ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އަންނަ ހޯމަ ދުވަހު ފުރުސަތު ހުޅުވައިލާނެ ކަމަށާއި ގާނޫނުގައިވާ ގޮތަށް އެކަންކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ކުރިއަށް އޮތް ރިޔާސި އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް މިމަހުގެ 14 ވަނަ ދުވަހު އިއުލާންކޮށް 15 ވަނަ ދުވަހުން ފެށިގެން
24 ވަނަ ދުވަހުގެ 2:30 އާ ހަމައަށް ކުރިމަތިލެއްވުމުގެ އެޕްލިކޭޝަންތައް ބަލައިގަންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅެއްގެ މައްސަލަ ކޯޓުގައި ހިނގަމުންދިޔަ ނަމަވެސް އިންތިހާބުގައި ވާދަ ނުކުރެވޭ ވަރުގެ ހުކުމެއް ނާންނަހާ ހިނދަކު، އެބޭފުޅެއްގެ ކެންޑިޑޭސީ އިލެކްޝަނުން ގަބޫލު ކުރާނެ ކަމަށާ، ކޯޓުގައި ހިގަމުންދާ މައްސަލައަކަށް ކޮމިޝަނުން ނުބެހޭނެ ކަމަށެވެ.
ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ގަވައިދު އާންމުންގެ ޚިޔާލަށް ހުޅުވާލައި، މުއްދަ ހަމަވެފައިވާއިރު، ރިޔާސީ އިންތިޚާބުގެ ގަވައިދަށް އާންމުންގެ ފަރާތުން ލިބުނު ކޮމެންޓްތައް ވެސް ފައިނަލް ކޮށްފައިވާ ކަމަށާއި ފަށާ ހަފުތާގައި ގަވައިދު ގެޒެޓް ކުރާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ބޭފުޅަކު ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކުރައްވާނަމަ އެ ޕާޓީއަކުން ވާދަކުރާ ކެންޑިޑޭޓަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަން އަންގައިދޭ ޕާޓީގެ ލިޔުމެއް އިލެކްޝަނަށް ހުށަހަޅަންޖެހެ އެވެ. އަމިއްލަގޮތުން ވާދަ ކުރައްވާނަމަ އެ ކެންޑިޑޭޓަކު 1500 މީހުންގެ ސޮއި އިލެކްޝަނަށް ހުށަހަޅަންޖެހެ އެވެ.
މީގެ އިތުރަށް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ބޭފުޅަކުވެސް 40،000 ރ. ޑިޕޮސިޓެއް އިލެކްޝަންގައި ބަހައްޓަން ޖެހެ އެވެ. އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު އިންތިހާބުގެ ސައްހަ ވޯޓުގެ ތެރެއިން 10 ޕަސަންޓަށްވުރެ މަތިން ވޯޓް ހޯއްދަވައިފިނަމަ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ލިބެ އެވެ. ދިހަ ޕަސަންޓަށްވުރެ ދަށުން ވޯޓް ހޯއްދަވައިފިނަމަ ޑިޕޮޒިޓް ފައިސާއެއް ނުލިބޭނެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ހޯމަ ދުވަހު ހުޅުވައިލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ