ހާސިލް - 10

އަރްޒަން އަކީ އޭނާގެ ކުރިމަގަށް ހުރަސްއަޅާ މީހެއްކަމުގައި އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔައެވެ. އޭނާއަށް ޒީޝާން ލިބުމުގެ ހުރަހަކަށް އަރްޒަން ވެދާނެކަމުގެ ބިރުވެރިކަން ވަރަށް ބޮޑެވެ. ***** އެތައް އިރަކު ކޮޓަރީގެ ބެލްކަނީގައި މަޑުކޮށްލައިގެން ހުރުމަށްފަހު, އަރްޒަން ވެސް އެތެރެއަށް ވަދެލީ ހަށިގަނޑަށް ވަރުބަލިކަން އިޙްސާސްވުމާ އެކުއެކީގައެވެ. އެމީހުން އެންމެން ގަސްތުކޮށްފައިވަނީ މާދަމާގެ ވަގުތެއްގައި އެންމެން އެކީ ވިޔަފާރިކޮށްލަން ގޮސްލާ، ފޮޓޯނަގާ ތަންތަން ބަލައިލާ މަޖާ ކޮށްލުމަށެވެ. އެންމެން އެކުގައި ދިޔުމުގެ ޚިޔާލު ހުށައެޅީ ފާލިހްއެވެ. އަރްޒަން ވެސް ދާން އެއްބަސްވީ ފާލިހްއަކީ ވެސް އެކުވެރިއަކަށް ވުމާއެކު، ފާލިހްގެ އެ އެދުމަށް ދެކޮޅު ހަދަން ބޭނުންނުވީތީއެވެ. ޤަބޫލުކުރަން ބޭނުންނުވިޔަސް އޭނާގެ ހިތް ޚުދު ޒީޝާން ދެކެލުމަށް އެދޭތީއާ ވެސް އެކުގައެވެ. އެތައްއިރަކު އަރްޒަން ވިސްނަން އޮތެވެ. ލޮލާ ނިދި ވަނީ އެތައް ހާސް މޭލެއްގެ ދުރުގައެވެ. އަޔާން ބުނިހެން އެ ހިތި ހަނދާންތައް ފޮހެލެވޭނީ އެހެން އަންހެން ކުއްޖަކަށް ފުރުސަތުދީގެން ކަންނޭގެއެވެ. އެ ހިތުގައިވި ޒަޚަމްތަކަށް ޝިފާ ލިބުންވަނީ އަޔާން އެ ބުނާފަދަ އޯގާތެރި އަތެއްގެ ފިރުމުން ލިބުނީމައި ކަމަށް ވެސް ވެދާނެއެވެ. އެ ސިކުނޑިން ބަތޫލްގެ ހަނދާންތައް ފުހެލެވޭނީ އެ ހަޔާތަށް އެހެން ކުއްޖަކު އައުމުންކަމަށް ވެސް ވެދާނެއެވެ. ސިކުނޑިއަށް ވާންވަމުން ދިޔަ އަރްޒަންއަށް ފުންނޭވާއެއް ދޫކޮށްލާ ނިތުގައި އަތް ހިންގާލެވުނެވެ. މަޑުމަޑުން ފުރޮޅިލާ ސައިޑް ކަބަޑުމަތީގައި އޮތް ފޯނު ނަގާ ފޭސްބުކަށް ވަދެލިއެވެ. އެއަށްފަހު, އޭނާ ޒީޝާންގެ ތަސްވީރަކަށް ނަޒަރު ހުއްޓައިލިއެވެ. އެހިތުގައި ޒީޝާން ރަސްކަން މިކުރަނީ ކީއްވެހެއްޔެވެ؟ އެ އަންހެން ކުއްޖާއަށް ހިތުން ޚާއްސަކަމެއް ދެވެނީ ކީއްވެހެއްޔެވެ؟ ނޭނގި ނަމަވެސް އެ ސޫރަ ދުށުމަށް އޭނާއަށް އިންތިޒާރު ކުރެވެނީ ކީއްވެހެއްޔެވެ؟ އަމިއްލަ ހިތުގެ އިޙްސާސްތައް ދެނެގަންނަން އަރްޒަން މަސައްކަތް ކުރިއެވެ. ***** ޒޭބާއަށް ވަކިން ކޮޓަރިއެއް ލިބުނީތީ އޭނާ ހުރި އުފާވެފައެވެ. ޒީޝާންއާއެކު އެއްކޮޓަރިއެއް ގައި ހުރުމަކީ އޭނާއަށް ވޭނެއްފަދަ ކަމެކެވެ. ހިތަށް ތަދުވަނީ ރާކިން ޒީޝާންއާ އެހާވަރުން އުޅޭތީއެވެ. ރާކިންއަށް އޭނާ ރާކިންދެކެ ވާ ލޯބި ނޭނގޭތީއެވެ. ނަޝްވާއަށް ގުޅައިގެން އެތައް އިރަކު ވާހަކަ ދައްކަން ޒޭބާ އޮތެވެ. މާދަމާ ހަވީރު އެމީހުން ފޮޓޯނަގަން ހިތްގައިމު އެތަކެއް ޕާކަކަށް ދާން ހަމަޖެހިފައިވާއިރު، އޭނާގެ އުންމީދަކީ އެންމެ ފަހަރަކު ނަމަވެސް ރާކިންގެ ލޮލުގައި އޭނާ އަޅައިގަތުމެވެ. އެ ނަޒަރުން ޚާއްސަކަމެއް އޭނާއަށް ދިނުމެވެ. ***** ޔުނީފޯމު ލައިގެން އަޔާން ނުކުތްއިރު ރައުދާ އުޅެނީ ސައިތައްޔާރުކުރާށެވެ. އޭނާގެ އޮފް ދުވަސްކަމަށް ވީތީއާ ވެސް އެކުގައެވެ. ދުވަސްވީ ރަޙްމަތްތެރިއެއް ނިޔާވެގެން މަންމައާއި ބައްޕަ ފަތިހު ގެއިން ދިޔަ ގޮތަށް ގެއަކަށް ނާދެއެވެ. ޒިންކު ކައިރީގައި ހުރި ރައުދާގެ ފުރަގަހަތަށް ހުއްޓިފައި އަޔާން ރައުދާގެ ބަނޑުގައި އަތް ޖައްސައިލިއެވެ. އަޔާން ހަމަ އަތް ޖައްސައިލުމާއެކު، ރައުދާ ވަރަށް އަވަހަށް އެ އަތް ދުރުކޮށްލައިފިއެވެ. އޭނާ ބުނީ އަދިވެސް ބޮލުގެ ރިހުން ނުކެނޑޭ ކަމުގައެވެ. އަޔާން ވެސް ގޭގައި މީހަކު ނެތި އޭނާ ދާން ޖެހޭތީ އެކަމާ ކަންބޮޑުވުން ފާޅު ކުރިއެވެ. "އޯކޭ ވާނެ ޔާން!. މާ ބޮޑުކަމެއް ނޫނޭ މީ... ބަނޑުބޮޑުވީމަ ދެން މިހެން ވާނެއެއްނު!" ރައުދާ ހިނިތުންވުމެއް ވެރިކޮށްލެވޭތޯ މަސައްކަތް ކުރިއެވެ. ސައި ބުއީ ދެމަފިރިން އެކުގައެވެ. ސައި ބޮއި ނިމިގެން އަޔާން ދިޔުމުގެ ކުރިން ރައުދާގެ ނިތަށް ބޮސް ދިނެވެ. އަޔާންގެ އެ އަމަލުން ރައުދާއަށް ހިސާބެއްގެ އުނދަގުލެއް ވިއެވެ. އަޔާން ގެއިން ދިޔުމާއެކު ރައުދާ ޖައްސައިލީ ސޯފާގައެވެ. އޭނާގެ ބަނޑުގައި ދިލަތަދެއް ހުރިހެން ހީވިއެވެ. މާގިނަ އިރެއްނުވެ ހޮޑުލަވާ ގޮތް ވިއެވެ. އޯކާ ދެމިގަނެވުމާއެކު ދުއްވައިގަނެވުނީ ޒިންކާ ދިމާލަށެވެ. ޒިންކުކައިރިއަށް ހުއްޓުނުހެން ހީނުވެ ހޮޑުލެވިއްޖެއެވެ. ހޮޑުލާ ނިމިގެން އޭނާ ޒިންކުގައި ލެނގިލިއެވެ. އަޔާން އަތްލުމުން އެ އަތް ދުރުކޮށްލެވުނީތީ އެކަމާ އޭނަ ދެރަވިއެވެ. ރޭގައިވެސް އޭނާއަށް ކަންތައް ކުރެވުނީ އެހެންނެވެ. އަޔާން ހީކުރާނީ ކީކޭހެއްޔެވެ؟ އެފަދަ އެތައް ވިސްނުންތަކެއްގައި ރައުދާއަށް ހުރެވުނެވެ. ހިސާބެއްގެ އުނދަގޫކަމެއް މުޅި މީހާގެ ނަފުސަށް ވެރިވެފައިވާހެން ރައުދާއަށް ހީވިއެވެ. ބުނަން ނޭނގޭ އުނދަގޫ އިޙްސާސްއެކެވެ. އެއީ އަނެއްކާ މާބަނޑުވުމުން ދިމާވާ މައްސަލަތަކެއްހެއްޔެވެ؟ ހޯމޯން މައްސަލައަކަށް ވެސް ވެދާނެއެވެ. ބަނޑުގައި ހުރި ތަދު ހިނދެއް ހިނދަކަށް ގަދަވަމުން ދިޔަހެން ވެސް ހީވިއެވެ. ***** ހަވީރުގެ ހިތްފަސޭހަ ވަގުތެކެވެ. ރީތިވެގެން އާރާ އާ ޒީޝާންއާ ނުކުތްއިރު އެމީހުންގެ ކޮޓަރި ހުރި ގޯޅިގަނޑުގައި މަޑުކޮށްލައިގެން ރާކިންއާއި ފާލިހްގެ އިތުރުން އަރްޒަން ވެސް ތިއްބެވެ. ޒީޝާން ފެނުމާއެކު އަރްޒަންގެ ތޫނު ނަޒަރު ޒީޝާންއަށް ހުއްޓުނުކަން ރާކިންގެ ލޮލުގައި އަޅައިގަތެވެ. އެކަމުން އުނދަގޫ ވިނަމަވެސް، އޭނާ ބެލީ ހިތުގެ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވޭތޯއެވެ. ޒީޝާން ލާފައިވާ ކަޅުކުލައިގެ ހެދުން ކަކުލުން ތިރިއަށް އާދެއެވެ. އުނަގަނޑުން މަތީގައި ބަންދެއް ހަރުކޮށްފައިވާއިރު، އެ ބަންދުގެ އެއްފަރާތުގައި ރަތްކުލައިގެ ޓައީއެއް ހަރުކޮށްފައި ވެއެވެ. އިސްތަށިގަނޑު ދޫކޮށްލާފައި އެއްކޮނޑާ ދިމާލުން ވައްޓާލެވިފައިވާއިރު، ކޮށްފައިވަނީ ލުއި މޭކަޕު އެ ދޮން މޫނާ ވަރަށް ގުޅެއެވެ. އަރާފައިވަނީ ހެދުމާ ގުޅޭ ކަޅު ކުލައިގެ ހައި ހީލް އަކަށެވެ. ޒީޝާންއެކޭ އެއްގޮތަށް އާރާވެސް ހުރީ ކަޅުކުލައިގެ ހެދުމެއްގައެވެ. ތަފާތީ އޭނާގެ ޓައީގެ ކުލައެވެ. "ޓްވިންސްތަ؟" ފާލިހް ދެމީހުންނަށް ބަލައިލާފައި އަހައިލިއެވެ. "ފޮޓޯ ނަގަންވެގެންނޭ އެއްކުލަ ވެގެން މި ތިބީ..." ޒީޝާން ބުނެލީ ހިނިތުންވަމުންނެވެ. އެ ކުޑަ ވަގުތުކޮޅު ވެސް އޭނާގެ ނަޒަރު އަރްޒަންއަށް ދަތުރުކުރިއެވެ. ޒޭބާ ނުކުތީ އެމީހުން އެތަނުގައި ތިއްބައެވެ. ޒޭބާ ލާފައިހުރީ ކަކުލުން މައްޗަށް އަންނަވަރުގެ ސްކާރޓްކޮޅަކާ ފްލޯރަލް ޓޮޕެކެވެ. އެންމެން އެކުގައި ހޮޓެލުން ނުކުންނަން ވެގެން ލިފްޓަށް އެރިއިރު, ޒީޝާންއަށް ހުރެވުނީ އަރްޒަންގެ ކުރިމައްޗަށް ވާ ގޮތަށެވެ. ޖެހިގެން ހުރި ފްލޯއަށް ލިފްޓް ހުއްޓުމާއެކު، އެތެރެއަށް އިތުރު ބަޔަކު ވަނެވެ. އެމީހުން ވަނުމާއެކު ޒީޝާންއަށް ފަހަތަށް ޖެހިލެވުނެވެ. ޒީޝާންގެ ކުރިމަތީގައި ހުރި މީހާ ފަހަތަށް ޖެހިލުމާއެކު، ޒީޝާން އަނެއްކާވެސް ފަހަތަށް ޖެހިލިއެވެ. އެއާއެކު އޭނާ ޖެހުނީ އަރްޒަންގެ މޭގައެވެ. ކުޑަކޮށް ދުރުވެލަން އުޅުނަސް އެމީހާ ކުރީގައި ހުރުމުން ޒީޝާންއަށް ދުރެއް ނުވެވުނެވެ. އަރްޒަންއާ އެހާ ގާތުގައި ހުންނަން ޖެހުމުން ޒީޝާންގެ ނޭވާ އަވަސްވާގޮތްވިއެވެ. އަތްފައި ފިނިވެ މީހާގެ ނަފުސަށް ބުނެދޭން ނޭނގޭ ގޮތްތަކެއްވެގެން ދިޔައެވެ. އެމީހާ އަނެއްކާވެސް ފަހަތަށް ޖެހިލިއެވެ. ފިތި ބާރުވެފައިވާ ލިފްޓުގެ ތެރޭގައި ހެދޭނެ އިތުރު ގޮތެއްނެތެވެ. ފަހަތުން އެއް އަރިމައްޗަށް ޖެހިލަން އުޅެނިކޮށް ފައި ކުޑަކޮށް އަރި އަޅާލިހެން ހީވިއެވެ. ހަށިގަނޑު ބެލެންސް ކޮށްދޭންވެގެން އަރްޒަން ޒީޝާންގެ ދެ އަތުގައި ހިފައްޓައިލިއެވެ. ޒީޝާންގެ ނޭވާ ވެސް އަރުތެރޭގައި ތާށިވި ކަހަލައެވެ. މީހާގެ ހަރަކާތްތައް ހުއްޓުނެވެ. މީހާ ފާޑަކަށް ގަނޑުވެ ހަރަކާތް ނުކުރެވޭ ބުދަކަށް ވީ ފަދައެވެ. އަރްޒަންގެ ހާލަކީ ކޮބައިތޯއެވެ؟ ޒީޝާންއާ އެހާ ކައިރީގައި ހުންނަންވުމުން އޭނާގެ ހިތަށް ވެސް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. ޚުދު އަރްޒަންގެ ހިތުގެތެޅުން ވެސް އިންތިހާ ބާރުވިއެވެ. ޒީޝާންގެ އަތުގައި ހިފައްޓާފައިވާ އަތް އޭނާ ނައްޓައިލިއެވެ. ހަމަޖެހިލަމުން ފުން ނޭވާއެއް ދޫކޮށްލީ މަޑުމަޑުންނެވެ. އެ އަންހެން ކުއްޖާ އޭނާގެ ހިތަށް ބާރު ފޯރުވުމުގައި ކާމިޔާބީ ހޯދަނީ ކިހިނެއް ހެއްޔެވެ؟ ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުނަސް، އޭނާގެ ބަސްނާހާ ހިތް އޭނާގެ އަމުރަށް ކިޔަމަނެއް ނުވެއެވެ. އެކަމާ ވެސް އަރްޒަން ހައިރާންވެއެވެ. އެ ދެމީހުންގެ ހަރަކާތްތަކަށް ފާރަވެރިވެ، ހުރި ރާކިންގެ ރުޅިގަނޑު ވަނީ ފަޅައިގެންދާން ކައިރިވެފައެވެ. އަރްޒަންއާ ޒީޝާންގެ އެ ގާތް ކަމުން އޭނާއަށް ހާދަ އުނދަގޫ އެބަވެއެވެ. ޒޭބާ ރާކިންއާ ކައިރިއަށް ހަމަ ޖެހިލުމާއެކު ރާކިން ކުޑަކޮށް ދުރުވެލިކަން ޒޭބާއަށް އެނގުނެވެ. އޭނާ މޫނު އަނެއްފަރާތަށް އަނބުރައިލިއެވެ. ހިންދިރުވައިލަމުން ތުންފަތުގައި ދަތް އަޅައިލިއެވެ. ލިފްޓު ހުއްޓުމާއެކު، މީހުންތައް ފައިބަން އަވަސްވަގެތެވެ. ޒީޝާން އަވަސްއަވަސް އަރުވާލާފައި ނުކުތީ އަރްޒަންގެ ސަބަބުން އޭނާގެ ހިތުގެތެޅުމަށް ކޮށްފައިވާ އަސަރުތައް ހަމައަކަށް އަޅުވައިލުމަށެވެ. ކަންފަތުގައި ލާފައި އިން އެތީގައި އަތް ކާތައިލުމަށްފަހު، ކަރުގައި ޒީޝާންއަށް އަތް ހިންގައިލެވުނެވެ. އެންމެން އެކުގައި ގޮސް ވޭނަށް އަރައިގެން ނައްޓައިލިއިރު، ވޭނުގެ ދޮރު ހުޅުވާފައި ހުރުމުގެ ސަބަބުން ހަވީރުގެ ފިނި ވައިރޯޅިތަކުން ހަށިގަނޑަށް އަރާމުވަމުން ދިޔައެވެ. ދުވަސްވަރަކީ ޗައިނާއަށް ހޫނު މޫސުމުގެ ދުވަސްވަރެވެ. މަގުތަކުގެ ދެފަރާތުގައި ހެދިފައިވާ ގަސްތަކުގައި މާތައް އަޅާ ފުރިފައިވާއިރު ހިތް ގައިމެވެ. ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ތަރައްޤީގެ ކުލަވަރުތަކެވެ. ދުނިޔެއަށް ލޯ ހުޅުވިފައިވާ ތަހުޒީބީ މުޖުތަމައުއެކެވެ. ޓެކްނޮލޮޖީގެ ގޮތުން ބަލާނަމަވެސް އެމީހުން އުޅެނީ އެހާ ކުރީގައެވެ. ބެއިޖިންގެ ފުޅާ މަގުތަކުގައި ދުއްވާފައި ދިޔައިރު އެމީހުން އެމަންޒަރު ވެސް ފޯނުތަކުގައި ރައްކާކުރިއެވެ. އެކި ތަންތަނަށް މަޑުކުރަމުން ފޮޓޯ ނަގަމުން ގޮސް އެންމެފަހުން މަޑުކުރީ ހޮޓެލާ ތަންކޮޅެއް ދުރުގައި އޮތް ޕާކަކަށެވެ. އެތެރެއަށް ވަދެފައި ވަށައިގެން ޒީޝާން އެތަނަށް ނަޒަރު ހުއްޓައިލިއެވެ. އޭނާ ދުވަހަކުވެސް ނާންނަ ތަނަކަށް ވުމާއެކުގައެވެ. ދަތުރުކޮށް ތަންތަން ބަލައިލާ ތަފާތު ކަންތައްތައް ތަޖުރިބާ ކޮށްލުމަކީ އޭނާ އަބަދުވެސް ކުރާ ހިތްވާ ކަމެކެވެ. ކުޑަ އިރުވެސް ދުނިޔޭގެ އެތައް ގައުމަކަށް އޭނާއަށް ދެވުނެވެ. އެތަންތަނުގައި ދުވަސްތައް ހޭދަކުރެވުނެވެ. ތަފާތު ކަންތައްތައް ތަޖުރިބާ ކުރެވުނެވެ. ކެބިން ކްރޫއަކަށް ވުމަށް ޝައުގުވެރިވީ ވެސް އެހެންވެއެވެ. ގިނަ ތަންތަނަށް ދަތުރު ކޮށްލާ ތަޖުރިބާ ކޮށްލުމުގެ ބޭނުމުގައެވެ. އެންމެ ފުރަތަމަ، އިލްހާމް ބޭނުންވީ ޒީޝާން ޑޮކްޓަރަކަށް ވާށެވެ. އެކަމަކު އޭނާ އެ ޚިޔާލު ދޫކޮށްލީ ހުރި ހަމައެކަނި ލޯބިވާ އަންހެން ދަރިފުޅުގެ ހައްޤުގައެވެ. އެ ދަރިފުޅުގެ ކުރިމަގަށް އޮތް ހުރަހެއްކަމުގައި އޭނާގެ އަމިއްލައެދުން އިސްކުރަން ބޭނުންނުވީތީއެވެ. އެކަމަށް ޒީޝާން އޭނާގެ ބައްޕައަށް އަބަދާއަބަދު ޝުކުރުވެރިވެއެވެ. އެއީ ދެވަނައެއް ނުވާ ފަދަ ބައްޕައެކެވެ. އޭނާގެ ކޮންމެ އެދުމެއް ވެސް އަދާހަމައަށް ވެސް އިލްހާމް ވަނީ ފުރިހަމަ ކޮށްދީފައެވެ. ލޯތްބާއެކީގައެވެ. އެއްފަރާތުގައި ހުރި ބެންޗުގެ ފަހަތުގައި ހުރި ގަހެއްގެ ދޮށުގައި އަރްޒަން މަޑުކޮށްލިއެވެ. އާރާ އާ ޒީޝާނާ ދެމީހުން ބެންޗުގައި އިށީނދެގެން ފޮޓޯ ނަގާ ތަން ބަލަން ހުރިއިރު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޒީޝާންގެ އެ ހިނިތުންވުން އެ ހިތަށް ފިނިކަން ގެނެސްދެމުން ދިޔަކަން އޭނާއަށް ރޭކާ ނުލައެވެ. ރާކިން އެއްފަރާތުގައި މަޑުކޮށްލައިގެން ހުރިއިރު ރާކިންގެ ފަހަތުގައި ޒޭބާ ހުރީ ވިއްދާފައެވެ. "ޒޭބާ އާދެބަ!" ފާލިހް ގޮވައިލިއެވެ. ނުދާން ހުރެފައިވެސް ޒޭބާ އެ ދިމާލަށް ފިޔަވަޅުތައް އަޅައިލިއެވެ. އާރާއާ ދެމީހުން ފޮޓޯ ނަގައި ނިންމާލުމަށްފަހު، ތެދުވެލިއެވެ. އެއަށްފަހު، އާރާ ޒީޝާން ކައިރީގައި ބުނެލާފައި ތަންކޮޅެއް ދުރުގައި ހުރި މާގަސްތަކެއްގެ ކައިރިއަށް ޖެހިލިއެވެ. ޒީޝާން ވެސް ބެންޗުގައި ހަމަޖެހިލިއެވެ. އަރްޒަންއަށް ފާލިހް ގޮވައިލިއެވެ. އޭނާ ޒީޝާންއަށް ބަލައިލާފައި އެދިމާލަށް ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ރާކިން އިންތިޒާރުކުރީ އެތަނުގައި ޒީޝާން އެކަނިވާނެ އިރަކަށެވެ. އެ ފުރުސަތު ލިބުމާއެކު އޭނާ ޒީޝާންއާ ދިމާލަށް ހިނގައިގަތެވެ. "ޒީ." ޒީޝާންއަށް ގޮވައިލި ރާކިންއަށް ބަލައިލަމުން ޒީޝާން ހިނިތުންވެލިއެވެ. "ޑޫ ޔޫ ވޯންޓު ގޯ އެ ދިމާލަށް...... އެތަނުގައި ހުންނަ ފާލަމުގައި ހުންނައިރު އެ ފަރާތުގައި އޮންނަ ލޭކް ވަރަށް ރީތިކޮށް ފެންނާނެ!" "ހިނގާ!" ވަށައިގެން ބަލައިލި ޒީޝާންގެ ލޮލުގައި އާރާ އަޅައިނުގަތުމާއެކު، އޭނާ ރާކިންއާއެކު އެ ދިމާލަށް މިސްރާބުޖެހިއެވެ. އެތަން އަރްޒަންގެ އިތުރުން ޒޭބާގެ ލޮލުގައިވެސް އަޅައިގަތެވެ. އެތަން ފެނިފައި ޒޭބާގެ ހިތް އަވަސްވާ ގޮތްވިއެވެ. "އަންނާނަން އިނގޭ!" ޒޭބާ އަވަސް އަވަހަށް ބުނެލިއެވެ. "ޒޭބާ ވެއިޓް!" ފާލިހް އޭނާއަށް ހުރަސްއެޅިއެވެ. ***** ޒީޝާން ގޮވައިގެން ރާކިން ގޮސް އެތަނުގައި އަޅާފައި އޮތް ކުޑަކުޑަ ފާލަމެއްގެ މައްޗަށް އެރިއެވެ. ގުދުރަތީ މަންޒަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެންނަމުން ދިޔައެވެ. ޒީޝާން އޭނާގެ ފޯނު ނަގާ އެ މަންޒަރު ފޯނުގައި ރައްކާކުރިއެވެ. "ޔެސް. މި ވިއު ހަމަ ވަރަށް ރީތި!" ޒީޝާން ރާކިންއަށް ބަލައިލާފައި އޭނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުޅާކޮށްލިއެވެ. އެއަށްފަހު ދުރުދުރަށް ފެތުރިފައި އޮތް ފެންގަނޑަށް އޭނާ ބަލައިލިއެވެ. ޒީޝާންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފެނި ރާކިންގެ ހިނިތުންވުން ފުންވިއެވެ. އޭނާ ބޭނުންވީ އެ ވަގުތު އޭނާގެ ހިތުގެ ހާލު ޒީޝާންއަށް ބަޔާންކޮށްދޭށެވެ. ޒީޝާންކައިރިއަށް ޖެހިލާ ރާކިން ޒީޝާންގެ ނަމުން ގޮވައިލިއެވެ. "ޒީޝާން" (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ