ރައީސް ޔާމީންގެ އަތްޕުޅަށް ހެޔޮވަރަށް ސުޕްރީމް ކޯޓު ކޮށާލިޔަ ދީގެން ނުވާނެ: ނަޝީދު
ރައީސް އަބްދުﷲ ޔާމީންގެ "އަތްޕުޅަށް ހެޔޮވަރަށް ސުޕްރީމް ކޯޓު ކޮށައި މަށާލުމަށް" ޕީޕީއެމުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ފުރުސަތުދީ، ކޯޓަށް ނުފޫޒު ފޯރުވިޔަދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނެ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަދަދު މަދުކުރުމަށް ކުއްލި ގޮތަކަށް ޕީޕީއެމުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ޕީޕީއެމުން ފެށީ، ގާނޫނު އަސާސީއާ ހިލާފަށް އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ވަކިކުރެއްވި މައްސަލަ އަމިއްލަ މީހަކު ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން ކަމަށް ވިދާޅުވި އެވެ. އެ މައްސަލަ ބަލައި ނުގަތުމަށް ސަރުކާރުން ބާރުއަޅަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތާ އެކުގައި މައްސަލަ ބަލައިގަނެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "އެ މައްސަލަ ބަލައިގަތުމާ އެކުގައި ސުޕްރީމް ކޯޓު ހަލާލުކޮށްލަން ސަރުކާރުން މިވަނީ ނުކުމެފައި. ވަރަށް ސާފުކޮށް އެނގެން ޖެހޭ ސުޕްރީމް ކޯޓު އިސްލާހުކުރުމުގެ ނިޔަތުގައި އެ ކޯޓު ނިކަން ރަނގަޅަށް އެ ބޭފުޅާ [ރައީސް ޔާމީން]ގެ އަތަށް ހެޔޮވަރަށް މަށާލުމުގެ ފުރުސަތުދީގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޝަރީފް ވާހަކަ ދައްކަވަނީ: ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޝަރީފް.---ފޮޓޯ: މަޖިލިސް ސުޕްރީމް ފަނޑިޔާރުންގެ އަދަދު މަދުކުރަން ޕީޕީއެމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވިއިރު، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އެވެ. އެމްޑީޕީން ކުރިން ބާއްވާފައިވާ އެކި ބައްދަލުވުންތަކާއި ޖަލްސާތަކުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އެކި މެމްބަރުން ވަނީ އަޑު އުފުލައިފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުވާން އެމްޑީޕީން ބޭނުންވެ އެވެ. އެކަމަކު އޭގެ ބަދަލުގައި، ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ހަތް ފަނޑިޔާރުންގެ ބަދަލުގައި އެ އަދަދު ފަހަކަށް ބަދަލުކުރަނީ އެ ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަހްމަދު މުއުތަސިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ