އީރާނާ ދެކޮޅަށް ޓްރަމްޕަށް ލިބިވަޑައިގަންނަވާ ހަނގުރާމައިގެ ބާރުތައް ހަނިކުރުމުގެ ގަރާރެއް ފާސްކޮށްފި

ކޮންގްރެސްގެ ހުއްދައެއް ނެތި އީރާނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގަންނަވާ ބާރުތައް ހަނިކުރުމަށް އަމާޒުކޮށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ގަރާރެއް އިއްޔެ ފާސްކޮށްފިއެވެ.
މިއީ މި ހަނގުރާމަ ސަރުކާރުން މެނޭޖްކުރަމުންދާ ގޮތާ މެދު ޑިމޮކްރެޓުންނާއި ރިޕަބްލިކަނުން ގުޅިގެން ސަރުކާރަށް ދިން ވަރުގަދަ ރައްދެކެވެ.
އިއްޔެގެ ވޯޓުގައި މި ގަރާރު ފާސްވީ 215 ވޯޓު 208 ވޯޓުންނެވެ. މީގެ ތެރޭގައި ޑިމޮކްރެޓުންނާ ގުޅިގެން މި ގަރާރަށް ތާއީދުކުރި ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ހިމެނެ އެވެ. މިދިޔަ 28 ފެބްރުއަރީގައި އިޒްރޭލާ ގުޅިގެން އެމެރިކާއިން ދޭން ފެށި ހަމަލާތަކަށް ފަހު، އީރާނުގައި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކޮންގްރެސްގެ ހުއްދަ ހޯދުން މަޖުބޫރުކުރުމަށް މި ގަރާރުގައި ލާޒިމުކުރެ އެވެ.
މި ގަރާރަށް ތާއީދުކުރެއްވި ރިޕަބްލިކަން މެންބަރެއް ކަމަށްވާ ތޯމަސް މާސީ ވިދާޅުވީ، މި ވޯޓުން ސާފު މެސެޖެއް ދީފި ކަމަށެވެ.
މިޝިގަންގެ ކޮންގްރެސް މެންބަރު ޓޮމް ބެރެޓް ވިދާޅުވީ، ހަނގުރާމަ އިއުލާންކުރުުގެ ގާނޫނުއަސާސީ ބާރު އޮތީ ކޮންގްރެސްއަށް ކަމަށާއި ހަނގުރާމަތަކާ ގުޅޭ ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ވަގުތީ ބާރުތަކުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށެވެ.
ޑިމޮކްރެޓުން ވަނީ މި ވޯޓަށް މަރުހަބާ ކިޔައި، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓުން ވީހާ ވެސް އަވަހަކަށް މިކަމުގައި ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ. މެންބަރު އަޔާނާ ޕްރެސްލީ ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުން މި ފިޔަވަޅު އެޅީ ޓްރަމްޕުގެ ބާރުތައް ހިފަހައްޓައި ހުއްދައެއްނެތި ކުރައްވާ ރަހުމުކުޑަ ހަނގުރާމަ ހުއްޓުވުމަށް ކަމަށެވެ.
"ހަނގުރާމަ އިއުލާންކުރުމުގެ ބާރު އޮތީ ކޮންގްރެސްއަށް، ވެރިކަން ހިންގާ ރައީސަކަށް ނޫން،" މެންބަރު ޝޮންޓެލް ބްރައުން ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މި ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް މަދުވެގެން 29 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، އާންމުންގެ މެދުގައި މިކަމަށް އޮތް ދެކޮޅުވެރިކަން ދަނީ ބޮޑުވަމުންނެވެ. އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، އެމެރިކާގެ %60 މީހުން މި ހަނގުރާމައިގައި ޓްރަމްޕް އަމަލުކުރައްވާ ގޮތާ މެދު ހިތްހަމައެއްނުޖެހެ އެވެ.
ހަނގުރާމަ ފެށުނު ފަހުން އީރާނުން 3،400އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާގެ މަދުވެގެން 13 ސިފައިން ވަނީ މަރުވެފަ އެވެ.
މި ގަރާރު ދެން ހުށަހެޅޭނީ ސެނެޓަށެވެ. ނަމަވެސް އެތަނުން މި ގަރާރު ފާސްވުމުގެ ފުރުސަތު ކުޑަ އެވެ. ސަބަބަކީ ޓްރަމްޕުގެ އަސްކަރީ ބާރުތައް ހަނިކުރާ ކޮންމެ ނިންމުމެއް އެ މަނިކުފާނު ވީޓޯ ކުރައްވާނެ ކަމަށް ބެލެވޭތީ އެވެ. އަދި ރައީސްގެ ވީޓޯ ބާތިލުކުރުމަށް ކޮންގްރެސްގެ ދެ މަޖިލީހުން ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު މި ގަރާރަށް ތާއީދުކުރާ ފަރާތްތަކަށް ލިބުމަކީ ދުރު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ