ގައުމީ އިއްތިހާދު އުވުނު ކަމަށް ގަބޫލެއް ނުކުރަން: އައްބާސް

ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އުވުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެޕާޓީ ރަޖިސްޓްރީން އުނި ކުރުމާއި ހަމައަށް ތަރުޖަމާނުކަން ކުރެއްވި އައްބާސް އާދިލު ރިޒާ ވިދާޅުވެއްޖެއެވެ.
ނަލަހިޔާ ހޮޓަލުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް އައްބާސް ވިދާޅުވީ ގައުމީ އިއްތިހާދު އުވުނު ކަމަށް ދެކެވޭ ވާހަކަތައް ކުށްވެރި ކުރާ ކަމަށެވެ. އަދި އެޕާޓީ އުވުނުކަން މިހާތަނަށް އިލެކްޝަނުން އެޕާޓީއަށް އަންގާފައި ނުވާ ކަމަށެވެ. އައްބާސްވަނީ 10000 މެމްބަރުން ހަމަ ނުވާ ޕާޓީތައް އުވޭ ގޮތަށް ގާނޫނު ފާސް ކުރުމުގައި ގައުމީ އިއްތިހާދު އުވާލުމަށް ވަރަށް ބޮޑަށް ވިސްނާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމަސައްކަތް ކުރުމުގެ އަޑިގައި ހުންނެވީ ސީދާ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ކަމަށް އައްބާސް ތުހުމަތު ކުރެއްވިއެވެ.
އައްބާސް ވިދާޅުވީ ކުދި ޕާޓީތަކަކީ މުހިއްމު ޕާޓީތަކެއް ކަމަށާއި މިހާތަނަށް ބަލާއިރު ބޮޑެތި ޕާޓީތަކުން ގައުމަށް ދީފައި ހުރީ ގެއްލުން ކަމަށެވެ.
ގައުމީ އިއްތިހާދު އުވުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އައްބާސް ވިދާޅުވި ނަމަވެސް އިލެކްޝަނުންވަނީ މިހާރު އޮތީ ފަސް ޕާޓީއެއް ކަމަށް ބުނެ އެހެން ޕާޓީތައް ކޮމިޝަނުގެ ރަޖިސްޓްރީން އުނިކޮށްފައެވެ. އުނި ކުރި ޕާޓީތަކުގެ ތެރޭގައި ގައުމީ އިއްތިހާދު ވެސް ހިމެނެއެވެ.
އައްބާސް ވިދާޅުވީ އެއްވެސް ޕާޓީއެއް އުވުނު ކަމަށް އެޕާޓީން ގަބޫލު ނުކުރާ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މައްސަލަ މިއަދު ސްޕްރީމު ކޯޓަށް ވައްދާނެ ކަމަށެވެ. އަދި އެގާނޫނު ތަންފީޒު ކުރި ނަމަވެސް ޕާޓީތައް ނުއުވޭނެ ކަމަށް ވަގުތީ އަމުރަކަށް ވެސް އެދޭނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ