އެންމެ ހަނގު ކުޅުންތެރިޔާ ހުރީ މެކްސިކޯގައި، ރޮނާލްޑޯ މުސްކުޅި ހަތެއްގައި

މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ހަނގު ކުޅުންތެރިޔާ ފެންނާނީ މެކްސިކޯއިން ކަމަށް ފީފާއިން ބުނެފި އެވެ.
މުބާރާތުގައި ވާދަކުރާ 48 ގައުމުގެ ޓީމު ލިސްޓު މިހާރު ވަނީ ފައިނަލް ކޮށްފަ އެވެ. މުބާރާތުގައި ކުޅޭނެ ޖުމުލަ ކުޅުންތެރިންގެ އަދަދަކީ 1248 އެވެ. މީގެ ތެރެއިން އެންމެ ހަނގު ކުޅުންތެރިޔާ އަކީ މެކްސިކޯގެ ޖިލްބާޓޯ މޯރާ އެވެ. ވޯލްޑް ކަޕް ފަށާއިރު އޭނާގެ އުމުރަކަށްވާނީ 17 އަހަރާއި 240 ދުވަހެވެ.
މުބާރާތުގައި ފެނިގެންދާނެ އެންމެ މުސްކުޅި ކުޅުންތެރިއަކީ ސްކޮޓްލޭންޑްގެ ކީޕަރު ކްރައިގް ގޯޑަން އެވެ. ވޯލްޑް ކަޕް ފާށައިރު އޭނަ އަށް ވާނީ 43 އަހަރާއި 163 ދުވަހެވެ. މުބާރާތުގެ އެންމެ މުސްކުޅި އަދި 40 އަހަރުން މަތީގެ ހަތް ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެ އެވެ. އޭނާގެ އުމުރަކީ 41 އެވެ.
މޯރާ އަކީ މެކްސިކޯ ޓީމުގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ ވެސްމެ އެވެ. އޭނާ ވަނީ ހުސްވި އަހަރުގެ ގޯލްޑް ކަޕުގައި މެކްސިކޯގެ ޖާޒީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ އޮގަސްޓް މަހު މެކްސިކޯ ލީގުގައި އޭނާ ވނީ 16 އަހަރުގައި ގޯލު ޖަހައިފަ އެވެ. މިއާއެކު އެ ލީގުގައި އެންމެ ލަނޑު ޖެހި އެންމެ ހަނގު ކުޅުންތެރިއަކީ ވެސް މޯރާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޔޫރަޕުގެ ބޮޑެތި ބާރުތަކުން ދަނީ އޭނާގެ ކުރިއެރުން ގާތުން ބަލަމުންނެވެ. މީގެ ތެރޭގައި ސްޕޭނުހެ ރެއާލް މެޑްރިޑާއި ބާސެލޯނާ ވެސް ހިމެނެ އެވެ.
ވޯލްޑް ކަޕުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި މީގެ ކުރިން ބައެއް ކުޅުންތެރިން ވަނީ ވިދާލައިފަ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭ 1958 އަށް ވަނަ އަހަރު ބްރެޒިލަށް ތަށި ހޯދައިދިން އިރު އުމުރަކީ 17 އަހަރެވެ. ފްރާންސްގެ ކީލިއަން އެމްބާޕޭ އެ ގައުމަށް ތަށި ހޯދައިނީ އުމުރުން 18 އަހަރުގަ އެވެ. ފްރާންސް 98ގައި އިނގިރޭސި ފޯވަޑް މައިކަލް އޮވެން ވިދާލީ އެންމެ 18 އަހަރުގަ އެވެ.
މޯރާގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ޒުވާން ކުޅުންތެރިންތަކެއް ފެނިގެންދާނެ އެވެ. މީގެ ތެރޭގައި ސްޕޭނުގެ ލަމީން ޔަމާލް އާއި ޑިފެންޑަރު ޕައު ކުބަރްސީ ހިމެނެ އެވެ. ޔަމާލަށް 18 އަދި ކުބަރްސީ އަށް 19 އަހަރެވެ. ޖަރުމަނުގެ ބަޔާން މިއުނިކްގެ 18 އަހަރުގެ ލެނާޓް ކާލް އަކީ ވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިއެކެވެ.
ގާނާގެ ކޯޗު ކާލޮސް ކީރޯޒް ވެގެންދާނީ ބޯރާ މިލުޓިނޮވިޗަށް ފަހު ވޯލްޑް ކަޕުގައި ފަސް ވަނަ ފަހަރަށް ކޯޗުކޮށްދޭ ފުރަތަމަ ކޯޗަށެވެ. އޭނާ ވަނީ މީގެ ކުރިން 2010ގައި ޕޯޗުގަލް އަދި 2014 އާއި 2018 އަދި 2022ގައި އިރާނަށް ކޯޗު ކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ