ދެ ވަނަ ބުރު ފަސްކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދެފި
މިއަދު ބޭއްވި ރިޔާސީ އިންތިހާބު ދެ ވަނަ ބުރަކަށް ހިނގައްޖެ ނަމަ މާދަމާ ވޯޓުލާން ނިންމާފައި ވުމުން އިންތިހާބީ ހައްގުތަކެއް ގެއްލޭ ކަމަށް ބުނެ ދެ ވަނަ ބުރު ފަސްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރަައީސް މޫސާ އަންވަރު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފި އެވެ. މޫސަ އަމިއްލަ ގޮތުން ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ ދެ ވަނަ ބުރު މާދަމާ ބާއްވާ ނަމަ އިންތިހާބާ ބެހޭ ގާނޫނުތަކުގައި ބުނާ ގޮތަށް ދެ ވަނަ ބުރަށް ކެމްޕޭން ކުރުމުގެ ހައްގު ޕާޓީތަކަށް ގެއްލޭނެ ކަމަށެވެ. އަދި އެގޮތަށް މާދަމާ އިންތިހާބު ބާއްވައިފި ނަމަ ތިން ވަނަ އަށް ދާ ކެންޑިޑޭޓަކަށް ދެ ވަނަ އަށް ދާ ކެންޑިޑޭޓަކާ އެންޑޯޒް ކުރުމަށް ވެސް ފުރުސަތު ނުލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ދެ ވަނަ ބުރަށް އަލުން ރަޖިސްޓްރީކުރަން ދިން ތިން ގަޑިއިރުގެ ވަގުތު ކުޑަކަމުން އެތައް ބަޔަކަށް ވަނީ ވޯޓު ލުމުގެ ހައްގު ގެއްލިފައި ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ. އެހެންވެ މާދަމާ ދެ ވަނަ ބުރު ބޭއްވުން ފަސްކޮށްދިނުމަށް ސިޓީގައި އެދިފައިވެ އެވެ. މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި އިންތިހާބު ބާތިލްކޮށްފައި ވަނީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަޔަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ