ސުޕްރީމް ކޯޓުގެ ގައިޑްލައިންގެ ބާރު ދެމި އޮންނާނެބާ؟
އިންތިހާބު ބާއްވާނެ ތާރީޚަކާ މެދު ހިޔާލު ތަފާތުވުން ހުރިއިރު، އިންތިހާބު ބޭއްވުމުގައި އަމަލުކުރާނެ ގޮތަކާ މެދު ވެސް ހިޔާލު ތަފާތުވުން ވަނީ އުފެދިފަ އެވެ. މައިގަނޑު ގޮތެއްގައި ޚިޔާލު ތަފާތުވަނީ ސެޕްޓެމްބަރު 7 ގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކޮށް އަލުން އިންތިހާބު ބާއްވަން ސުޕްރީމް ކޯޓުން އެކުލަވާލި ގައިޑްލައިނަށެވެ. ސޯޅަ ނުކުތާގެ އެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބެއް ބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ގަބޫލެއްނުކުރެ އެވެ. އަދި އެއީ މިހާރު ބާތިލު ގައިޑްލައިނެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރާއިރު، އަނެއް ބަޔަކު ދެކެނީ އެ ގައިޑްލައިން ދެމިއޮންނާނެ ކަމަށެވެ. ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ދެކޭ ގޮތުގައި ރިޔާސީ އިންތިޚާބު ދެން ވެސް ބާއްވަން ޖެހޭނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނުގައި ބުނެފައިވާ ކަންކަން ފުރިހަމަކޮށްގެންނެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެން ވެސް އިންތިހާބު ބާއްވަން ޖެހޭނީ އެ ގައިޑްލައިނުގައި ބުނެފައިވާ ގޮތަށް. އެ ނޫން ގޮތަކަށް އިންތިހާބެއް ބޭއްވޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށްޓަކައި ސިޔާސީ ޕާޓީތަކާ އެކު އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ފުރަތަމަ ބައްދަލުވުން ނިންމާލުމަށް ފަހު ޖުމްހޫރީ ކޯލިޝަންގެ އުމަރު ނަސީރު ވިދާޅުވި އެވެ. ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވީ އިންތިހާބު ބާއްވާން ޖެހޭނީ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ހިޔާލު މުޅިން ތަފާތެވެ. އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ގަބޫލުކުރައްވާ ގޮތުގައި އެ ގައިޑްލައިނާ އެއްގޮތަށް މި މަހުގެ 20 ކުރިން އިންތިހާބު ނުބޭއްވުމުން އޭގެ ބާރު ވަނީ ކެނޑިފަ އެވެ. އަދި އެ ގައިޑްލައިނާ އެއްގޮތަށް ބާއްވާ އިންތިހާބެއްގައި އެ ޕާޓީން ބައިވެރިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ގައިޑްލައިންގައި ފުށުއެރުންތައް ހުރިކަމަށް ގާނޫނީ ބައެއް ވަކީލުން ވެސް ގަބޫލުކުރައްވަ އެވެ. ގާނޫނީ ވަކީލު އަލީ ހުސައިން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ހަމައެކަނި ފުރަތަމަ ބުރަށް ޚާއްސަ އެއްޗެކެވެ. އެކަން އެ ހުކުމުގައި ވެސް އެބަ އޮތެވެ. "...ގާނޫނު އަސާސީގެ ދަށުން 2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަން ޖެހޭ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ އިންތިޒާމުތައް ތިރީގައި ބުނެފައިވާ ގޮތުގެ މަތިން އަލުން އިންތިޒާމުކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކުގެ މައްޗަށް އަންގާ އަމުރުކޮށްފީމެވެ،" ހުކުމުގައިވެ އެވެ. ގައިޑްލައިނަކީ ފުރަތަމަ ބުރަށް ހާއްސަ އެއްޗެއްކަން ދޭހަވާ އަނެއް ކަމަކީ އޭގެ ފުރަތަމަ ނަންބަރުގައި އިންތިހާބުގެ ފުރަތަމަ ބުރު ގައިޑްލައިނާ އެއްގޮތަށް ބާއްވަން ބުނެފައި، ދެ ވަނަ ބުރު ބޭއްވުމުގައި ގައިޑްލައިނަށް އަމަލުކުރަން ޖެހޭނެ ވާހަކަ ބުނެފައި ނެތުން ކަމަށް އަލީ ވިދާޅުވި އެވެ. "އެކަމަށް ޑައުޓް އުފައްދާ މީހަކު އުފެއްދިޔަސް، އެކަމުގައި އަޅުގަނޑަކަށް އެއްވެސް ޑައުޓެއް ނެތް،" އޭނާ ވިދާޅުވި އެވެ. ގާނޫނު އަސާސީގައި ނުވަތަ ގާނޫނެއްގައި ވަކި ތާރީހެއް ދީފައިވާ ކަމެއް އެ ތާރީހަށް ނުނިންމުމުން އެ ކަމެއް ބާތިލްވެގެން ދާނެ ކަމަށް ވެސް އަލީ ހުސައިން ގަބޫލުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންސާނީ ބާރު ނުފޯރާ ކަމަކުން މެނުވީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަންކަން އެ ތާރީހުތަކަށް ބާއްވަން ޖެހޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މައްސަލައާ ގުޅޭ ގޮތުން 2009 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުންނާއި ރިޔާސީ އިންތިހާބު ބާތިލުކުރަން މިފަހަރު ކުރި ހުކުމުން ވެސް އެނގެ އެވެ. ހޮނިހިރު ދުވަހު ބާއްވަން އުޅުނު ރިޔާސީ އިންތިހާބު ނުބޭއްވުނީ އިންސާނީ ބާރު ނުފޯރާ ހާލަތެއް މެދުވެރިވެގެންނެއް ނޫނެވެ. އެހެންވެ އެ އިންތިހާބު ބާއްވަން ބުނެފައިވާ ތާރީހު ފަހަނައަޅައި ދިއުމުން ގައިޑްލައިނަށް ދެން އަމަލުކުރަން ނުޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. "ގައިޑުލައިނަކީ އޭގެ އެއް މާއްދާ އަށް އަމަލުކޮށްފައި އަނެއް މާއްދާ އަށް އަމަލުނުކޮށް ދޫކޮށްލެވޭނެ އެއްޗެއް ނޫން. އެއީ އެކުގައި އޮތް އެއްޗެއް. އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު އެ ގައިޑްލައިންގެ ގާނޫނީ ބާރު ދެމިއޮންނާނެ ކަމަކަށް،" އަލީ ހުސައިން ވިދާޅުވި އެވެ. ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވެސް އެކަން ގަބޫލްކުރައްވަ އެވެ. އަދި "އެ ގައިޑްލައިނަކީ ގާނޫނު އަސާސީއާ ހިލާފު އެއްޗެއް" ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭގެ ސަބަބަކީ، އޭނާ ވިދާޅުވާ ގޮތުގައި، ސުޕްރީމް ކޯޓަށް ގާނޫނު ހެދޭނެ ގޮތެއް ނެތުމެވެ. ގާނޫނު އަސާސީގެ 70 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނުތައް ހަދާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އަދި ގާނޫނު އަސާސީގެ 142 ވަނަ މާއްދާގައި ބުނެފައިވަނީ ކޯޓުތަކުން ޝަރީއަތް ކުރުމުގައި ބަލަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ކަމަށެވެ. އިންތިހާބު ބާއްވާނޭ ގައިޑްލައިންތައް އިންތިހާބާ ބެހޭ ގާނޫނުތަކުގައި ކަނޑައަޅާފައިވަނިކޮށް، ސުޕްރީމް ކޯޓުން އެހެން ގައިޑްލައިނެއް އެކުލަވާލެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. "[އެހެންވެ] މިގޮތަށް ހުކުމެއް ކުރެވިދާނެ ކަމަކަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. ގާނޫނު އަސާސީގައި މި ބުނަނީ ރިޔާސީ އިންތިހާބު ބާއްވަންވާނީ ގާނޫނު އަސާސީ އާއި ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް. އެހެންވީމާ ސުޕްރީމް ކޯޓުން ކަނޑައެޅިދާނެ ކަމަކަށް އަޅުގަނޑު ނުއެއް ދެކެން އެއްވެސް ގައިޑްލައިނެއް އެކުލަވާލެވިދާނެ ކަމަށް. ގާނޫނުގައި ގައިޑްލައިން އެބަ އޮތް. ގާނޫނުގައި އޮތް ގޮތް އެކަހެރިކޮށްފައި އާ ގައިޑްލައިނެއް އެކުލަވާލެވޭނެ ކަމަށް އަޅުގަނޑު ނުދެކެން،" ސުއޫދު ވިދާޅުވި އެވެ. އެކަމަކު އަނެއްކޮޅުން ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބުނެފައި ނުވާ މައްސަލައެއްގެ ތެރެއަށް ރިޔާސީ އިންތިޚާބު ވަނުމުން، އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ގައިޑްލައިންތަކެއް ދެވިދާނެ ކަމަށް ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ބުނަނީ، ގާނޫނު އަސާސީގައި ނެތް ކަމަކަށް ހައްލު ހޯދައިދެވޭނީ ސުޕްރީމް ކޯޓަށް ކަމަށް ވުމުންނެވެ. އަދި އެއީ ރާއްޖޭގެ އެންމެ މަތީ ކޯޓަށް ވާތީ އެ ކޯޓުން ނިންމާ ގޮތެއް ގަބޫލުކުރަން ޖެހޭނެ ކަމަށާއި އެ ދެ ޕާޓީން އަމަލްކުރާނީ އެގޮތަށް ކަމަށް ވެސް ޕީޕީއެމް އަދި ޖުމްހޫރީ ގުޅުމުގެ އިސް ވެރިން ވިދާޅުވެ އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުގެ ބާރު ކެނޑޭ ގޮތަށާއި އިންތިހާބުގެ ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން ސޮއިކުރާ ގޮތަށް ހެދުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އަމަލުކުރާ އުސޫލެއް ނޫނެވެ. އިންތިހާބާ ބެހޭ ހުރިހާ ކަމެއް ކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނަނީ އިލެކްޝަންސް ކޮމިޝަނަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ އެކު އިލެކްޝަންސް ކޮމިޝަންގެ ބާރެއް ނެތް ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި އެވެ. އަނެއްކޮޅުން ޕީޕީއެމާއި ޖުމްހޫރީ ގުޅުމުން ބުނަނީ ފުއާދާ މެދު އެއްވެސް އިތުބާރެއް ނެތް ކަމަށެވެ. ރޭ އޮތް ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމްގެ އަހުމަދު ނިހާން ވިދާޅުވީ ވޯޓަށް އޮޅުވާލައިގެން ފުއާދު ކުރައްވަން އުޅުއްވީ ވަރަށް ބޮޑު ވައްކަމެއް ކަމަށެވެ. އެހެންކަމުން އޭނާއާ މެދު އެއްވެސް އިތުބާރެއް ނެތް ކަމަށް ޕީޕީއެމުން ބުނެ އެވެ. ފުއާދު ވިދާޅުވަނީ އެހެން ފަރާތެއްގެ ނުފޫޒު ފޯރާ ގޮތަށް އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން، ޕާޓީތަކަށް މިހާރު ހުށަހެޅީ ނޮވެމްބަރު 9 ގައި ފުރަތަމަ ބުރު ބޭއްވުމަށެވެ. ދެވަނަ ބުރު ބާއްވާނެ ވަކި ތާރީހެއް ކޮމިޝަނުން ހުށަހަޅާފައި ނުވާ އިރު ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީން ހުށަހެޅީ ނޮވެމްބަރު ދޭއްގައި ފުރަތަމަ ބުރު އަދި ނޮވެމްބަރު ހަތެއްގައި ދެވަނަ ބުރު ބޭއްވުމަށެވެ. ދެވަނަ ބުރު ބާއްވާނެ ތާރީހާ މެދު އެމްޑީޕީން އެއްބަސްވި ނަމަވެސް އެ ޕާޓީން ހުށަހެޅީ ފުރަތަމަ ބުރު މިމަހުގެ 30 ގައި ބާއްވާށެވެ. މި ޚިޔާލު ތަފާތުވުންތަކާ އެކު ވެސް ނޮވެމްބަރު 11 ގައި ރައްޔިތުންގެ އާ ވެރިކަމެއް ގާއިމުކުރުމަށް ހުރިހާ ޕާޓީތަކުން ވެސް އެދެ އެވެ. މިއީ މިކަމުގައި މިވަގުތު ފެންނަން އޮތް އުއްމީދުގެ ކުޑަ އަލިކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ