ހެނދުނު އަގެއް، ހަވީރު އަގެއް!

މި ރޯދަ މަހަކީ މިފަހުގެ ތާރީހުގައި މުދަލުގެ އަގުތައް އެންމެ މަތީ މަހެކެވެ. ބައެއް މީހުން ތިބެނީ އަގު ހެޔޮވާނެ އިރަކަށް ބަލަބަލަ އެވެ. ސަބަބަކީ ބާޒާރުމަތީގައި ބައެއް ވަގުތުތަކުގައި ކާބޯތަކެތީގެ އަގުތަކަށް ބަދަލު އަންނާތީ އެވެ.! ހެނދުނާއި ހަވީރު ބާޒާރުން އެކަން ފާހަގަކުރެވެ އެވެ. ހެނދުނު ބާޒާރުގައި ކެބެޖު ކިލޯއެއް 65ރ. އަށް ހުރިއިރު، ހަވީރު 5:30 ވާން ކައިރިވެފައި ވަނިކޮށް ކެބެޖު ކިލޯއެއް 55ރ. އަށް ލިބެ އެވެ. އަދި ކަރާ ކިލޯއެއް 18ރ. އާއި 25ރ. އާ ދެމެދު ހެނދުނު ހުރިއިރު، އިރު އޮއްސެން ކައިރިވެފައި ވަނިކޮށް ކަރާ ހުރީ 15ރ. އާއި 16ރ. އާ ދެމެދު އަގުތަކެއްގަ އެވެ. އަދި 60ރ. އާއި 80ރ. އާ ދެމެދު އަގުތަކެއްގައި ހުރި ބަނބުކޭލެއް ހަވީރު ލިބެން ހުރީ 30ރ. އަށެވެ. މީގެ އިތުރުން 45ރ. އާއި 50ރ. އާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުރި ކައްޓަލަ ކިލޯއެއް ލިބުނީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ބައެއް ބާވަތްތަކުގެ އަގުތައް ބަދަލުވި ނަމަވެސް، އަގަށް ބަދަލެއް ނާންނަ ބާވަތްތައް ވެސް ހިމެނެ އެވެ. އެފަދަ އެއް ބާވަތަކީ ދޮންކޭލެވެ. ދޮންކެޔޮ ވަކެއް ހެނދުނު ގަޑީގައި 10ރ. އާއި 8ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ހަވީރު ވެސް ހުރީ ހަމަ އެ އަގުގަ އެވެ. އަދި ގަބުޅީގެ އަގުތައް ވެސް ހުރީ ހަމަ 15ރ. ގަ އެވެ. ދަނޑުވެރިން ބުނާ ގޮތުގައި ދޮންކޭލުގެ އަގު ހެޔޮ ނުވާ އެއް ސަބަބަކީ ރޯދައަށް މުދާ ހިފައިގެން ފުރި ބައެއް ބޯޓުފަހަރު އަދި މާލެ އަންނަން ނުފެށުމެވެ. "މިހާރު ބާޒާރުގައި ދޮންކެޔޮ މަތީ. އެހެންވެ އަގުތައް މަތިވަނީ. މިދިޔަ އަހަރުގެ ރޯދަ މަހު ވަރަށް ގިނައިން ބާޒާރުގަ ދޮންކެޔޮ ހުރި. އެކަމަކު މި އަހަރު ނެތީ،" ދަނޑުވެރިއަކު ބުންޏެވެ. ބައެއް ބާވަތްތައް ބާޒާރުގައި މަދުވެގެން އަގުތައް މަތިވެފައިވާ ކަމަށް ދަނޑުވެރިން ބުނެފައިވާއިރު، މިއީ އަގު ކޮންޓްރޯލް ކުރަން ދަނޑުވެރިން ބޭނުންކުރާ "އުކުޅެއް" ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. "ދަނޑުވެރިން ރާވައިގެން ކުރާ ކަމެއް މިއީ. އަގު ކޮންޓްރޯލްކުރަން މާ ގިނައިން ކަރާ ނުގެންނަނީ. އެހެންވެ އަގުތައް ދަށް ނުވަނީ،" މާރުކޭޓުގައި ކަރާ ވިއްކަން ހުރި މީހަކު އިއްޔެ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ