އިޒްރޭލާއި ލުބުނާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއުލާނުކޮށްފި އެވެ.
މި އެއްބަސްވުން ބިނާވެފައިވަނީ އިރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތުން އިޒްރޭލަށް ދޭ ހަމަލާތައް މުޅިން ހުއްޓާލުމުގެ މައްޗަށެވެ.
ވޮޝިންޓަނުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިޒްރޭލާއި ލުބުނާނުގެ މުސްތަގުބަލާ މެދު ގޮތް ނިންމާނީ އެ ދެ ގައުމުގެ ސަރުކާރުން ކަމަށެވެ. އަދި އެއްވެސް ބޭރުގެ ބާރަކަށް ނުވަތަ ހަތިޔާރު އެޅި ޖަމާއަތަކަށް ލުބުނާނުގެ މުސްތަގުބަލު ރަހީނުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ލިޓާނީ ކޯރާއި އިޒްރޭލް ބޯޑަރާ ދެމެދު އޮންނަ ސަރަހައްދުން ހިޒްބުاللهގެ ހުރިހާ ހަނގުރާމަވެރިން ފޭބުމަށް ވަނީ ޝަރުތުކޮށްފަ އެވެ.
މި އެއްބަސްވުމަށް އާދެވުނީ ބުދަ ދުވަހު އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ނުވަ މީހުން މަރުވެފައިވަނިކޮށެވެ. މަރުވި މީހުންގެ ތެރޭގައި އެމްބިއުލާންސަކަށް ދިން ހަމަލާއެއްގައި މަރުވި ދެ ސިއްހީ އެހީތެރިންވެސް ހިމެނެއެވެ. ހަމަ އެ ދުވަހު ހިޒްބުالله އިން ވެސް ވަނީ އިޒްރޭލްގެ އުތުރުގެ ސަރަހައްދުތަކަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، މި އެއްބަސްވުމުގެ މަގްސަދަކީ ހިޒްބުاللهގެ ނުފޫޒުން އެއްކިބާވެފައިވާ، ސަލާމަތީ ގޮތުން ރައްކާތެރި ލުބުނާނެއް ބިނާކުރުން ކަމަށެވެ. ނަމަވެސް ހިޒްބުاللهގެ ސިޔާސީ ކައުންސިލްގެ މެންބަރަކު ވަނީ މި މަޝްވަރާތަކުގެ ނިންމުންތައް ގަބޫލުނުކުރާނެ ކަމަށް ބުނެފައެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި އެމީހުން އެއްބަސްވީ ހަމައެކަނި ބެއިރޫތުގެ ދެކުނު ސަރަހައްދަށް ދޭ ހަމަލާތައް ހުއްޓާލުމަށެވެ.
މި ހަނގުރާމަ ފެށުނީ މިއަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހު، އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނައީ އަވަހާރަކޮށްލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ހިޒްބުالله އިން އިޒްރޭލަށް ހަމަލާ ދޭން ފެށުމުންނެވެ. އޭގެ ފަހުން އިޒްރޭލުން ވަނީ ލުބުނާނަށް ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ލުބުނާނުގެ ސިއްހީ ވުޒާރާއިން ހާމަކުރި ގޮތުގައި މިހާތަނަށް އެ ގައުމުން 3،516 މީހުން ވަނީ މަރުވެފައެވެ. އަދި އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފައެވެ.
އިސްރާއީލުން ބުނާ ގޮތުގައި މި ހަނގުރާމައިގައި އެ ގައުމުގެ 26 ސިފައިންނާއި ހަތަރު އާންމުން ވަނީ މަރުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި އެއްބަސްވުމަށް އައުމަށް އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބާރުއަޅުއްވާފަ އެވެ. ދެ ގައުމުގެ މެދުގައި ފުރިހަމަ އެއްބަސްވުމަކަށް އައުމަށްޓަކައި އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހު އިތުރު މަޝްވަރާތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
އިޒްރޭލާއި ލުބުނާނުން ހަނގުރާމަ ހުއްޓާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ