މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ލާއިންސާނީ އަމަލުތައް ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށް އެކަންކަން ބަލަން މިނިވަން ކޮމިޝަނެއް އުފެއްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ބޭރުކޮށްލައިފި އެވެ.
މި ގަރާރަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުގެ ގަރާރެކެވެ. މި ގަރާރު މަޖިލީހަށް ބަލައިނުގަންނަ ކަމަށް ފާސްވީ ވޯޓްގައި ބައިވެރިވި 68 މެމްބަރުންގެ ތެރެއިން 40 މެމްބަރުން ވޯޓުންނެވެ. ފެންނަ ކަމަށް 28 މެމްބަރުން ވޯޓް ދެއްވި އެވެ.
މީހުންގެ ހައްގުތައް ނިގުޅައިގަނެގެނެ ރައީސް މައުމޫންގެ ވެރިކަމުގައި ހިންގާފައިވާ ކަންކަން ތަހުގީގު ކުރުމަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ޕީޕީއެމަށް ނިސްބަތްވާ ގިނަ މެންބަރުން ވިދާޅުވީ އެއީ އަބުރު ކަތިލުމުގެ ގަރާރެއް ކަމަށެވެ. ވަކި ފަރާތެއްގެ އަބުރު ކަތިލުމަށް ގަރާރުތައް ހުށަހަޅައި ރައްޔިތުންގެ މަޖިލީހަކީ ތަހުގީގީ އިދާރާއަކަށް ހަދައިގެން ނުވާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
މަޖިލީހުގެ މެންބަރުން މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވި ބަހުސް ކުރި، މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން މައުމޫން އަބްދުލްގައްޔޫމް ގަސްދުގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ ހުށަހަޅުއްވި ޤަރާރުގެ ބަހުސުގަ އެވެ.
މި ގަރާރަށް ބަހުސް ކުރުމުގެ ފަހު މަރުހަލާގައި މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ މި ގަރާރުގައި ބުނާ ކަންކަން ބެލުމަށް މިނިވަން ކޮމިޝަނެއް އުފައްދަން ބުނެފައިވާއިރު ރާއްޖެއަކީ ދައުލަތުގެ ބަޖެޓާ ނުބައްދަލު ވަރަށް ކޮމިޝަންތައް ހަދާފައިވާ ރާއްޖެއެއް ކަމަށާއި މީގެ ކުރިން އުފެއްދި ރިޔާސީ ކޮމިޝަނަށް ވެސް ކުރީގެ ރައީސް މައުމޫން ކުރެއްވި ކަމަށް ބުނާ އެއްވެސް ކަމެއް ސާބިތު ކުރެވިފައިނުވާ ކަމަށެވެ.
މަޖިލީހުގެ ވަގުތު ބޭކާރުކޮށްލުމުގެ ބަދަލުގަ މިފަދަ މައްސަލަތައް ބަލަން ހެދިފަވާ މުއައްސަސާތަކަށް މި މައްސަލަ ހުށަހަޅައިގެން ބަލަން ގޮވާލާ ކަމަށް ވެސް އަޒީ ވިދާޅުވި އެވެ.
މައުމޫންގެ ވެރިކަމުގަ ގައުމުގެ އިގްތިސާދު ފުނޑުފުނޑު ކޮށްލަން މަސައްކަތްތަކެއް ކުރައްވާފައިނުވާ ކަން ފާހަގަކުރައްވާ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ރައްޔިތުންނާއި ގައުމަށް ގެއްލުންތަކެއް ލިބިފަނުވާ ކަމަށެވެ. އޭގެ ބަދަލުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި ރިޔާސީ ކޮމިޝަނަށް މައުމޫން ކުރެއްވި ކަމަށް ބުނާ އެއްވެސް ކަމެއް ސާބިތު ކޮށްދެވިފައި ވެސް ނުވާ ކަމަށެވެ.
މިގަރާރަކީ) އެއްވެސް ބުރަދަނެއް ހުރި ގަރާރެއް ނޫން ކަމަށް ސިފަ ކުރައްވާ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ މިފަދަ ގަރާރުތައް މަޖިލީހަށް ހުށަހަޅައި ބަހުސް ކުރުމަށްވުރެ ރައްޔިތުންނަށް ފައިދާހުރި މުހިންމު ގިނަ ބިލްތަކެއްގެ މަސައްކަތް އެބަހުރި ކަމަށެވެ. އެހެން ކަމުން ވަގުތު ބޭކާރު ކޮށްލުމަށްވުރެ މަޖިލީހުން ނުނިމި ހުރި މަސައްކަތްތަކާއިގެން ކުރިއަށް ދިޔުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ ކުރީގެ މައުމޫންގެ ވެރިކަމުގަ ގައުމަށް ކޮށްދެއްވި ޚިދުމަތްތައް ފެންނަން އެބަހުރި ކަމަށާއި
އަދި މި ގަރާރު ހުށަހެޅުއްވި މެންބަރު ނިއސްބަތްވާ އެމްޑީޕީއަކީ ފިތުނަ ފަސާދައިގަ އޮންނަ ޕާޓީއެއް ކަމަށެވެ. ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބް ވިދާޅުވީ ރާއްޖެއަށް ނުރައްކަލެއް އޮތް ކަމަށްވާނަމަ އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށާއި މައުމޫންގެ ވެރިކަމުގައި ކޮށްފައިވާ ކަމަށް ބުނާ އެއްވެސް ކަމެއް މިއަދާ ހަމައށް ވެސް ބެލިފަ ނުވާއިރު ކުރީގެ ރައީސް ނަޝީދުގެ ގައުމާއި ރައްޔިތުންނަށް ޚިޔާނާތްތެރި ވުމުގެ މައްސަލަތައް މިހާރުވެސް ކޯޓުތަކުގައި ބަލަމުން އަންނަ ކަމަށެވެ.
"އެހެން ކަމުން މިއަދު މިގައުމުގެ މިނިވަން ކަން ގެއްލޭ ފަދަ ކަމެއް ކޮށްފަވާ ނަމަވެސް އެކަން ކުރެއްވީ ކުރީގެ ރައީސް ނަޝީދު،" މުއްތަލިބު ވިދާޅުވި އެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަފީޤް ހަސަން ވިދާޅުވީ މުޖުތަމައުގައި ކުށްކުރުން އިތުރުވެފަވަނީ ރައީސް ނަޝީދުގެ ސަރުކާރުން ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށާއި މިފަދަ ގަރާރުތަކަށް ބަހުސް ކުރުމަށްވުރެ މެންބަރުން ވެސް ގައުމުގައި ހުރި އެފަދަ ކަންތައްތަކަށް ސަމާލުކަން ދެއްވުން ރަނގަޅުވާނެ ކަމަށެވެ. ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤު މުފީދު ވިދާޅުވީ މިފަދަ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝާންތަކާއި މުއައްސަސާތަކާއި މި މައްސަކަތް ހަވާލު ކުރުމަށް ގޮވާލާ ކަމަށާ މިއީ މަޖިލީހުގައި ނަގާލެވޭ ބޭކާރު ވަގުތު ތަކެއް ކަމަށެވެ.
ގަރާރަށް ފަހު ބަސް ވިދާޅުވުމަށް ގަރާރު ހުށަހެޅުއްވި މެންބަރު މެންބަރު މުހައްމަދު ރަޝީދަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ރައްޔިތުންނަށް އެތައް އަނިޔާއެއް ދިނުމަށްފަހު ކޮރަޕްޝަންގެ އެތައް އެތައް ކަންތައްތައްތަކެއް ހިންގާފައިވާ ކަމަށެވެ.
މައުމޫން ސަރުކާރުގެ "އަނިޔާތައް" ބެލުމުގެ ގާރާރު ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ