ވަޒީރުކަމުގައި ހުރެގެން އެހެންޕާޓީއެއްގެ ރަނިންމޭޓްއަކަށް ކުރިމަތި ނުލެވޭނަމަ ރައީސް ކަމުގައި ހުރެގެން ރައީސުލްޖުމްހޫރިއްޔާކަމަށްވެސް ކުރިމަތި ލެވިގެން ނުވާނެކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓްކަމުގެ ޓިކެޓް ޑރ މުހައްމަދު ޖަމީލް އަހުމަދާއި ހަވާލުކޮށްދެއްވުމަށްފަހު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަކީ ރާއްޖެއިން ނުފެންނާނެވަރުގެ ޓިކެޓެއް ކަމުގައެވެ.
ހޯމްމިނިސްޓަރ ކަމުގައި ހުންނަވައިގެން އެހެން ޕާޓީއެއްގެ ރަނިންމޭޓަކަށްވާނަމަ އިސްތިއުފާ ދެއްވުމަށް ރައީސް ވަހީދު ޑރ ޖަމީލަށް އެންގެވި އެންގެވުމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫނު ވިދާޅުވީ ވަޒީރުކަމުގައި ހުންނަވައިގެން ރަނިންމޭޓްކަމަށް ވަޑައި ނުގެންނެވޭނަމަ ރަޢީސުލްޖުމްހޫރިއްޔާގެ މަޤާމުގައޮ ހުންނަވައިގެން ރައީސް ކަމަށްވެސް ކުރިމަތި ލެއްވިގެން ނުވާނެކަމުގައެވެ.
މިރޭގެ ޖަލްސާގައި ރައީސް މައުމޫނުވަނީ ރާއްޖޭގެ މިހާރުގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް މައުމޫނުވަނީ ރާއްޖޭގައި މީހުންމެރުމާއި މާރާމާރީއާއްމުވަމުންދާ ދިއުމާއިމެދު ކަންބޮޑުން ފާޅުކުއްވާ އިގްތިސޯދު ދަށަށްދާ މައްސަލާގައިވެސް ކަނބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ މިހާރު އިއޮތް ދަރަޖައަށް މާރާމާރީއާއި މީހުންނެރުން އާއްމުވެފައި ނުވާނެކަމުގައެވެ.
އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖެއަކީ ދުނިޔޭގެ އެންމެ ފަގީރު ފަސް ޤައުމުގެ ތެރޭގައި ހިމެނޭ އެއްޤައުމުކަމަށާއި އޭރު ރާއްޖޭގެ ޖީޑީޕީއަކީ ބޮލަކަށް 200 ޑޮލަރުކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގެންނެވިއިރު ޖީޑީޕީ 4000 ޑޮލަރަށް މައްޗަށް ގެންގޮސްފައިވާނެކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އެހެން ނަމަވެސް މިއަދު ރާއްޖޭގެ އިޤްތިސާދުދަނީ ފަހަތައްކަމަށާއި ރާއްޖެދަނީ ފަހަތައްކަމަށް ރައީސް މައުމޫނު މިރޭގެ ޖަލްސާގައި ވިދާޅުވިއެވެ.
ރައީސް މައުމޫނު މިރޭވަނީ އެޕާޓީގެ މެމްބަރުންނަށް ދެ އިލްތިމާސް އެއް ކުރައްވާފައެވެ. ޕީޕީއެމްގެ މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމަށާއި ޕީޕީއެމް ބައިބައިވެގެންދާނެ އެއްވެސްކަމެއް ނުކުރުމަށް ރައީސް މައުމޫނުވަނީ އިލްތިމާސް ކުރައްވާފައެވެ.
ވަޒީރަކަށް ރަނިންމޭޓްކަން ނުވެވެންޏާ މަޤާމުގައި ހުރެގެން ރައީސްކަމަށް ކުރިމަތިނުލެވޭނެ: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ