ހުކުމާއެކު ވޯޓު އޮޅުވާލުން މާޒީގެ ތެރެއަށް ދިޔައީ: ގާސިމް

ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޕޭން ރަސްމީކޮށް މިރޭ އަލުން ފެށުނީ ކަމަށާއި މިރޭ ސުޕްރީމް ކޯޓުން އިއްވި ހުކުމުން ސާބިތުވީ ގާނޫނު އަސާސީއަށް ބޭނުން ގޮތެއް ނުހެދޭނެ ކަމާއި ވޯޓް އޮޅުވާލުން މާޒީގެ ތެރެއަށް ދިއުން ކަމަށް ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބު ބާތިލު ކުރި ހުކުމަށްފަހު އުފާފާޅު ކުރެއްވުމުގެ ގޮތުންނާއި އަލުން ރިޔާސީ ކެމްޕޭނު ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ގާނޫނު އަސާސީއަށް ބޭނުން ގޮތެއް ނުހެދޭނެ ކަން ސުޕްރީމް ކޯޓުން އަންގައިދީފި ކަމަށެވެ.
"އެ ކުރެއްވި މަސައްކަތަށް ސާބަސް ދެން. ދެން ކަންކަން ކުރަންވީ ގޮތް ވަނީ ވަރަށް ރަނގަޅަށް ހުކުމްގައި ބަޔާންކޮށްފައި. އަޅުގަނޑު ބެލީ ޒަމާނުންސުރެ އޮތް ވޯޓް އޮޅުވާލުމުގެ ކަންތައް މާޒީގެ ތެރެއަށް ފޮނުވާލަން، އެކަން ވެގެން އެދިޔައީ. އެއީ ސުޕްރީމް ކޯޓްގެ އެންމެ ފަހުގެ ނިންމުން. މިއާމެދު ޝައްކެއް އުފައްދާކަށް ނުޖެހޭނެ. އުފެއްދިއަސް އެކަމާ ވިސްނުމަށް އަޅުގަނޑު ދަންނަވަން. މިއީ ގައުމަށް ކުރިއެރުމެއް ލިބުނު ރެއެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންނަށް މިރޭ ނަސްރެއް ލިބިއްޖެ ކަމަށާއި މިރެއަކީ ގާނޫން އަސާސީގެ ބާރުވެރިކަން ދަމަހައްޓާ ނެގެހެއްޓެމުންދާކަން ކަށަވަރު ކުރެވުނު ރެއެއް ކަމަށާއި މިރޭގެ ކާމިޔާބާއެކު ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޕޭން ރަސްމީކޮށް ފެށުނީ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ހުރިހާ މާލަންތައް މިރޭން ފެށިގެން އޮޕަރޭޓް ކުރަން ފެށުމަށް ވެސް އެމަނިކުފާނު މިރޭ ގޮވާލެއްވި އެވެ. އަދި ވިދާޅުވީ "ކެންޑިޑޭޓް ނަންބަރު އެކަކަށް ވޯޓް ދެއްވުމަށް" އެދިވަޑައިގަންނަވާ ކަމަށެވެ.
"މިރޭ ރަސްމީކޮށް މި ފެށުނީ އިނގޭތޯ ޖޭޕީގެ ކެންޕޭން. ކެނޑިޑޭޓް ނަންބަރު އެކަކަށް ވޯޓްދެއްވާ އިނގޭތޯ؟" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ރަނިން މޭޓް ޑރ. ހަސަން ސައީދު ވިދާޅުވީ ރިޔާސީ ކެނޑިޑޭޓް ގާސިމަކީ އަބަދުވެސް ދިވެހި ރައްޔިތުންގެ ހައްގުތައް ހޯދަވައިދެއްވުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ލީޑަރެއްކަމަށާ އެމަނިކުފާނުގެ އެ މަސައްކަތަށް މިރޭ ލިބިގެންދިޔައީ އިތުރު ކާމިޔާބެއް ކަމަށާއި މިރޭ ޔަގީންވެގެންދިޔައީ ދިވެހި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިހާބެއްގެ ޔަޤީންކަން ކަމަށާ މި ހައްގު ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަކަމަށްޓަކައި މާތް ﷲ އަށް ޝުކުރުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ