ލުބްނާނާއި އިސްރާއީލުން ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ

ލުބްނާނާއި އިސްރާއީލުން ހަމަލާތައް ހުއްޓާލުމަށް ބުދަ ދުވަހު އެއްބަސްވެފައިވާ ކަމަށް، އެމެރިކާ އިސްވެ އޮވެ ބޭއްވި މުހިންމު މަޝްވަރާތަކަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ހާމަކޮށްފިއެވެ. ނަމަވެސް، މި އެއްބަސްވުން ފުރިހަމައަށް ތަންފީޒު ކުރެވޭނީ އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތުން މިހާރު ދެމުންދާ ހަމަލާތައް މުޅިން ހުއްޓާލުމުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ގާއިމުވެފައި ނެތް ނަމަވެސް، ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމުގެ ގޮތުން ލުބްނާންގެ އަސްކަރިއްޔާއަށް ފުރިހަމަ ކޮންޓްރޯލް އޮންނާނެ ހާއްސަ "ޕައިލެޓް ޒޯންތަކެއް" ކަނޑައެޅުމަށް ވެސް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ. މި ސަރަހައްދުތަކުގައި ލުބްނާންގެ ރަސްމީ ދައުލަތުގެ ސިފައިން ފިޔަވައި، ހަތިޔާރުއެޅި އެހެން އެއްވެސް ޖަމާއަތަކަށް ހަރަކާތްތެރިވުމުގެ ފުރުސަތެއް ނޯންނާނެއެވެ.
ބޭރުގެ އެއްވެސް ގައުމަކުން ނުވަތަ ހަތިޔާރުއެޅި ޖަމާއަތަކުން ލުބުނާނުގެ މުސްތަގުބަލު ރަހީނުކޮށް، ގައުމުގެ މަސްލަހަތު ނަގާލަން ކުރާ މަސައްކަތްތަކަށް ޖާގަ ނުދޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މިއީ އީރާނަށާއި އެގައުމުގެ ތާއީދު އޮންނަ ހިޒްބުالله ޖަމާއަތަށް އަމާޒުކޮށް ދީފައިވާ އިންޒާރެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
މި މަޝްވަރާތައް ބޭއްވިފައި މިވަނީ ދެ ގައުމުން ވެސް ހަމަލާތައް ހުއްޓާލައި މަސްރަހު ފިނިކުރުމަށް ވައުދުވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނިތާ އެއް ދުވަސް ފަހުންނެވެ.
އެއްބަސްވުމުގެ ވާހަކަތައް ދެކެވުނު ނަމަވެސް ބުދަ ދުވަހު ވެސް ދެ ފަރާތުން ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެގޮތުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް މިސައިލް ހަމަލާތަކެއް ދީފައިވާނެ ކަމަށް ހިޒްބުالله އިން ބުނެފައިވާއިރު، އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ރައްދު ހަމަލާތަކުގައި މަދުވެގެން ނުވަ މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ރަސްމީ އިދާރާތަކުން ބުނެ އެވެ. މަރުވި މީހުންގެ ތެރޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ސިއްހީ ދެ އެހީތެރިން ވެސް ހިމެނެ އެވެ.
އިސްރާއީލާއި ލުބްނާނުގެ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެ، ހަމަލާތައް ވަރުގަދަވާން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގައްޒާގައި އިސްރާއީލުން ފެށި ހަނގުރާމައާ ގުޅިގެންނެވެ.
ޣައްޒާގެ މުސްލިމުންނަށް ތާއީދުކުރުމުގެ ގޮތުން، ލުބްނާނުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ރޮކެޓް ހަމަލާތައް ދޭން ފެށިއެވެ. މީގެ ރައްދުގައި އިސްރާއީލުން ލުބްނާނުގެ ދެކުނަށް ވައިގެ ހަމަލާތައްދީ، ހިޒްބުالله ގެ އިސް ކޮމާންޑަރުންނާއި ލީޑަރުންނަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކެއް ވަނީ ހިންގާފައެވެ.
މި ހަމަލާބަދަލުކުރުންތަކުގެ ސަބަބުން ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން ޖެހިފައެވެ. ބައިނަލްއަގުވާމީ މުޖުތަމައުން، ހާއްސަކޮށް އެމެރިކާ އާއި ފަރަންސޭސިވިލާތުން އިސްވެ، މިއީ މުޅި މެދުއިރުމައްޗަށް ފެތުރިގެން ހިނގައިދާނެ ބޮޑު ހަނގުރާމައަކަށް ވިޔަނުދިނުމަށްޓަކައި ޑިޕްލޮމެޓިކް މަގުން ހަމަލާތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މިގޮތުން މިހާރު އެކުލަވާލެވުނު އެއްބަސްވުމަކީ މަސްރަހު ފިނިކޮށް، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ