ސުޕްރީމް ކޯޓުގެ ބެންޗަށް އަލީ ރަޝީދާއި، މުހައްމަދު އިބްރާހިމް އައްޔަންކުރަން ފާސްކޮށްފި

ސުޕްރީމް ކޯޓުގު ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް އަލީ ރަޝީދާއި މުހައްމަދު އިބްރާހީމްއަށް މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ދެބޭފުޅުންނަށް ރުހުން ދިނުމާއެކު ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗު ފުރިހަމަވީއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މި ދެ ބޭފުޅުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވުމުން، ނަންތައް ދިރާސާކުރުމަށްފަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ރުހުން ދިނީ އޮގަސްޓްމަހުގެ 24ގައެވެ. މިއަދުގެ ޖަލްސާގައި އެ ދެބޭފުޅުން ނަމަށް ވޯޓައް އެހުމުން ޢަލީ ރަޝީދު އައްޔަން ކުރުމަށް 55 މެންބަރުން ވޯޓު ދެއްވިއެވެ. ޑރ. މުހައްމަދު އިބްރާހީމަށް ވޯޓު ދެއްވީ 63 މެންބަރުންނެވެ.
އައްޔަންކުރުމަށް ފާސްކުރެވެނު ބޭފުޅުންގެ ތެރެއިން ޢަލީ ރަޝީދަކީ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ މަސައްކަތް ކުރެއްވި ގާޒީއެކެވެ. ޑރ. މުހައްމަދު އިބްރާހީމްއަކީ ގާނޫނީ ދާއިރާގައި 16އަހަރަށްވުރެ ގިނަ އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ހޯމް މިނިސްޓްރީގެ ލީގަލް އެފެއާޒްކަމުގެ މަގާމުގެ އިތުރުން ލޯ ފާމް "ޕްރިމިއާ ޗެމްބާސް"ގެ ހިއްސާދާރުކަންވެސް އަދާކުރައްވާފައިވެއެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިބި ފަސް ފަނޑިޔާރުންނަކީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ، ފަނޑިޔާރު އާއިޝާ ޝުޖޫން، އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ