އިންތިހާބުގައި ޕީޕީއެމް ފޭލްވެއްޖެ ނަމަ މުޅި ގައުމު ވެސް ފޭލްވެގެންދާނެ: މައުމޫން
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަކީ ވަރަށް ބޮޑު ގައުމީ އިމްތިހާނެއް ކަމަށާއި އެ އިމްތިހާނުގައި ޕީޕީއެމް ފޭލްވެއްޖެ ނަމަ މުޅި ގައުމު ވެސް ފޭލްވެގެންދާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ. އާޓިފިޝަލް ބީޗުގައި ބޭއްވި ޕީޕީއެމާއި އެމްޑީއޭ ކޯލިޝަން ޖަލްސާގައި މައުމޫން ވިދާޅުވީ އިންތިހާބުގައި ޕީޕީއެމް ފާސްވެއްޖެ ނަމަ ރާއްޖެ އަށް ނަސްރާއި ކާމިޔާބު ލިބިގެންދާނެ ކަމަށެވެ. އިންތިހާބަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ވަރަށް ބޮޑު ގައުމީ ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އިހުމާލުން ނުވަތަ ފަރުވާކުޑަކަމުން އިމްތިހާނުން ފޭލްވެއްޖިއްޔާ އަޅުގަނޑުމެންނާ އެކީ ގައުމު ވެސް ދާނީ ފޭލްވަމުން،" މައުމޫން ވިދާޅުވި އެވެ. "އިންތިހާބަކީ ސިޔާސީ ކަމެއް ނޫން، ގައުމީ ކަމެއް. ގައުމީ މަސްލަހަތު ވަރަށް ބޮޑަށް ހިމެނިގެންވާ ކަމެއް. ކުރިއަށް އޮތް ފަސް އަހަރު ރާއްޖެ އޮންނާނެ ގޮތް ނިމިގެންދާނީ އަޅުގަނޑުމެން ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ވޯޓުދޭނެ ގޮތަކުން." މައުމޫން ވިދާޅުވި ގޮތުގައި ރާއްޖެ އަށް ކުރިއެރުމާއި ތަރައްގީ ހޯދުން ނުވަތަ ގައުމު މިހާރު އޮތް ހިސާބުން ފަހަތަށް ގެންދިއުން ވެސް އޮތީ ރައްޔިތުންގެ އަތްމަތީގަ އެވެ. ރާއްޖެ އޮންނާނީ ބޭރު ދުނިޔޭގެ ގަދަރު ލިބިގެންވާ ގައުމެއްގެ ގޮތުގައިތޯ އަދި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފުދުންތެރި ގައުމެއްގެ ގޮތުގައިތޯ ނޫންތޯ މި އިންތިހާބުގައި ކަނޑައަޅަން ޖެހޭ ކަމަށް ވެސް މައުމުން ވިދާޅުވި އެވެ. ޕީޕީއެމުން އިންތިހާބު ކާމިޔާބުކުރަން ޖެހެނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިން މޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދަށް މުއްސަނދިކަން ހޯދައިދޭން ނޫން ކަމަށާއި އެ ދެ މީހުން އިންތިހާބުކުރަނީ ރާއްޖެ އަށް ކުރިއެރުން ހޯދައިދޭން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަނަށް އިޝާރާތްކުރައްވައި ވިދާޅުވީ އެއީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ވަރަށް ބޮޑު އުއްމީދެއް ލިބުނު ކޯލިޝަނެއް ކަމަށެވެ. އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމަކީ ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ އިގްތިސާދީ މާހިރެއް ކަމަށް ވިދާޅުވެ ސިޔާމަށް ތައުރީފް ވެސް ކުރެއްވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް އަދިވެސް ގިނަ މަސައްކަތްތައް ކުރަން ޖެހެ އެވެ. ފެންނަ އުފާވެރި މަންޒަރުތަކަށް ބަލައިގެން ހިތްހަމަޖައްސާލައިގެން ތިބެގެން ނުވާނެ ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިންތިހާބަށް ސަމާލުކަންދީގެން މަސައްކަތްކޮށްދެއްވުމަށް ޕާޓީގެ މެމްބަރުންގެ ކިބައިން މައުމޫން އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ