ގާނޫންތަަކަށް ބަދަލު ގެނައީ މަޝްވަރާނުކޮށް: މައުމޫން

ގާނޫން އަސާސީ ބަދަލްކޮށް ގާނޫން އަސާސީއަށް ބޮޑެތި ބަދަލްތަކެއް ގެނައީ ޕީޕީއެމްގެ ކައުންސިލާއި އެއްވެސް މަޝްވަރާއެއްނުކޮށްކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބުުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ މިއަދު އެމަނިކްފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކޭގޮތަށް ގާނޫނަށް ބަދަލްގެނައީ ޕީޕީއެމްގެ ސަރުކާރުންކަމަށާ އެކަމަކީ އެކަމުގެ ހިތާމަ މިއަދު ރައްޔިތުންނަށް އިހްސާސް ކުރެވެން ފަށާފައިވާކަަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުުކުރަމުން ދަނިކޮށެވެ.
ރައީސް މައުމޫން ވިދާޅުވީ ގާނޫން އަސާސީ ބަދަލްކޮށް ގާނޫން އަސާސީއަށް ބޮޑެތި ބަދަލްތަކެއް ގެނައީ ޕީޕީއެމްގެ ކައުންސިލާއި އެއްވެސް މަޝްވަރާއެއްނުކޮށްކަމަށެވެ. އަދި ގާނޫން އަސާސީއަށް ގެނައި ބަދަލްތަކާއިމެދު ކަންބޮޑުވެ، އެގޮތަށް އެކަން ނުކުރުމަށް އެދި ޕީޕީއެމްގެ ޕީޖީ ގުރޫޕާއި، ރައީސް ޔާމީނަށް ސިޓީ ފޮނުއްވާ އެކަން އެގޮތަށް ނުކުރެއްވުމަށް އިލްތިމާސްކޮށްފައިވާނެކަމަށެވެ.
މި ދައުރުގައި ގާނޫން އަސާސީއަށް ވަނީ ބޮޑެތި ބަދަލްތަކެއް ގެނެސްފައެވެ.
އެގޮތުން އުމުރުން 65 އަހަރުން މަތީގެމީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭގޮތަށް ގާނޫން އިސްލާހު ކުުރުމާއި، އުމުރުން 30 އަހަރުވެފައިވާ ބޭފުޅަކަށް ނާއިބް ރައީސްކަން ކުރެވޭގޮތަށް އިސްލާހު ގެނައުމާއި، ބިދޭސީ އިންވެސްޓަރުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ހިމެނެއެވެ.
މި އިސްލާހުތަކާއި ރައީސް މައުމޫން ވަނީ ފާޅުގައި ދެކޮޅު ހައްދަވާފައެވެ. އަދި ރާއްޖޭގެ ބިމުން ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކް ކޮށްދިނުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށްވެސް ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
މި ގާނުނުގައިވާ ގޮތުން ރާއްޖެ އިން ބިން ވިއްކާނީ އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބޭރުގެ ފަރާތްތަކަށެވެ. އެފަރާތްތަކަށް ވިއްކާ ބިމަކީ އެ އިންވެސްޓަރު އަމިއްލައަށް ރާއްޖޭގެ ފަޅުން ބައެއް ހިއްކުމުން އެތަނެއްގައި ކުރާ އިންވެސްޓްމަންޓަކަށް ޔަގީންކަން ދިނުމަށް ވިއްކާ ބިމެއް ކަމުގައި ގާނޫނުގައިވެ އެވެ. ގާނޫނުގައިވާ ގޮތުން އިންވެސްޓަރު ހިއްކަން ޖެހެނީ އޭނާ އިންވެސްޓް ކުރަންޖެހޭ ބިމުގެ 70 އިންސައްތަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ