖެހުން ބޮޑަށް ބިނާވެފައި ވަނީ އެމީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ