އިރާން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ގަރާރެއް ފާސްކޮށްފި އެވެ.
މިއީ ރައީސް ޓްރަމްޕްގެ ހަނގުރާމައިގެ ސިޔާސަތުތަކަށް އަމާޒުކޮށް، އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ ބައެއް މެންބަރުންގެ ތާއީދާއެކު ފާސްކުރި މުހިންމު ނިންމުމެކެވެ.
މިދިޔަ ފެބްރުއަރީ 28 އިން ފެށިގެން ކުރިއަށްދާ މި ހަނގުރާމައިގައި ރައީސްގެ ބާރުތައް ހަނިކުރުމަށް ހުށަހެޅި މި ގަރާރު ފާސްވީ 215 ވޯޓުންނެވެ. ގަރާރާ ދެކޮޅަށް 208 މެންބަރުން ވޯޓު ދެއްވިއިރު، މިއީ ރައީސް ޓްރަމްޕްގެ ހަނގުރާމައިގެ ބާރުތައް ކޮންޓްރޯލް ކުރުމަށް މަޖިލީހުން ކުރި ހަތަރުވަނަ މަސައްކަތެވެ.
މި ފަހަރުގެ ވޯޓުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވަނީ އިދިކޮޅު ޑިމޮކްރެޓުންނާ ގުޅިވަޑައިގެން ގަރާރަށް ތާއީދު ކުރައްވާފަ އެވެ.
ހައުސް އިން މި ގަރާރު ފާސްކުރި ނަމަވެސް، މިއަށް އަމަލުކުރަން ފެށޭނީ ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮންނަ ސެނެޓުން ފާސްވުމުންނެވެ. ސެނެޓުން މި ގަރާރު ފާސްވި ކަމުގައިވިޔަސް، ރައީސް ޓްރަމްޕް މި ގަރާރު ވީޓޯ ކުރެއްވުމުގެ ފުރުސަތު ބޮޑެވެ. ރައީސްގެ ވީޓޯ ބާތިލުކުރުމަށް ދެ ގޭގެ މެންބަރުންގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތު ބޭނުންވާނެއެވެ.
މި ގަރާރަށް ތާއީދުކުރެއްވި ރިޕަބްލިކަން މެންބަރުންގެ ތެރޭގައި ތޯމަސް މެސީ އާއި ބްރަޔަން ފިޓްޒްޕެޓްރިކް އާއި ޓޮމް ބެރެޓްގެ އިތުރުން ވޮރެން ޑޭވިޑްސަން ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މީގެ ކުރިން މިފަދަ ނިންމުންތަކާ ދެކޮޅަށް ވޯޓު ދެއްވި ޑިމޮކްރެޓް މެންބަރު ޖެރެޑް ގޯލްޑަން ވެސް މިފަހަރު ވަނީ ގަރާރަށް ތާއީދު ކުރައްވާފަ އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިޝިގަންގެ މެންބަރު ޓޮމް ބެރެޓް ވިދާޅުވީ ހަނގުރާމަ އިއުލާނު ކުރުމުގެ ބާރު އޮންނަނީ ހަމައެކަނި ކޮންގްރެސްއަށް ކަމަށާއި، އެ ބާރު ހިމާޔަތް ކުރަންޖެހޭ ކަމަށެވެ. އަދި މި ވޯޓުގެ ސަބަބުން ރައީސް ޓްރަމްޕްގެ ފަރާތުން ކުރިމަތިވެދާނެ ފިއްތުންތަކަށް ބިރުގަނެވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ އިސް މެންބަރު ގްރެގަރީ މީކްސް ސިފަކުރެއްވި ގޮތުގައި މި ވޯޓަކީ ރައީސް ޓްރަމްޕް އިރާނުގައި ކުރިއަށްގެންދަވާ ގާނޫނާ ހިލާފު އަދި ބޮޑު ހޭދައެއް ހިނގާ ހަނގުރާމައާ ދެކޮޅަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އޭނާ ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ތެލުގެ އަގު އުފުލި، އިރާނުގެ ނިއުކްލިއާ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށެވެ.
މި ގަރާރު ފާސްކުރި ދަނޑިވަޅަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އެމެރިކާއިން އިރާނަށް ހަމަލާދީ، އޭގެ ބަދަލުގައި އިރާނުން އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ކުވެއިތަށް ހަމަލާދެމުންދާ ވަގުތެކެވެ.
ނަމަވެސް ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ނިންމުމުގެ މަޝްވަރާތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި، މި ހަފުތާ ބަންދުގައި އެއްބަސްވުމެއްގައި ސޮއިކުރެވިދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އިރާނަށް ދިން ހަމަލާތަކަކީ އެ ގައުމުން ކުރި ކަންތައްތަކަކަށް ދިން ރައްދެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިރާން ހަނގުރާމަ ހުއްޓުވަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ގަރާރެއް ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ