އާދަމް ނަސީރުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރި ހުކުމަށް ހައިކޯޓުން ތާއިދު ކޮށްފި

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލާފައިވާ ހ.ރީދޫ އާދަމް ނަސީރު އަބޫބަކުރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފިއެވެ.
ހައިކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފްކުރި މިމައްސަލައާއިގުޅިގެން ހައިކޯޓުން މިއަދު ކޮށްފައިވާ ހުކުމްގައިވަނީ އާދަމް ނަސީރު މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި އެތަކެތި ބޭނުންކޮށް ފައިވާކަމަށް ދައުލަތުގެ ފަރާތުން ސާބިތުކުރެވޭވަރުގެ ކާފީހެކި ހުށަހަޅާފައި ނުވާ ކަމަށާއި ފުލުހުން އާދަމް ނަސީރު ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަގައި ބައިވެރިވި އެންމެ ފުލުހެއް ފިޔަވާ އެހެން އެންމެންވެސް އާދަމް ނަސީރު ހައްޔަރުކުރި ސަރަހައްދުން ފުލުހުން ހޯދާފައިވާ މަސްތުވާތަކެއްޗަކީ އާދަމް ނަސީރުގެ އެއްޗެހިކަމަށް ބުނެފައި ނުވާކަމަށާއި އަދި އާދަމް ނަސީރުގެ އަތުންނާއި ގެއިން ފުލުހުން ހޯދާފައިވާ ހަ މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ އަކީ އޭނާ މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ފައިސާކަން ޝަރީއަތަށް ސާބިތުކޮށްދީފައިނުވާ ކަމަށެވެ.
މިމައްސަލާގައި ފުލުހުން ހޯދާފައިވާ މަސްތުވާތަކެއްޗަކީ އާދަމް ނަސިރުގެ ތަކެތިނޫންކަމަށް އޭނާ ބުނާ ކަމަށާއި މަސްތުވާތަކެތި ފުލުހުން ހޯދާފައިވަނީ އާއްމުކޮށް ކޮންމެ މީހަކަށްވެސް ކޮންމެގަޑިއަކުވެސް ވަދެވޭގޮތަށް ހުރިތަނަކުންކަމަށާއި އެހެންކަމުން އެތަކެއްޗަށް އާދަމް ނަސީރު ޒިންމާވާންނުޖެހޭނެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އާދަމް ނަސީރު ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އަދި ދައުލަތުން ހުށަހެޅި ހެއްކާއި ގާރީނާތަކުންވެސް މިމައްސަލާގައި ހޯދާފައިވާ މަސްތުވާތަކެތި ހޯދާފައިވަނީ އާދަމް ނަޝީރުގެ ބެލުމުގެ ދަށުގައި ހުރި ނުވަތަ އޭނާ ޒިންމާވާންޖެހޭ ތަނަކުންކަން ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ސާބިތުކޮށްދީފައިނުވާ ކަމަށެވެ.
"02 ޖުލައި 2009 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސ. ހިތަދޫ، ލައިޓްޝެޑޯ ގޯތީގެ ތެރެއިން ފެނުނުކަމަށް ބުނާ، މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ހުރި ދަޅަކީ އާދަމް ނަސީރުގެ އެއްޗެއްކަމަށް އެންމެމީހެއްގެ ހެކި ބަހުންބުނާ ބުނުން ފިޔަވައި ، އެއީ އާދަމް ނަސީރު އެއްޗެއްކަން ޝަރީއަތަށް ސާބިތުވާ ވަރުގެ އިތުރު ހެއްކާއި ޤަރީނާ ލިބިފައިނުވާތީއާއި، އެދަޅު ފެނިފައިވާ ސަރަހައްދަކީ އެތަނަށް ވަންނަން ބޭނުން ކޮންމެ މީހަކަށް ބޭނުން ކޮންމެ ވަގުތެއްގައި ވަދެވޭގޮތަށް ހާމަކޮށް އޮތް ސަރަހައްދަކަށް ވާތީއާއި، އެސަރަހައްދަކީ އާދަމް ނަސީރު ބެލުމުގެ ދަށުގައިވާ ސަރަހައްދަކަށް ނުވާތީއާއި، ބޭނުން ކޮންމެ މީހަކަށް ކޮންމެ ވަގުތެއްގައި ބޭނުން ކޮންމެ އެއްޗެއް އެތަނުގައި ބެހެއްޓުމުގެ ފުރުސަތު އޮތުމުންނާއި، އެދަޅަކީ އަދި އެދަޅުގައި ހުރި މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ ތަކެއްޗަކީ އާދަމް ނަޞސީރު އެއްޗެއްކަން ޝަރީއަތަށް ސާބިތުވާވަރުގެ ކާފީ ހެކި ނެތުމުންކަން އެނގޭކަމާއި، ސ. ހިތަދޫ، ލައިޓްޝެޑޯގައި އާދަމް ނަސީރު ދިރިއުޅޭ ކޮޓަރި ތެރެއިންނާއި، ހ. ރީދޫގޭގައި އާދަމް ނަޞީރު އަބޫބަކުރު ދިރިއުޅޭ ކޮޓަރި ތެރެއިން ފެނުނު ފައިސާތަކަކީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާތަކެއްކަން ޝަރީއަތަށް ސާބިތުވާވަރުގެ ހެކި ލިބިފައިނުވާތީކަން އެނގެން އޮންނަކަމެވެ." ކްރިމިނަލް ކޯޓުން އެމައްސަލައިގެ ދައުވާ ޝަރީއަތަށް ސާބިތު ނުވާކަމަށް ހުކުމްކޮށްފައިވާ ގޮތަށް ބަލާލައި ހައިކޯޓުގެ ހުކުމުގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ