ކްރިމިނަލް ކޯޓުގެ ގާޒީ އަބުދުލް ބާރީ ޔޫސުފް ސަސްޕެންޑު ކުރިތާ ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔަ އިރު އަދިވެސް އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.
ޕީޖީ އޮފީހުގެ ވަކީލަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ބާރީ ގާޒީ ސަސްޕެންޑްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުއެވެ. އެމައްސަލައިގެ ތަހުގީގު ނުނިމޭތީ އަދި ވެސް އޭނާ ހުންނެވީ ސަސްޕެންޝަނުގައެވެ. އޭނާ ސަސްޕެންޝަންގައި ހުންނެވި ނަމަވެސް މުސާރަ ބަރާބަރަށް ހިނގާ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެއެވެ.
ޖޭއެސްސީން މިއަދު ވެސް ބުނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ތަހުގީގު އަދި ނުނިމޭ ކަމަށެވެ. އެމައްސަލައިގެ ތަހުގީގު ނުނިމި ދިގުލައިގެންދަނީ ކީއްވެތޯ ސުވާލު ދެންނެވުމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ މައްސަލަތައް އަވަސް ކުރުމައްޓަކާ ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު ވެސް ބައެއް ކަހަލަ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކޮމިޝަނުގެ ބައްދަލުވުންތައް މަދުކޮށް ކޮމެޓީތަކަށް ދޭ ވަގުތު ގިނަ ކުރުމަށް ނިންމާފައިވަނީ ވެސް ނުނިމި ހުރި މައްސަލަތަކަށް ސަމާލުކަން ދިނުމުގެ ގޮތުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ބާރީ ގާޒީ ސަސްޕެންޑް ކޮށްފައިވާ އިރު ކްރިމިނަލް ކޯޓުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އެންމެ ހަ ގާޒީންނާއި އެކުއެވެ.
"ހަގީގަތުގައި ވެސް ވަރަށް ދަތި، މައްސަލަތައް ނުނިމި ދިގުލައިގެންދަނީ، މިހާރު އެއްގާޒީއަކު މަދުވުމުން އެމައްސަލަ ބޮޑުވާނެ. މައްސަލަތައް ދިގުލައިގެން ދިއުމަކީ އެމައްސަލަތައް ކާމިޔާބު ކުރުމަށް ވެސް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް،" ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު މަނިކު ވިދާޅުވިއެވެ.
ކޯޓުން މައުލޫމާތުދޭ ގޮތުގައި މިދިޔަ އަހަރާއި އަޅާ ބަލާއިރު ނިމިދިޔަ ހަތަރު މަސް ދުވަހު އެކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދުވަނީ 122 އިންސައްތަ އިތުރުވެފައެވެ.
ބާރީ ގާޒީ ސަސްޕެންޝަންގައި ހުންނަވާތާ ތިން މަހަށް ވުރެ ގިނަ ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ