އަލީ ވަހީދުގެ ނަން އިއްވާ މަޖިލިސް މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ ނިޒާމު ގެއްލުމާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހު ވެސް ގަވާއިދާ އެއްގޮތަށް އަމަލު ނުކުރުމުން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ ނަން އިއްވުމަށްފަހު އަލީ ވަހީދު ނުކުމެވަޑައިގަންނަވަންދެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.
އަލީ ވަހީދުގެ ނަން އިއްވާފައިވަނީ، އަމިއްލަ ތަންތަނުން ބޭސްފަރުވާ ކުރާ ފަރާތްތަކުގެ އަތުން ބައެއް ނަގާ ގޮތަށް ހަމަޖައްސާ އެކަން އިއްޔެ އިއުލާން ކޮށްފައިވާތީ، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ އިހުތިޖާޖު ކުރައްވަން ފެއްޓެވުމުންނެވެ.
އާސަންދައިން ބޭސްފަރުވާ ކުރާ އިރު ރައްޔިތުންގެ އަތުން ފައިސާ އަތުލައިގެން ނުވާނެ ކަމަށާއި އެފަދަ ބަދަލެއް ގެނެސްފައިވަނީ މަޖިލީހަށް ހުށަހަޅައިގެން ނޫން ކަމަށް އަލީ ވަހީދު ވިދާޅުވަމުން ގެންދެވިއެވެ.
މަޖިލިސް ދެން އޮންނާނީ 11 ޖަހާއިރުއެވެ.
ސީއެންއެމަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު މިއަދު ވިދާޅުވީ، އާސަންދައިގެ ދަށުން ބޭސް ކުރެވެން ޖެހޭނީ ހިލޭ ކަމަށައި، ރައްޔިތު މީހާ އަތުން ފައިސާ ނަގަން އުޅުމުން، މާލިއްޔަތު ކޮމިޓީގައި މެމްބަރުން އެކަން ބޮލާލާ ޖަހާފައިވާ ކަމަށެވެ.
"އެހެންވީމާ މަޖިލީހުން އެކަމަށް ބަދަލު ވެސް ގެންނަން ޖެހޭނީ، މިއީ ރޯދަ މަހޭ. ރައްޔިތުން ތިބީ ހާދަ ހާލެއްގައޭ. ތަކެތީގެ އަގު ބޮޑު ހިދުމަތްތަކުގެ އަގު ބޮޑު. މިކަންކަން ހައްލު ކުރެވެން އެބަ އޮތް. ރީތިކޮށް މަޝްވަރާ ކުރަން އަންނަންވީ އިގްތިސާދީ ޕެކޭޖުތަކާ ގައުމު ކުރިއަށް ގެންދެވޭނެ ގޮތްތަކާއެކު. ސިޔާސީ ގޮތުން އަންނަ ބަދަލުގައި ރައްޔިތުންނަށް އަދަބު ދީގެނބް ނުވާނޭ އިނގޭތޯ. އެމްޑީޕީން ގެނައި އާސަންދަ. އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ އިހުސާސްތައް އެނގި. އެމްޑީޕީން އިހުތިޖާޖު ކުރާނެ. މިއީ ރައީސް ނަޝީދު ގެނެސްދިން ހެޔޮ ވެރިކަން ނައްތާލުން އިނގެތޯ" އަލީ ވަހީދު ވިދާޅުވިއެވެ.
"ގައުމު މިއޮތް ހާލަތުގައި ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން އާސަންދައެއް ނުދެވޭނެ. އެއީ އާސަންދައެއް ނޫން. އެއީ އާހު ސަންދަ."އަލީ ވަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ