"ފަތިސްހަނދުވަރުގެ ފެށުން" އަށް އިންތިޒާރުކުރެވޭ 10 ސަބަބު!

މީގެ ކުރިން އަޅުގަނޑުވާނީ އީސާ ޝަރީފުގެ "ފަތިސްހަނދުވަރު" ދިވެހިންނަށް ކަމުދިޔަ ކަމަށް ބެލެވޭ 10 ސަބަބެއް ތިޔަ ކިޔުންތެރިންނާ ހަމަ އަށް ގެނެސްދީފަ އެވެ. މީގެ 17 އަހަރު ކުރިން ނެރުނު އެ ފިލްމުގެ އެ ކާމިޔާބީގެ ފަހަތުގައި ތިބީ ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު އާއި އޭނާގެ ޖިނާ އަދި އޭރުގެ އެއް ވަނަ އެކްޓަރު ރީކޯ މޫސަގެ އިތުރުން ނިއުމާ މުހައްމަދާއި ހިތްގައިމު ރާގުތަކާއި ޑައިލޮގްތަކާއި އޭރުގެ ނަމްބަ ވަން ޑައިރެކްޓަރު އީސަ ޝަރީފުމެން ފަދަ ހުނަރުވެރިންނެވެ. "ފަތިސްހަނދުވަރު" މަތިން ދިވެހިން އަދިވެސް ފޫއްސެއް ނުވެ އެވެ. އެ ވާހަކައިގެ ޕްރިކްއެލްއެއްގެ ގޮތުގައި ބިންމާ މިފަހުން މި ނޫހުގައި ޝާއިއުކުރި "ޖިނާ" އަށް ލިބިގެން ދިޔަ ތަރުހީބުން ވެސް އެކަން އެނގިގެން ދިޔަ އެވެ. އަދި އެ ވާހަކައިގެ އަސްލަށް ޑާކްރެއިން އެންޓަޓެއިންމަންޓުން ފިލްމެއް އުފައްދަން އުޅޭ އަޑު އެރުމާ އެކު ބެލުންތެރިން ދުވަސްތައް ގުނަން ފެށި ގޮތުން ވެސް "ފަތިސްހަނދުވަރެއް" ދުވަހަކު ވެސް ފިލްމީ އުދަރެހަކުން ފިލައިގެން ނުދާކަން ޔަގީންވި އެވެ. ތިރީގައި މި ބަލާލަނީ "ފަތިސްހަނދުވަރުގެ ފެށުން" އަށް ބެލުންތެރިންގެ ކެތްމަދުވެފައި ތިބި 10 ސަބަބަށެވެ. އެންމެފަހުން މި އިންތިޒާރު ވެސް ނިމުމަކަށް އައީ އެވެ. 10 - ޑާކް ރެއިން: ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފިލްމަކަށް މި ފިލްމުވުމަކީ ޔަގީނުން ވެސް ގިނަ ބެލުންތެރިންތަކެއްގެ އުއްމީދު ފިލްމާ މެދު ބޮޑުވެފައި އޮތް މައިގަނޑު އެއް ސަބަބެވެ. ސަބަބަކީ ހުނަރާއި ގާބިލުކަމުގެ ގޮތުން މި ސްޓޫޑިއޯއާ ވާދަކޮށްލެވޭ ވަރުގެ ދެ ވަނަ ސްޓޫޑިއޯއެއް ދިވެހި ފިލްމީ ދާއިރާގައި މިހާރު ހަރަކާތްތެރިނުވާތީ އެވެ. ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އާއި ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއެކު މި ފިލްމުގެ ކެމެރާގެ ފަހަތުގައި މަސައްކަތްކުރި ކްރޫ އަކީ ޔަގީނުން ވެސް މި ދާއިރާ އިން މިހާރު ނަގާލެވޭނެ އެންމެ ހުނަރުވެރި އަދި އެންމެ ޒުވާން އެއް ޓީމެވެ. 9 - ފިލްމުގެ ބޮޑު ބަޖެޓް: ފިލްމުގެ ޖުމްލަ މަސައްކަތަށް ގިދު މުއްދަތެއް ނަގާފައިވާއިރު ބަޖެޓް ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ ދިވެހި ފިލްމަކަށް ބަލާއިރު ބޮޑު ބަޖެޓެކެވެ. އެހެންކަމުން މިވަރުގެ ބޮޑު ހޭދައެއްކޮށްގެން ޑާކް ރެއިން އިން ގެނެސްދޭ މި ފިލްމުގައި ހުރި ވަރެއް ބަލާލަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ 8 - ޕްރިމިއާކުރުން ތަކުރާރުކޮށް ފަސްވުން: އަނެއްކާ ޑާކް ރެއިން އިން މި ފިލްމު އަޅުވާ ތާރީޚް އެކި ފަހަރުމަތިން ފަސްކުރީ މާކެޓިން އުކުޅެއްގެ ދަށުން ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ އެކަން ކާމިޔާބުވެއްޖެ އެވެ. އެކަމަކު މޮގާ ބުނެފައި ވަނީ ފިލްމުގެ ޕްރިމިއާ ނައިޓްގެ ބޮކި އެކި ފަހަރުމަތިން ނިއްވާލަން މަޖުބޫރުވީ ދިމާވި ދަތިތަކާ ހެދި ކަމަށެވެ. އޮލިމްޕަހަށް ދިމާވި ގޮތް މިހާރު އެންމެނަށް ވެސް އެނގެއެއް ނޫން ހެއްޔެވެ. ނަމަވެސް މި ފިލްމު ޕްރިމިއާކުރަން އެންމެ ފުރަތަމަ އިއުލާނުކުރި ތާރީޚް ތަކުރާރުކޮށް ފަސްވުމަކީ ހަގީގަތުގައި ފިލްމަށް ލިބުނު ޕްލަސް ޕޮއިންޓެކެވެ. އެގޮތަށް ފަސްކުރަން ޖެހުމުން އިތުރު އެތައް ބަޔަކާ ހަމަ އަށް މި ފިލްމުގެ ވާހަކަ އޮތީ ގޮސްފަ އެވެ. އަދި ފިލްމު ނުކުންނާނެ އިރަކަށް ބަލަބަލައި ތިބި މީހުންގެ ޝައުގުވެރިކަން ދިޔައީ ބޮޑުވަމުންނެވެ. 7 - ބިންމާގެ ފޭނުން: މި ނޫހުގައި ޝާއިއުކުރާ ބިންމާގެ ވާހަކަތަކަށް ލިބޭ ކޮމެންޓްތައް ކިޔާލުމުން، ކިޔުންތެރިންގެ އަތްމަތީގައި ބިންމާ ހަމަޖެހިލައިގެން އޮތް އަރާމުކަން ހިތަށް ސިފަކޮށްލެވޭނެ އެވެ. އޭނާ ވަރުގެ ފޭނުން ގިނަ ދެ ވަނަ ވާހަކަ ލިޔުންތެރިޔަކު މި ވަގުތު ރާއްޖޭގައި ނެތެވެ. އެހެންކަމުން ބިންމާގެ "ޖިނާ" ދެކެ ލޯބިވެވުނު އެންމެން ވެސް ތިބީ "ފަތިސްހަނދުވަރުގެ ފެށުން" ފެށޭނެ އިރަކަށް ކެތްމަދުވެފަ އެވެ. 6 - އަޅާކިޔާލުން: ސްލޭމް ސްޓޫޑިއޯގެ އުފެއްދުމަށް ވުރެ ޑާކްރެއިންގެ އުފެއްދުން ރަނގަޅުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އޭރާއި މިހާރުގެ ތަފާތު އެންމެނަށް ވެސް އެނގޭތީ އެވެ. އެހެން ކަމުން "ފަތިސްހަނދުވަރުގެ ފެށުން" އޭގެ އޮރިޖިނަލް ފިލްމާ އަޅާކިޔާލަން ބޭނުންވެފައި ތިބި މީހުން ވަރަށް ވެސް ގިނަ އެވެ. މިއީ ވެސް މި ފިލްމަށް ގިނަ ބަޔަކު ކެތްމަދުވެފައި ތިބި ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. 5 - ޖިނާގެ ކެރެކްޓާ: މިއީ ދިވެހި ސިނަމާގައި އެންމެ މޮޅަށް ފައްކާކޮށްގެން މިހާތަނަށް ގެނެސްދިން ކެރެކްޓާއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. "ފަތިސްހަނދުވަރުގެ ފެށުން" ގައި ޖިނާގެ ކެރެކްޓާ މުއްސަނދިކޮށްފައިވާ ގޮތެއް އަދި ނޭނގެ އެވެ. ނަމަވެސް "ފަތިސްހަނދުވަރު" އާއި އޭގެ ވާހަކައިގައި އަދި "ޖިނާ" ގައި ބިންމާ މި ކެރެކްޓާ ހުށަހަޅައިދީފައިވާ ގޮތް އެންމެނަށް ވެސް އެނގެ އެވެ. ވަރަށް ވެސް ފުރިހަމަ އެވެ. ޖިނާގެ ގާބިލުކަމާ މެދު ޝައްކުކުރާނެ ދިވެއްސަކު ނެތެވެ. އެހެންކަމުން މި ކެރެކްޓާ އަށް ތްރީޑީގެ ޖާދޫއާ އެކު އަލުން ދިރުން ގެނެސް ހުށަހަޅައި ދިނުމުގެ ފުރުސަތު ޑާކް ރެއިން އަށް ލިބުމަކީ ޔަގީނުން ވެސް އެމީހުން އުފާކުރާނެ ކަމެކެވެ. 4 - ވިޝުއަލް އިފެކްޓްސް: "ފަތިސްހަނދުވަރު" އަކީ ވިޝުއަލް އިފެކްޓްސްއާ އެކު ދިވެހި ސިނަމާ އާ އުސްމިނަކަށް ގެންދިޔަ ފިލްމެކެވެ. އޭރަށް ބަލާއިރު އެ ފިލްމުގައި ބޭނުންކޮށްފައިވާ އިފެކްޓްސް އަކީ އޭގެ ކުރިން ދިވެހި ފިލްމަކުން ފެނިފައިވާ ފެންވަރުގެ އިފެކްޓްތަކެއް ނޫނެވެ. އެފަހުން މިހާރު 17 އަހަރެވެ. އެހެންކަމުން "ފަތިސްހަނދުވަރުގެ ފެށުން" ގައި ބޭނުންކޮށްފައިވާ ވިޝުއަލް އިފެކްޓްސްތައް މި ސިލްސިލާގެ ފެށުމަށް ވުރެ ހާސް ބައި މިހާރު ރަނގަޅުވާން ޖެހޭނެ އެވެ. މި ކޮލިޓީ ދެކިލުމަށް އިންތިޒާރުކުރާ ފަރާތްތައް ވެސް ގިނަކަން ޔަގީނެވެ. ޚަބަރު ލިބޭ ގޮތުން ސިއްސައިގެންދާ ވަރުގެ އިފެކްޓްސްތަކެއް ފިލްމުގައި ހިމެނެ އެވެ. 3 - ޖިނާގެ ގޮތުގައި ޔޫއްޕެ: ޖިނާގެ ކެރެކްޓާ އަށް ޔޫސުފް ޝަފީއު ފައްކާވެފައިވާ މިންވަރު ބަލާލުމަކީ ވެސް ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަމާ ގުޅިފައިވާ ކަމެކެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. "ފަތިސްހަނދުވަރު" ގައި ޖިނާގެ ރޯލު ކުޅުނު އޭރުގެ އެކްޓަރު ރީކޯ މޫސަ އެ ރޯލު ހުށަހަޅައިދިން ގޮތުންނެވެ. އެ ފެންވަރުގައި ދެ ވަނަ މީހަކަށް ޖިނާގެ ކެރެކްޓާ ހުށަހަޅައި ދެވިދާނެ ކަމަކަށް ގިނަ ބެލުންތެރިންނެއް ގަބޫލެއް ނުކުރެ އެވެ. އެހެންކަމުން މިއީ ޔޫއްޕެގެ އެކްޓިން ކެރިއަރުގައި އަންނާނެ އެންމެ ބޮޑު އިމްތިހާންކަން ޔަގީނެވެ. 2 - ފަތިސްހަނދުވަރުގެ ޕްރިކްއެލްއެއް: މި ފިލްމަށް "ފަތިސްހަނދުވަރުގެ ފެށުން" ގެ ބަދަލުގައި "ޖިނާ" ގެ ނަން ދިން ނަމަ ފަހަރެއްގައި މިހާރު ލިބިފައި އޮތް ވަރުގެ ސަމާލުކަމެއް ނުލިބި ހިނގައިދާނެ އެވެ. އެހެންކަމުން ނަމަކީ ވަރަށް ވެސް މުހިންމު އެއްޗެކެވެ. ވަކިން ހާއްސަކޮށް އެ ނަމެއްގެ ފަހަތުގައި ކާމިޔާބީއެއް ވާ ނަމަ އެ ނަމެއް ވަރަށް ވެސް މުހިންމު ވާނެ އެވެ. އަސްލަމް ރަޝީދު ޕްރޮޑިއުސްކުރި ކާމިޔާބު ފިލްމު "ފަތިސްހަނދުވަރު" އާ ގުޅުވައިގެން ފިލްމަށް ނަން ދީފައި ވުމަކީ ޔަގީނުން ވެސް ގިނަ ބައެއްގެ ސަމާލުކަން ޑާކްރެއިންގެ މި ފިލްމަށް ދަމައިގެންފައިވާ އެއް ސަބަބެވެ. "ފަތިސްހަނދުވަރު" ގެ ޕްރިކްއެލްއަކަށް މި ފިލްމުވުމަކީ އިތުރަށް ބެލުންތެރިން ޝައުގުވެރިވެފައިވާ ކަމެކެވެ. ކުރީގެ ފިލްމުގައި ހިނގައި ދިޔަ ކަންތަކުގެ ކުރިން ޖިނާ ތަޖުރިބާކޮށްފައިވާ ކަންތައް ބަލާލަން މި ކެރެކްޓާގެ ހުރިހާ ފޭނުން ވެސް ބޭނުންވާނެކަން ޔަގީނެވެ. 1 - ފުރަތަމަ ތްރީޑީ ފިލްމު: ދިވެހި ސިނަމާ އަށް އަންނަ ފުރަތަމަ ތްރީޑީ ފިލްމަށް މި ފިލްމުވުމަކީ ޔަގީނުން ވެސް ގިނަ ބަޔަކު މި ފިލްމު ބަލާލަން ކެތްމަދުވެފައި ތިބި މައިގަނޑު ސަބަބެވެ. ހަގީގަތުގައި މި ފިލްމުގެ އެންމެ ބޮޑު "ބްލެސިން" އަކީ ވެސް ފިލްމުގެ މި ކޮލިޓީ އެވެ. ތްރީޑީކޮށް ދިވެހި ފިލްމެއް ބަލާލަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ އެފަދަ ތަޖުރިބާއެއް ހިތިގޮތަކަށް ނިމިގެން ދިޔަޔަސް އަދި ފޮނިމީރު ކަމާ އެކު ނިމިގެން ދިޔަޔަސް، ދިވެހިން އުފެއްދި ފުރަތަމަ ތްރީޑީ ފިލްމު ބެލުން ވެގެންދާނީ ބެލުންތެރިންނަށް ވެސް ލިބޭނެ ފަހުރަކަށެވެ. އަނެއްކޮޅުން ފިލްމުގެ ޕްރޮޑިއުސަރު މޮގާ ބުނެފައި ވަނީ "ފަތިސްހަނދުވަރުގެ ފެށުން" ގެ ތްރީޑީ ތަޖުރިބާ ދެރައެއް ވެސް ނުވާނެ ކަމަށެވެ. ފިލްމުގެ ތްރީޑީ ޓްރެއިލާ ބެއްލެއްވި ފަރާތްތަކުން އެކަން ގަބޫލުކުރާނެ އެވެ. އެހެންކަމުން ތްރީޑީކޮށް "ފަތިސްހަނދުވަރުގެ ފެށުން" ގެނެސްދިނުމަކީ މި ފިލްމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މައިގަނޑު ސަބަބެވެ. ތަފާތު އުފެއްދުންތަކެއް ބަލާލަން ނުލިބޭ ފިލްމީ ދާއިރާގައި މިވަރުގެ ބޮޑު ތަފާތެއް ބެލުންތެރިންނާ ހަމަ އަށް ގެނެސްދެވޭނެ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ